Support Us

ރަޝިޔާ- އެފްރިކާ އިސްތިރާތީޖީ ބައިވެރިވުން ހުޅަނގަށް ޖެހޭ ގޮންޖެހުމެއް

އުތުރު ރަޝިޔާގެ ވެރިރަށް ސެން ޕީޓަރސްބަރގްގައި ބޭއްވި ރަޝިޔާ އެފްރިކާ ސަމިޓްގެ ދެވަނަ ދުވަހުގެ ޢާންމު ބައްދަލުވުންތަކުގައި އެފްރިކާގެ ޤައުމުތައް މިނިވަންކުރުމަށް ޓަކައި ސޮވިއެޓް ޔުނިއަނުން އަދާކޮށްފައިވާ ދައުރަށް އެފްރިކާގެ ޒަޢީމުން ތާރީފު ކުރައްވައިފިއެވެ.

މި ދައުރު މިއަދު އަދާކުރަނީ ރޫސީ އިއްތީޙާދުން ކަމަށް މި ބޭފުޅުން ވިދާޅުވިއެވެ. މިއަދު ރަޝިޔާއާއި އެފްރިކާއާ ދެމެދުގައި މި އޮތް އެއްބާރުލުމާއި ރަޙްމަތްތެރިކަމަކީ މި ތަރިކައިގެ ރިވެލިވުމެއްކަމަށް އެފްރިކާގެ 49 ޤައުމެއްގެ ޒަޢީމުން ފާހަގަކުރެއްވިއެވެ.

ހުޅަނގުގެ އަތްގަދަކުރުމާ ދެކޮޅުހެދުމަށައި އެތައް ތަނޑިތަކަކަށް ބެހިފައިވާ ދުނިޔެއަކަށް ބޭނުވާތީ މި ދުނިޔޭގައި އެފްރިކާއަށް އެކަށީގެންވާ މަޤާމެއް ލިބިފައި އޮންނަން ޖެހޭނެ ކަމަށް ސަމިޓްގެ ބައިވެރިން ވިދާޅުވިއެވެ. ޔުކްރޭން ހަނގުރާމައާއި ކާބޯތަކެތީގެ އަމާންކަމާއި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތްތެރިކަމާ ކުރިމަތިވެފައިވާ އަރައްކާތަކާމެދު އެ ބޭފުޅުން ކަންބޮޑުވުން ހާމަކުރެއްވިއެވެ.

މި ސަމިޓްގައި ރަޝިޔާއިން އިސްކަންދީފައި ވަނީ ހުޅަނގާ ރަޝިޔާއާ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކަށާއި ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށާއި މާލީ އަދި ސިޔާސީ ކަންތައްތަކުގައި ވިލަރެސްކުރުމުގެ އަހައްމިއްޔަތަށެވެ. އެފްރިކާގެ ޒަޢީމުން އިސްކަންދެއްވައިފައި ވަނީ ތަރައްޤީއަށާއި ބިނާރުތައް ޤާއިމުކުރުމަށާއި އަމްނާއަމާންކަމަށާއި ނިރުބަވެރިކަމާ ކުރިމަތިލުމަށާއި ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި އާލިއްޔާތުތައް ބިނާކުރުމަށެވެ.

