ޕީ.ޕީ.އެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފިއެވެ. އެކަން ވަނީ ޕްރޮގްރެސިވް ކޮންގްރެސްގެ ލީޑަރު އަބްދުއްރަހީމު ކަށަވަރުކޮށްދެއްވައިފައެވެ.
"ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސެވި ވާހަކަ އެއީ ތެދެއް،" އަބްދުއްރަހީމު "އަދިވެސް" އަށް ކަށަވަރުކޮށްދެއްވިއެވެ.
ފުވައްމުލަކަށް އުފަން ޑރ. ޖަމީލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ޔާމީންގެ ރަނިންމޭޓުކަން ކުރެއްވި، އަދި އިންތިހާބު ކާމިޔާބުކުރައްވައި ނައިބު ރައީސްކަން ވެސް ކުރެއްވި ގާނޫނީ ތަޖުރިބާކާރެކެވެ. ނަމަވެސް ފަހުން، ޑރ. ޖަމީލާ ހިޔާލު ތަފާތުވެ، ރައީސް ޔާމީން ވަނީ ޑރ. ޖަމީލްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓު ނަގައި، މަގާމުން ދުރުކޮށްފައެވެ. އެއާއެކު އިނގިރޭސިވިލާތުގައި ހުންނަވައިގެން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، ޑރ. ޖަމީލް ގެންދެވ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބުގައި ޑރ. ޖަމީލް މަސައްކަތް ކުރެއްވީ ވެސް ރައީސް ޔާމީނާ ދެކޮޅަށެވެ. (ރައީސް ޔާމީން 2018 ވަނަ އަހަރު ރަނިންމޭޓަކަށް ނެރުއްވީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމެވެ.) ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން، އެމް.އެމް.ޕީ.އާރް.ސީގެ ރިޝްވަތާއި މަނީލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރުމުން، އަނެއްކާ ވެސް ރައީސް ޔާމީނާ ގުޅިވަޑައިގެން، ރައީސް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައި ޑރ. ޖަމީލް މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.
ރައީސް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް މިހާރު ހަކަރާތްތެރިވެވަޑައިގަންނަވަނީ ވެސް ޑރ. ޖަމީލެވެ.
ޖަލުގައި އޮންނަވައިގެން ރައީސް ޔާމީން މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމުތަކުގައި ސޮއިކުރައްވައިފައެވެ. އަދި ރައީސް ޔާމީންގެ ކެމްޕޭނުގެ ހަރަކާތްތައް މާލެ އާއި އަތޮޅުތަކުގައި ފަށައިގެން ބާރަށް ކުރިއަށްގެންދިޔަ ނަމަވެސް، ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަންފުޅު އޮތުމާ ދޭތެރޭ ވަނީ ގާނޫނީ ސުވާލެއް އުފެދިފައެވެ. އެއީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް، މާފުށީ ޖަލުގައި ޔާމީން ތަންފީޒުކުރަމުން ގެންދާތީ، ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު ފުރިހަމަނުވާތީއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި.
މަރުޙަބާ ރަނިންގމޭޓް @MJameelAhmed pic.twitter.com/5JLw1WhjXf— Progressive Party of Maldives (@ProgressPartyMV) July 30, 2023
ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގައި ބުނަނީ ރިޔާސީ ކެންޑިޑޭޓަކަށް ވެވޭނީ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވުމުން" ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ޔާމީން ޝަތުރު ހަމަވާނީ އެ މަނިކުފާނުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފި ނަމަ އެކަންޏެވެ.
ނަމަވެސް އެންމެ ބޮޑު އިދުކޮޅު ޕާޓީން ބުނަމުން ގެންދަނީ ހުކުމެއް އޮތަސް ޔާމީނަށް ވާދަކުރެއްވޭނެ ކަމަށާއި ޔާމީނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށާއި ޔާމީނަށް އިއްވައިފައި ވަނީ ނިހާއީ ހުކުމެއް ނޫން ކަމަށެވެ. (ނިހާއީ ހުކުމަކީ ސުޕްރީމު ކޯޓުން އިއްވާ އެންމެފަހު ނިޔާއެވެ.)
ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މަރުހަމާ ހައިކޯޓުގައި ކުރިއަށް ދަނިކޮށް، ތިން ފަނޑިޔާރުންގެ ބެންޗު ކުއްލިއަކަށް ޗުއްޓީ އަށް ދިއުމުން މައްސަލަ ވަނީ ބުރަކިޖެހިފައެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ސުންގަޑި، އޮގަސްޓް 7 އަށް ހަމަވާއިރު، ޔާމީނު ޖަލުން މިނިވަންވުމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާކަން 2013 އިން ފަސް އަހަރު ވަންދެން ކުރައްވައިފައިވާ ޔާމީންގެ އިންތިހާބީ ހައްގު ހޯދުމަށް ޔާމީންގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެ މައްސަލަވެސް ވަނީ ކޯޓުން ބޭރުކޮށްލައިފައެވެ.



advertisment