ޗައިނާއާއި އެކުވެރި ޢަރަބި އިމާރާތް ގުޅިގެން ވައިގެ ޢަސްކަރީ ތަމްރީނުތަކެއް މި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޗައިނާގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއަދު އެ ވުޒާރާއިން ހާމަކުރިގޮތުގައި މި ތަމްރީންތައް ބޭއްވޭނީ އެ ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ތަމްރީންތަކުގެ ނަމަކީ "ފެލްކަން ޝީލްޑް" އެވެ. މި ތަމްރީންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ޝިންޖިއެންގް ސަރަޙައްދުގައެވެ. މި ތަމްރީނުތައް ބޭއްވޭނީ މި ފެށޭ އޮގަސްޓް މަހުގައެވެ. އެހެނަސް ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ. މިއީ ޗައިނާއާއި އިމާރާތާ ދެމެދުގައި ބޭއްވޭ ވައިގެ ފުރަތަމަ ތަމްރީނެވެ.
ޗައިނާ ބުނާގޮތުގައި "މި ތަމްރީންތައް ބޭއްވުމުގެ މަޤްޞަދަކީ ތަޖްރިބާ ބަދަލުކުރުން ފުންކުރުމާއި އެ ދެ ޤައުމުގެ ދެ ލަޝްކަރުގެ ދެމެދުގައި އިތުބާރު ހަރުދަނާކުރުމާއި އެ ދެ ޤައުމުގެ ޢަސްކަރިއްޔާގެ ދެމެދުގައި އެއްބާރުލުން ރަނގަޅުކުރުމެވެ."