ޕޫޓިންގެ ވާހަކަފުޅު

ރޫސީ ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި އެފްރިކާގެ ހުރިހާ މަސްއަލަތަކެއްގެ ސަބަބަކީ ހުޅަނގުގެ އިސްތިޢުމާރެވެ. އެފްރިކާގެ ބައެއް ޤައުމުތައް ދެކެމުންދާ ހަމަނުޖެހުންތަކަކީ އިސްތިޢުމާރީ ތަރިކައިގެ ނުބައި އަސަރެއްކަމަށް ޕޫޓިން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ މަސްއަލަތައް ނުބައިވަމުން ދަނީ މި އިސްތިޢުމާރު އިތުރަށް އަތްގަދަކުރަން ބޭނުންވާތީއެވެ. އޭނާ ވިދާޅުވިގޮތުގައި މިއަދުވެސް ހުޅަނގުގެ ސިޔާސަތަކީ ބައިބައިކުރާށެވެ! އޭރުން ޤައުމުތަކުގެ މައްޗަށް އަތްގަދަކުރެވޭނެއެވެ. އެއީ އިސްތިޢުމާރުން މާޒީގައި ގެންގުޅެފައިވާ ސިޔާސަތުކަމަށް ރައީސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ މަސްރަޙުގައި އެފްރިކާގެ ކުޅުންތެރިކަން ދަނީ ގަދަވަމުން ވަރުގަދަވަމުންނެވެ. އެފްރިކާ މިއަދު އޮތީ ދިފާޢުގައި ނޫންކަމަށާއި އެހެނަސް މިއަދު އެއީ ފޯވަޑް ލައިންގައި ކުޅެމުންދާ ކުޅުންތެރިއެއްކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު މައްޗަށް ދިޔައީ ޔުކްރޭން މަސްއަލައިގެ ސަބަބަކުންނޫނެވެ. އެހެނަސް އެއީ ހަކަތައިގެ މައިދާނުގައި ހުޅަނގުން ގެންގުޅޭ ޙަޤީޤަތާ ޚިލާފު ސިޔާސަތުގެ ސަބަބުންނެވެ. އޭނާ ވިދާޅުވިގޮތުގައި އަތުގައި ރިސޯސްނެތް ވަރަށް ޑޮލަރު ޗާޕުކުރުމުގެ ސަބަބުން އިޤްތިޞާދީ ޙާލަތު ވަނީ ނުބައިވެފައެވެ. ޕޫޓިން ތުހްމަތު ކުރެއްވިގޮތުގައި ހުޅަނގުން ތިމާވެށްޓާ ރަޙްމަތްތެރި ހަކަތައަކަށް ކުރިމަތިލައިފައި ވަނީ ރަނގަޅަށް ދިރާސާކުރުމެއްނެތިއެވެ. ޕޫޓިން ވިދާޅުވިގޮތުގައި އެކަމުގެ ސަބަބުން ހަކަތައިގެ ބާޒާރަށާއި ކާދުގެ ބާޒާރަށް  ވަނީ އިންޤިލާބެއް އައިސްފައެވެ. ގޮވާމާއި ކާދާއި ހަކަތައިގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރޭންގެ މަސްއަލައިގެ ސަބަބުން އަގުތައް މައްޗަށް ދިޔަސް އެއީ އެކަމުގެ އަސާސީ ސަބަބެއްނޫނެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ޙައްޤުތަކުގެ ބޭނުން ނާޖާއިޒުގޮތުގައި ބޭނުންކުރަމުން ދާތީ ރައީސް ޕޫޓިން އެކަން ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ހުޅަނގުން ޤާނޫނުތަކަށް ތަބާވުމުގެ ބަދަލުގައި ދަނީ އެމީހުން ބޭނުންވާ ޤަވާޢިދުތަކަށް ޤައުމުތައް ލެންބުވުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ގިނަ ތަނޑިތަކެއްގެ ވެރި ދުނިޔޭގައި އެފްރިކާ ތަނޑިއަކަށް ހެދުމުގެ މަސައްކަތުގައި  ރަޝިޔާ އެއްބާރުލައި އެކަތިގަނޑަކަށް ވާނެއެވެ.

އދ ގައި އެފްރިކާގެ ދައުރު ހަރުދަނާކުރުމަށާއި ސަލާމަތީ މަޖިލީހުގައި އެފްރިކާއަށް ދާއިމީ ގޮނޑިއެއް ދިނުމުގެ މަސްއަލައާ ބެހޭގޮތުން ހުށައެޅިފައިވާ މަޝްރޫޢަށް މޮސްކޯ ތާއީދު ކުރާނެކަން އޭނާ ކަށަވަރުކޮށް ދެއްވިއެވެ.

މޮސްކޯއިން އެފްރިކާއަށް ދެމުންގެންދާ  ޢަސްކަރީ އެހީތަކަށް އިޝާރާތްކުރައްވައި ޕޫޓިން ވިދާޅުވިގޮތުގައި  އެފްރިކާގެ ސާޅީސް އެތައް ޤައުމަކަށް ރަޝިޔާއިން ހަތިޔާރާއި ޢަސްކަރީ އެހީތައް ދަނީ ދެމުންނެވެ.

ޕޫޓިން ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ދަނީ ގޮވާމުގެ އެހީ ދުނިޔެއަށް ފޯރުކޮށްދެމުންނެވެ. މި އަހަރުގެ ފުރަތަމަ ކާލުގެތެރޭގައި ރަޝިޔާއިން 40 މިލިއަން ޓަނުގެ ގޮވާން ބޭރުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއިން މިޞްރަށް ފޮނުވި 63 ހާސް ޓާނުގެ ގޮވާން އިއްޔެ ވަނީ ޤާހިރާއަށް ލިބިފައެވެ. ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުގައި ވެސް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މޮސްކޯއިން އެފްރިކާއަށް 10 މިލިއަން ޓަނުގެ ގޮވާން ފޮނުވައިފައިވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވިއެވެ. ކުރިމަގަށް ޓަކައި އަދި ބައިވެރިވުން ހަރުދަނާކޮށް އިތުރުކުރުމަށް ޓަކައި މޮސްކޯ އޮތީ ރަޙްމަތްތެރި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށެވެ. މި ކަމަށް ޓަކައި އިންސާނީ މުއްސަނދިކަން ތަރައްޤީކުރަން ޖެހިފައިވާ ކަމަށް ރައީސް ޕޫޓިން ވިދާޅުވިއެވެ. ވުނަކުރުމުގެ މަޝްރޫޢުތައް ތަރައްޤީކުރުމަށް ޓަކައި ސުމޭކީ ފަންނިއްޔަތު ކުރިއަރުވަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެފްރިކާގެ ޒަޢީމުންގެ ޖަވާބު

އެފްރިކާގެ ޒަޢީމުން ރޫސީ ރައީސްގެ ވާހަކަފުޅުތަކަށް ތާއީދު ކުރައްވާ ވިދާޅުވި ގޮތުގައި "އަހުރެމެން އެމެރިކާއާއި ހުޅަނގުގެ އަތުގައި އޮތް ކުޅޭކުޅޭ ބުދަކަށް ވެގެން ނުވާނެއެވެ."

މެދުތެރޭ ޢޭޝިޔާގެ ރައީސް ވިދާޅުވި ގޮތުގައި "އެފްރިކާގެ ޤައުމުތަކުގައި ހެޔޮގޮތުގައި ބޭނުންކުރަންޖެހޭ ޤުދްރަތީ އަދި އިންސާނީ މުއްސަނދިކަން އެބަ އޮތެވެ." އެފްރިކާގެ ޤައުމުތަކުގެ ބިނާރުތައް ޤާއިމުކުރުމަށް ޓަކައި އެހީވުމަށް އޭނާ ރަޝިޔާއަށް ގޮވައިލެއްވިއެވެ.

ކޮންގޯގެ ރައީސް ވެސް ތަދައްޚުލުވެ ވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ތަރައްޤީއާއި ކުރިއެރުމެވެ. މާޒީގައި އަޅުގަނޑުމެން ވަނީ އިސްތިޢުމާރާ ހަނގުރާމަކޮށްފައެވެ. އަދި 2050ގައި އެފްރިކާގައި އުޅޭނެކަމަށް ލަފާކުރެވޭ ދެ ބިލިއަން މީހުންގެ ކުރިމަގު އަމާންކޮށްދިނުމަށާއި ފާގަތިކޮށްދިނުމަށް ޓަކައި މަސައްކަތް ކުރަން ވަނީ ޖެހިފައެވެ."

އޭނާ ވިދާޅުވި ގޮތުގައި އެފްރިކާގައި 600 މިލިއަން މީހުން ކަނު އަނދިރީގައި އެބަ އުޅެއެވެ. ޞިނާޢަތްތައް ކުރިއަށް ގެންދިޔުމަށް ޓަކައި ކަރަންޓަށް ބޭނުންވެއެވެ. ރޭލް ވޭތައް ބިނާކުރަން ވަނީ ޖެހިފައެވެ. ވިޔަފާރިއާއި މުވާޞަލާތަށް ޓަކައި ބިނާރުތައް ވަނީ ހަދަން ޖެހިފައެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާ އެފްރިކާގެ އެއްބަރުލުމަށް  އަލިގަދަ ކުރިމަގެއް ލިބިފައި ވެއެވެ.

ދެކުނު އެފްރިކާގެ ރައީސް ރަމަފޯޒާ އެފްރިކާގެ ޤައުމުތަކަށް ބްރިކްސް ޖަމާޢަތުގައި ބައިވެރިވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ-އެފްރިކާ ސަމިޓަކީ އެފްރިކާގެ ތަރައްޤީއަށް ޓަކައި އެއްބާރުލުމާއި ބައިވެރިވުން އިތުރުކުރުމަށް ލިބުނު ފުރްޞަތެކެވެ. މި ސަމިޓްގައި އެއްބާރުލުމަށާއި ވުނަކުރުމަށް އިސްކަންދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް މަރްޙަބާ ވިދާޅުވިއެވެ.

މިޞްރުގެ ރައީސް ސީސީ ވިދާޅުވި ގޮތުގައި މި ސަމިޓް ބޭއްވެމުން މި ދަނީ ވަރަށް ބޮޑަށް  ތަނޑިތަނޑިވެފައިވާ ދުނިޔެއެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެފްރިކާގެ ޤައުމުތަކަކީ ސުލްޙައަށާއި އަމާންކަމަށް ބޭނުންވެފައިވާ ޤައުމުތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި އަރާރުންތައް ޙައްލު ކުރަން ޖެހޭނީ އދގެ ޗާޓަރުގެ ގިއުގަނޑުގެތެރޭގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެފްރިކާގެ ޤައުމުތައް ބޭނުންވަނީ ދެމެހެއްޓެނިވި ތަރައްޤީއަށެވެ. ރައީސް ސީސީ ވިދާޅުވި ގޮތުގައި ޤައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *