Support Us

ސްވިޑްންގެ ބަރްލަމާނުގެ މެންބަރަކު ރަސޫލާއަށް އިހާނެތިކޮށް ހިތައި ކުރެހުންތަކެއް ފަތުރައިފި

ސްވިޑްންގެ ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޑިމޮކްރެޓިކް ޕާޓީގެ ބަރްލަމާނުގެ މެންބަރެއް ކަމުގައިވާ ރިޗަރޑް ޔޮމްޝޯފް ކީރިތި ރަސޫލާއަށް އިހާނެތިކޮށް ހިތައި ކުރެހުންތަކެއް މީސްމީޑިއާގައި ފަތުރައިފިއެވެ.

އޭނާ މި ކަންކުރީ ސްވިޑްންގެ މުސްލިމުން މުޞްޙަފު އެންދުމުގެ މަސްއަލައާ ބެހޭގޮތުން ވާހަކަދެއްކުމަށް ގޮވައިލުމުންނެވެ. ރޭ މީނާ މީސްމީޑިއާގައި ފެތުރި ކުރެހުންތަކުގައި ކައު ރަސޫލާއަށް މަލާމާތްކޮށް އެއްޗެހި ކިޔައިފައިވެއެވެ. 

މިކަމާ ވިދިގެން ސްވިޑްންގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޒަޢީމާ މެގްޑަލީނާ އެންޑަރސަން މި ކުރެހުންތައް ކުރަހައި މީސްމީޑިއާގައި ފެތުރި ބަރްލަމާނުގެ މެންބަރަށް ބަރްލަމާނުގައި އޭނާ މުޤައްރިރުކަން ކުރާ އިންސާފާ ބެހޭ ކޮމެޓީން އިސްތިޢުފާ ދިނުމަށް ގޮވައިލެއްވިއެވެ. ސްވިޑްންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޚާރިޖީ ކަންތައްތަކާ ބެހޭ ތަރްޖަމާން މޯރގަން ޔޮހެންސަން ސްވިޑްންގެ ދުވަހަކު ނޫހަކަށް ވިދާޅުވިގޮތުގައި ބަރްލަމާނުގެ ކޮމެޓީގެ މުޤައްރިރުކަމުގައި ޔޮމްޝޯފް ހުރުމަކީ އެއްގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫނެވެ.

ޔޮމްޝޯފް އިއްޔެ ކުރި ޓްވީޓެއްގައި އެ ޤައުމުގެ ތަފާތު ކުލަތަކުގެ ޕާޓީގެ ރައީސް މީކާއީލް ޔޮކްސަލަށް ސްވިޑްން ދޫކުރައްވާ ބޭރަށް ވަޑައިގަތުމަށް ވެސް ގޮވައިލައިފައި ވެއެވެ. ޔޮކްސަލް ވަނީ ސްވިޑްންގައި މުޞްޙަފުތައް އަންދަމުންދާތީ އެކަން ހުއްޓުވުމަށް ޓަކައި ސްވިޑްންގެ މުދާތައް ބޮއިކަޓް ކުރުމަށް މުސްލިމުންނަށް ގޮވައިލައްވައިފައެވެ. 

މިކަމާބެހޭގޮތުން ސްވިޑްންގެ ބޮޑުވަޒީރު އޮލްފް ކްރިސްޓަރޯޝަން ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތައި ބޭއްވެމުންދާ އިޙްތިޖާޖުތަކުގެ ނަތީޖާއާމެދު ސްވިޑްން ކަންބޮޑުވެއެވެ. ސްވިޑްންގެ ނޫސް އޭޖެންސީ ޓީޓީ އަށް އޭނާ ހާމަކުރެއްވި ގޮތުގައި އިޙްތިޖާޖުކުރުމުގެ ހުއްދައަށް އެދި ފުލުހުންނަށް ވަނީ ހުށައެޅުންތަކެއް ހުށައަޅައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަން ހުއްޓުވުމުގެ ބާރު ލިބިގެން ވަނީ ފުލުހުންނަށެވެ.

މިކަމާ ވިދިގެން ސްވިޑްންގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާ ބުނާގޮތުގައި ޤައުމު ހާސާވެފައިވާ "ބިރުވެރިކަމުގެ މިންވަރު" މިހާރުވަނީ ތިންވަނަ ދަރަޖައަށް މައްޗަށް ގޮސްފައެވެ. މިއީ ފަސް ދަރަޖަ ހިމެނޭ މިންގަނޑަކުން މިނާ ދަރަޖައެކެވެ. އެހެނަސް މި އިދާރާގެ ވެރިޔާ ވިދާޅުވާ ގޮތުގައި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އޭގެ ރައްދު ޢަމަލު ވަރަށް ވަރުގަދަވާނެކަމަށް ލަފާކުރެވެއެވެ. 

ސްވިޑްންގެ ބޮޑުވަޒީރު ވިދާޅުވާގޮތުގައި "އިތުރަށް ހުއްދަދެވިއްޖެނަމަ ޙާލަތު ވަރަށް ނުބައިވެދާނެއެވެ. ސަރުކާރު އެކަމާމެދު ވަރަށް ކަންބޮޑުވެއެވެ." އޭނާ ވިދާޅުވިގޮތުގައި "މިއަދު ސްވިޑްން މި ވަނީ އިސްލާމްދީނާ ހަތުރުވެރި ޤައުމަކަށް ލޭބަލްވެފައެވެ." 

ސްވިޑްންގެ ޖަސްޓިސް މިނިސްޓަރ ޖޯނާރު ސްޓްރޯމަރު ވިދާޅުވާ ގޮތުގައި މުޞްޙަފު އެންދުމުގެ ޙާދިސާތަކަށްފަހު ޤައުމުގެ ސަލާމަތީ ޙާލަތު މި ވަނީ ވަރަށް ނުބައިވެފައެވެ. އެކަމުގެ އަސަރު ބޭރުގައި ފެތުރެމުންދަނީ ވަރަށް ނައްސިކޮށްނެވެ. އޭނާ ވިދާޅުވިގޮތުގައި މުސްލިމުންނާ ހަތުރުވެރި ޤައުމެއް ކަމުގައި ތަޞައްވުރުވެގެން ދިޔުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. މުޞްޙަފު އެންދުމުގެ ސަބަބުން ސްވިޑްންގެ ސަލާމަތީ ޙާލަތު ވަނީ ވަރަށް ނުބައިވެފައެވެ. އޭނާގެ ވިދާޅުވިގޮތުގައި ސްވިޑްނާއި ޑެންމާރކްގައި މުޞްޙަފުތައް އެންދުމުގެ ސަބަބުން ތުރްކީފަދަ އިސްލާމީ ޤައުމުތައް ވަނީ ރުޅިން ކެކިއުތުރު އަރައިފައެވެ. ނޭޓޯއަށް ސްވިޑްން ވަނުމަށް ޓަކައި ތުރްކީގެ އެހީއަށް ބޭނުންވެއެވެ. 

ސްވިޑްންގެ ވެރިރަށުގައި މި މަހު 20ވަނަ ދުވަހު މުޞްޙަފެއް އަންދައިލައިގެން ޢިރާޤުގައި ވަނީ ސްވިޑްން އެންބެސީ އަންދައިލައިފައެވެ. ސްވިޑްންގެ ސަފީރާ ވަނީ ފައްސއިލައިފައެވެ. ސްވިޑްންގައި ހުންނެވި ޢިރާޤުގެ ޝާޒޭ ވަނީ ޤައުމަށް ގެނެސްފައެވެ. 

މި މަހު25 ގައި އދ ން ވަނީ މުޤައްދަސްފޮތްތައް އެންދުން ކުށްވެރިކޮށް ޤަރާރެއް ފާސްކޮށްފައެވެ. މި ޤަރާރު ބުނާގޮތުގައި އެއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެކެވެ.

މި މަހު 12 ގައި އިންސާނީ ޙައްޤުތަކާބެހޭ އދ ގެ ކަމިޝަނުންވެސް ވަނީ ކީރިތި ޤުރްއާން އެންދުން ކުށްވެރިކޮށްފައެވެ. މި ކަމިޝަނުގައި މިކަމާ ދެކޮޅުހަދައިފައި ވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ޔުރްޕްގެ އިއްތިޙަދުގެ ބައެއް ޤައުމުތަކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *