Support Us

ކްރެމިޔާއަށް ވަރަށް އަވަހަށް އަރާނެކަމުގެ އިންޒާރު ޔުކްރޭނުން ދީފި

ޔުކްރޭނުން ވަރަށް އަވަހަށް ކްރެމިޔާ ސަރަޙައްދަށް އަރާނެ ކަމަށް ޔުކްރޭންގެ ޢަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް ބޮޑަނޯވް ވިދާޅުވެއްޖެއެވެ. އޭނާ ޔުކްރޭންގެ ޓީއެސްއެން ޗެނެލާ ވާހަކަފުޅު ދައްކަވަމުން ރަޝިޔާއަށް ދެއްވި މި އިންޒާރުގެ އެއްވެސް ތަފްޞީލެއް ނުދެއްވައެވެ.

އަނެއްކޮޅުން ހަނގުރާމައަށް ބަލާއިރު އެއްދުވަހުގެ ތެރޭގައި ޔުކްރޭނުގެ 44 ޑްރޯން ވައްޓައިލައިފައިވާނޭ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. މި ވުޒާރާއިން އިޝާރާތްކުރި ގޮތުގައި މޮސްކޯ ސަރަޙައްދު ތެރެއިން ދެ ޑްރޯނާއި މޮސްކޯގެ ސިޓީ ޓަވަރުތައް މަތިން ދެ ޑްރޯން ވައްޓައިލިއެވެ. މި ޑްރޯންތަކުގެ ތެރެއިން އެކަތި އެއިން ޓަވަރެއްގައި ޖެހިވެއްޓުމުގެ ސަބަބުން އެކަކު ޒަޚަމުވިއެވެ. ޔުކްރޭންގެ މި ޙަމަލާއާ ހެދި މޮސްކޯގެ ވައިގެ ސަރަޙައްދު ކުޑައިރުކޮޅަކަށް ބަންދުކޮށް ފްލައިޓްތައް އެހެން ވައިގެ ބަނދަރަކަށް ބަނދަރުކުރަން ވެސް ޖެހުނެވެ.

މޮސްކޯ ސިޓީގެ މޭޔަރ ސަރްގީ ސޮބިޔަނިން ހާމަކުރެއްވި ގޮތުގައި މި ޑްރޯންތަކުން ޑްރޯނެއް ޓަވަރެއްގައި ޖެހުމުގެ ސަބަބުން އެ ޓަވަރަށް ކުޑަކޮށް ގެއްލުން ލިބުނެވެ. އެ ޑްރޯން ޓަވަރުގައި ޖެހުނީ ވައްޓައިލުމުންނެވެ.

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވި ގޮތުގައި އެމެރިކާއާއި ނޭޓޯއިން ކިޔީވަށް އެހާ ވަރަށް އެހީވަމުން ނުދާނަމަ މިފަދަ ޙަމަލާއެއް ދިނުމަކީ މުސްތަޙީލުކަމެކެވެ.  

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޔުކްރޭނުން ކްރެމިޔާގެ ތަފާތު ތަންތަނަށް ޙަމަލާދެވޭތޯ 25 ޑްރޯން ފޮނުވައިލައިފާ ވެއެވެ. އެ ވުޒާރާ ބުނާގޮތުގައި އޭގެތެރެއިން 16 ޑްރޯން ވައްޓައިލީ ވައިގެ ދިފާޢުތަކުންނެވެ. އެހެން ޑްރޯންތައް ވައްޓައިލެވުނީ އިލެކްޓްރޯނިކް ވަސީލަތްތަކުންނެވެ. މި އެއްޗެހިތައް އޭގެ އަމާޒަށް ވާޞިލްވުމުގެ ކުރިން ވަނީ ހަލާކުކޮށްލައި ވައްޓައިލައިފައެވެ. ރޫސީ ދިފާޢީ ވުޒާރާގެ ބަޔާން ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ނުލިބެއެވެ. 

އަނެއްކޮޅުން ޔުކްރޭނުން ބުނާގޮތުގައި ރޭ ރަޝިޔާއިން އެ ޤައުމުގެ އިރުދެކުނު ސަރަޙައްދަށް ޑްރޯން ޙަމަލާތަކެއް ދިނެވެ. ޔުކްރޭނުން ހާމަކުރިގޮތުގައި ރަޝިޔާއިން ޑްނިޕްރޯއާއި ޚަރްސަން ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި ބައިވެރިވި ޑްރޯންތަކުގެ ތެރެއިން ހަތަރު ޑްރޯން ވައްޓައިލިއެވެ.

ޔުކްރޭންގެ ޗީފް އޮފް ސްޓާފްގެ އޮފީހުން ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނުގެ ބިމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވައިގެ 33 ޙަމަލާއާއި މިސައިލްގެ އަށް ޙަމަލާ ދީފައިވެއެވެ. އަދި ބޮޑުބަޑީގެ 53 އުންޑަ ފޮނުވައިލައިފާ ވެއެވެ. މި އޮފީސް ބުނާގޮތުގައި ޔުކްރޭން ސިފައިން ރޫސީ ސިފައިން ތިބި ތަންތަނަށް ވައިގެ ނުވަ ޙަމަލާދިނެވެ. 

ޞުލްޙަޔާ ބެހޭ އިސްނެގުންތައް

ސިޔާސީ މައިދާނަށް ބަލާއިރު ރޫސީ ޚާރިޖިއްޔާ ބުނާގޮތުގައި ޔުކްރޭންގެ ޞުލްޙަޔާ ބެހޭގޮތުން 30 އިސްނެގުން ރަޝިޔާއަށް ލިބިފައި އެބަ އޮތެވެ. 

ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި ޗައިނާއާއި އެފްރިކާގެ އިސްނެގުންތައް ޞުލްޙައިގެ އަސާސެއް ކަމުގައި ބެލިދާނެއެވެ. އެހެނަސް އޭނާ ވިދާޅުވި ގޮތުގައި އެފްރިކާގެ އިސްނެގުމަކީ ތަންފީޒު ކުރަން ފަސޭހަ އިސްނެގުމަކަށް ނުވާނެއެވެ. އެއީ މި އިސްނެގުމުގައި ހަނގުރާމަ ހުއްޓުމަށް ގޮވައިލައިފައިވާތީއެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭންގެ އިދިކޮޅު ޙަމަލާގެ ސަބަބުން ހަނގުރާމައެއް ނުހުއްޓޭނެއެވެ.

ޔުކްރޭނުގެ ރިޔާސީ އޮފީހުން ބުނާގޮތުގައި ހަނގުރާމަ ހުއްޓޭނީ ރައީސް ޒިލެންސްކީގެ ޝަރްޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *