Support Us

ނައިޖަރުގެ ވެރިކަމަށް ރިޔާސީ ފާރަވެރީންގެ ކޮމާންޑަރު

ނައިޖަރުގައި ވެރިކަން ކުރުމަށް ޓަކައި އިންތިޤާލީ މަޖިލީހެއް އެކުލަވައިލެވިއްޖެ ކަމަށާއި މި މަޖިލީހުގެ ރައީސްކަމަށް ރިޔާސީ ފާރަވެރީންގެ ކޮމާންޑަރު ޖެނެރަލް ޢަބްދުއްރަޙްމާން ޗިޔާނީ އިސްކޮށްފި ކަމަށް އެ ޤައުމުގެ ޓީވީން ބުނެފިއެވެ.

މިއަދު ޖެނެރަލް ޗިޔާނީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ސިފައިން ވެރިކަމަށް ވެރިވީ ސަލާމަތީ ޙާލަތު ދަށަށް ދިޔުމުގެ ސަބަބުންނެވެ. 

ނައިޖަރުގެ ސިފައިން އިއްޔެ ވަނީ ރައީސް މުޙައްމަދު ބާޒޫމުގެ ވެރިކަން ވައްޓައިލައި ރިޔާސީ ގަނޑުވަރުގައި އޭނާ ހައްޔަރުކޮށްފައެވެ. 

ޖެނެރަލް ޗިޔާނީ ވިދާޅުވި ގޮތުގައި "ރައީސް ބާޒޫމު އަބަދުވެސް ވިދާޅުވަމުން ގޮސްފައި ވަނީ ޤައުމުގެ ހުރިހާ ކަމެއް ވެސް ރަނގަޅު ޙާލަތުގައި އޮތްކަމަށެވެ. އެހެނަސް ޤައުމުގައި އޮތީ ކަތިލުމާއި ނިކަމެތިކަމާއި މަޔޫސްކަމެވެ." އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ޤުރްބާނީއާއި ރަޙްމަތްތެރި ޤައުމުތަކުގެ އެހީއާއެކުގައި ވެސް ޤައުމަށް އަމާންކަމެއް ނުލިބެއެވެ.

ނައިޖަރުގެ ވެރިރަށް ނިޔާމީ ބުނާގޮތުގައި އިންޤިލާބުގެ އިސްވާރުން ވަނީ ޢަސްކަރީ ތަފާތު ބާރުތަކުގެ ތާއީދު ހޯއްދަވައިފައެވެ.  ސިފައިންގެ ވެރިޔާ ޖެނެރަލް ޢަބްދު ޞިއްދީޤޫ ވިދާޅުވާ ގޮތުގައި ދިފާޢާއި ސަލާމަތީ ބާރުތަކުގެ ވެރީންނަށް ސިފައިން ތާއީދުކުރަން ނިންމީ ލޭ އޮހޮރުވުންތައް މަނާކުރުމަށް ޓަކައެވެ.

ނައިޖަރުގައި މިހާރު ވަނީ މުޒާހަރާކުރުމާއި އެއްވެއުޅުން މަނާކޮށްފައެވެ. އެއީ ރައްޔިތުން ޙިމާޔަތް ކުރުމަށް ޓަކައި އަޅަންޖެހުނު ފިޔަވަޅެއް ކަމަށް ނައިޖަރުގެ ދާޚިލއްޔާއިން ބުންޏެވެ.  

ނައިޖަރުގެ އިދިކޮޅު ޕާޓީތަކުން ވަނީ މި އިންޤިލާބަށް މިއަދު ތާއީދުކޮށްފައެވެ.

ވެގްނަރުންގެ ތާއީދު

އަނެއްކޮޅުން ވެގްނަރ ޒަޢީމުގެ އޯޑިއޯ މެސެޖެއް ކަމަށް ބުނާ އޯޑިއޯ ކްލިޕެއް ރޭ ޝާއިޢިކޮށްފިއެވެ. އޭނާ މި އޯޑިއޯގައި ވިދާޅުވިގޮތުގައި "މިއީ އިސްތިޢުމާރާ ދެކޮޅަށް ނައިޖަރު ރައްޔިތުން ތެދުވިތެދުވުމެކެވެ." ވެގްނަރ ޒަޢީމު ވިދާޅުވިއެވެ. "އެފްރިކާގެ ރައްޔިތުން އިސްތިޢުމާރުގެ ދަށުގައި ބައިތިއްބުމަށް ޓަކައި އިސްތިޢުމާރީ ބާރުތަކުން ވަނީ ނިރުބަވެރީންނާއި ހަތިޔާރުއެޅި  ޖަމާޢަތްތަކުން ޤައުމު ފުރައިލައިފައެވެ."

 ވެގްނަރ ޒަޢީމު ވިދާޅުވިއެވެ. "ކުރީގެ މުސްތަޢުމިރުން ފޮނުވާ ޢަސްކަރީ ފައުޖުތަކަށް ޤައުމުގެ ސިޔާދަތު ދަމަހައްޓައެއް ނުދެވެއެވެ." އޭނާ ވިދާޅުވި ގޮތުގައި ވެގްނަރުންދެކު އެފްރިކާ ލޯބިވަނީ މިހެންވެގެންނެވެ. އެމީހުންނަށް ނިރުބަވެރީން ނައްތައިލެވޭތީއެވެ. ޤައުމުގައި އަމާންކަން ޤާއިމުކޮށްދެވޭތީއެވެ." 

ނައިޖަރަކީ ކަނޑުގެ ބަނދަރެއް ނެތް ތަޅުލެވިފައިވާ ޤައުމެކެވެ. އެއީ އެފްރިކާގެ އެންމެ ފަޤީރު ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި 1960 ގައި މިނިވަންކަން ލިބުނު ފަހުން އެ ޤައުމަށް ވަނީ ހަތަރު އިންޤިލާބު ގެނެސްފައެވެ.  

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *