Support Us

ނައިޖަރުގެ އިންޤިލާބަށް ތާއީދުކޮށް މުޒާހަރާކޮށްފި

 ނައިޖަރުގައި ސިފައިން ގެނައި އިންޤިލާބަށް ތާއީދުކޮށް ވެރިރަށް ނިޔާމީގައި މިއަދު މުޒާހަރާތައް ބާއްވައިފިއެވެ.

މުޒާހަރާގެ ބައެއް ބައިވެރީން އެ ޤައުމުގައި ހުންނަ ފަރަންސޭސި އެންބެސީއަށް ޙަމަލާދީ އެތާނގެ ދޮރޯށްޓެއްގައި ހުޅުޖެހިކަމަށް ރޮއިޓަޒުން ބުންޏެވެ. އަނެއްކޮޅުން އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި އެފްރިކާގެ 14 ޤައުމަކުން މި އިންޤިލާބު ކުށްވެރިކޮށް އިންޤިލާބީ އިސްވާރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މިއަދު ވަނީ ނިންމައިފައެވެ.

ނައިޖަރުގެ ރައީސް މުޙައްމަދު ބާޒޫމާ ދެކޮޅަށް ބަޣާވަތްކޮށް އިންޤިލާބު ގެނައީ ރިޔާސީ ހަށިފާރަވެރީންގެ ބާރުންނެވެ. މިބައިމީހުން ގެނައި އިންޤިލާބަށް ނައިޖަރުގެ ޢަސްކަރީ ބާރުތަކުން ވަނީ ތާއީދުކޮށްފައެވެ. ރައީސް ބާޒޫމަކީ ނައިޖަރުގައި އިންތިޚާބަކުން ވެރިކަމަށް އިސްކުރި އެންމެ ފުރަތަމަ ރައީސެވެ. 

ފަރަންސޭސިވިލާތުން މި އިންޤިލަބާ ދެކޮޅުހަދައެވެ. ޕެރިސް ބުނާގޮތުގައި އެ ޤައުމުގެ ރައްޔިތަކަށް އަނިޔާކޮށްފިނަމަ ފަރަންސޭސިވިލާތުން ވަގުތުން ރައްދު ފިޔަވަޅު އަޅާނެއެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މުޒާހަރާގެ ބައެއް ބައިވެރިން ފަރަންސޭސި އެންބަސީ ތެރެއަށް ވަންނަން ވެސް މަސައްކަތް ކުރިއެވެ. އެންބެސީގައި ހުރި ނަން ބޯޑު ނައްޓައިލައި އެތާނގައި ރަޝިޔާއާއި ނައިޖަރުގެ ދިދަ ހަރުކުރިއެވެ. މުޒާހަރާގެ ބައިވެރިން "ޒިންދާބާދު ރަޝިޔާ" އޭ ކިޔާ އަޑު އުފުލިއެވެ. 

ހުޅަނގު އެފްރިކާގެ އިޤްތިޞާދީ ޖަމާއަތް ކަމުގައިވާ އެކްވާސްގެ ޒަޢީމުން މިއަދު ކުއްލި ބައްދަލުވުމެއް ނައިޖީރިޔާގައި ބާއްވަވާ ނައިޖަރުގެ ޢަސްކަރީ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމެވިއެވެ. ރައީސް ބާޒޫމް ވައްޓައިލުމުގައި ބައިވެރިވެވަޑައިގެންނެވި ނައިޖަރުގެ ޢަސްކަރީ ވެރިންނާ ދެކޮޅަށް މާލީ ފިޔަވަޅުތައް އެޅުމަށާއި އެ ބޭފުޅުން ބޭރަށް ދަތުރުފުޅުތައް ކުރެއްވުން މަނާކުރުމަށް ނިންމެވިއެވެ. 

ނައިޖަރުގެ އިންޤިލާބީ ވެރީން ތުހްމަތު ކުރައްވާ ގޮތުގައި އެކްވާސްގެ ޒަޢީމުން ދަނީ ނައިޖަރަށް ޙަމަލާދެއްވުމަށް ރާއްވަވަމުންނެވެ. އެކްވާސްއާ ދެކޮޅަށް މުޒާހަރާކުރުމަށް ނައިޖަރުގެ އިންޤިލާބީ ވެރިން އިއްޔެ ވަނީ ޢާންމު ރައްޔިތުންނަށް ގޮވައިލައްވައިފައެވެ. 

މި މަހު 28ގައި ރައީސް ބާޒޫމް ވެރިކަމުން ޢަޒްލުކުރުމަށް ފަހު ނައިޖަރުގައި ވެރިކަން ހިންގުމަށް ޓަކައި އިންތިޤާލީ މަޖިލީހެއް އެކުލަވައި ވަގުތީ ރައީސްކަމަށް ރިޔާސީ ހަށިފާރަވެރީންގެ ލަޝްކަރުގެ ވެރިޔާ ޖެނެރަލް ޢުމަރު ޢަބްދުއްރަޙްމާނު ތިޔާނީ އިސްކުރިއެވެ. 

އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖްތަމަޢާއި އދ އިން މި އިންޤިލާބު ވަނީ ކުށްވެރިކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *