Support Us

ފަލަސްޠީނުގެ ޖަމާޢަތްތަކުގެ ބައްދަލުވުން މިޞްރުގައި ފަށައިފި

ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުގެ ބައްދަލުވުމެއް މިއަދު މިޞްރުގެ އަލްޢަލަމައިނި ސަހަރުގައި ފަށައިފިއެވެ. މިއީ އެ ޖަމާޢަތްތަކުގެ އަމީން ޢާންމުންގެ ފެންވަރުގައި ބޭއްވޭ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ބަޙުސްކުރެވޭނީ ފަލަސްޠީނުގެ ޖަމާޢަތްތަކުގެ މެދުގައި ހުރި ދެބަސްވުންތައް ނައްތައިލުމާ ބެހޭގޮތުންނާއި އެންމެން އެއްބަސްވާ ވަޠަނީ ސިޔާސީ މާރެހެއް އެކުލަވައިލުމަ ބެހޭގޮތުންނެވެ. 

ފަލަސްޠީނުގެ ޖަމާޢަތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ތިން ޖަމާޢަތެއް ބައިވެރިއެއް ނުވެއެވެ. އެއީ އިސްލާމީ ޖިހާދު ޖަމާޢާތާއި ޕޮޕިޔުލަރ ފްރޮންޓާއ (ޖެނެރަލް ކޮމާންޑް) އާއި ޞާޢިޤާ ޖަމާޢަތެވެ. މި ތިން ޖަމާޢަތް ވަކިވަކިން ހާމަކުރިގޮތުގައި އެ ތިން ޖަމާޢަތުން މި ބައްދަލުވުން ބޮއިކަޓް ކުރަނީ ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއިން ސިޔާސީ ސަބަބުތަކާ ހެދި ހައްޔަރުކޮށްފައިވާ އެ ޖަމާޢަތްތަކުގެ މީހުން ދޫކޮށްނުލާތީއެވެ. އެހެނަސް އިސްލާމީ ޖިހާދު ބުނާގޮތުގައި އިސްރާއީލާ ދެކޮޅަށް ފަލަސްޠީނުން އެއްބަސްވެފައިވާ ވަޠަނީ މާރެހާ ޚިލާފުނުވާނަމަ މި ބައްދަލުވުމުގެ ނިންމުންތަކަށް އިސްލާމީ ޖިހާދު ޖަމާޢަތުން އިޙްތިރާމު ކުރާނެއެވެ.

މި ޖަމާޢަތުގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ ޚިޟްރު ޙަބީބު ވިދާޅުވާގޮތުގައި އެ ޙަރަކާތުން މި ބައްދަލުވުމުގައި ބައިވެރިނުވަނީ ފަލަސްޠީނު ސަރުކާރުން ހައްޔަރުކޮށްފައިވާ އެ ޖަމާޢަތުގެ ބޭފުޅުން ދޫކޮށްލުމާ ދެކޮޅުހަދާތީއެވެ .އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުން ކާމިޔާބު ބައްދަލުވުމަކަށް ނުވާނެއެވެ. 

ޕޮޕިޔުލަރ ފްރޮންޓް (ޖެނެރަލް ކޮމާންޑް) ގެ ސިޔާސީ އޮފީހުގެ މެންބަރެއް ކަމުގައިވާ ލުއައްޔު އަލްޤަރްޔޫތީ ވިދާޅުވާ ގޮތުގައި އެ ޖަމާޢަތުގެ ބަޔަކު ހައްޔަރުކޮށްގެން އުޅޭ ބަޔަކާއެކު ވާހަކައެއް ނުދެއްކޭނެއެވެ.  

ރައީސް ޢައްބާސާއި އޭނާގެ ވަފްދު އިއްޔެ ވަނީ މިޞްރަށް ވަޑައިގަންނަވައިފައެވެ. 

ޙަމާސުން މި ބައްދަލުވުމުގައި ބައިވެރިވާ ވަފްދުގެ ރައީސަކީ އެ ޖަމާޢަތުގެ ރިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢީލު ހަނިއްޔާއެވެ. 

ފަލަސްޠީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޕޮޕިޔުލަރ ފްރޮންޓް ވަފްދުގެ ވެރިޔަކީ އެ ޖަމާޢަތިގެ އަމީން ޢާންމުގެ ނައިބު  ޖަމީލް މުޒްހިރެވެ.

ޙަމާސް ވަފްދުގެ ރައީސް ހަނިއްޔާގެ މުޝީރު ޠާހިރުއްނޫނޫ ވިދާޅުވާ ގޮތުގައި ޙަމާސުން އެދެނީ އިސްރާއީލާއެކު މުޢާމަލާތު ކުރާނެ ޤައުމީ މަޝްރޫޢެއް މި ބައްދަލުވުމުން ދުނިޔެއަށް އަންނާނެ ކަމަށެވެ. 

ރައީސް ޢައްބާސް މި ބައްދަލުވުން ބޭއްވުމަށް ގޮވައިލެއްވީ މި މަހު 10ވަނަ ދުވަހު އިސްރާއީލުން ޖަނީނަށް އަރައި ދިން ދެ ދުވަހުގެ ޢުދްވާނާ ވިދިގެންނެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *