Support Us

އެފްރޯ- ރަޝިޔާ ސަމިޓަށް ހުޅަނގަށް ހުރަހެއް ނޭޅުނު

އެފްރޯ– ރަޝިޔާ ސަމިޓް ރަޝިޔާގެ އެންމެ ބޮޑު ދެވަނަ ސަހަރުގައި ރައީސް ޕޫޓިން މިއަދު ފަށްޓަވައިދެއްވައިފިއެވެ.

މި ސަމިޓްގައި އެފްރިކާގެ 50 ޤައުމެއްގެ ޒަޢީމުން ބައިވެރިވެ ވަޑައިގަންނަވައެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ސަމިޓަށް ހުރަސްއެޅުމަށް ޓަކައި އެމެރިކާއާއި ހުޅަނގުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރޫސީ ޚާރިޖިއްޔާއިން ބުންޏެވެ.

ރޫސީ ރައީސް ޕޫޓިން މި ސަމިޓް ހުޅުއްވާދެއްވަމުން ވިދާޅުވިއެވެ. "ރަޝިޔާ އޮތީ އެއްވެސް އަގަކާނުލައި އެފްރިކާގެ ޤައުމުތަކަށް ގޮވާން ފޮނުވާދިނުމަށް ތައްޔާރުވެގެންނެވެ."

އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުގެ ގޮވާމުގެ ބަދަލުގައި ރަޝިޔާގެ ގޮދަން އެފްރިކާގެ ބަރޫދަށް ފޮނުވައިދިނުމުގެ ޤާބިލުކަން ރަޝިޔާގެ ކިބައިގައި އެބަ އޮތެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ގޮވާން ބޭރުކުރުމާ ބެހޭގޮތުން އދ މެދުވެރިވެގެން އެއްބަސްވެވުނު އެއްބަސްވުމަށް ހުރަސްއެޅީ ހުޅަނގުންނެވެ. ރަޝިޔާއިން މި އެއްބަސްވުމަށް ޢަމަލުކުރަމުންދިޔައިރު މި އެއްބަސްވުމުގައި ހިމެނޭ ރަޝިޔާއާ ބެހޭ އެއްވެސް މާއްދާއަކަށް ޢަމަލުކޮށްފައެއް ނުވެއެވެ. ރަޝިޔާގެ ގޮވާމާއި ކާދު ވަނީ ބޭރުނުކުރެވިފައެވެ. ހުޅަނގުން ވަނީ މި ކަމާ ދެކޮޅުހަދައިފައެވެ.  

ދެ ދުވަހުގެ މި ސަމިޓްގެ ހަވާސާމަތީގައި އިޤްތިޞާދީ އަދި އިންސާނީ ސިންތާތަކެއް ބެއްވޭނެއެވެ. 

އެފްރިކާގެ ޤައުމުތައް މި ސަމިޓަށް ޙާޒިރުވިޔަ ނުދިނުމަށް ޓަކައި ހުޅަނގުން "ބޮޑެތި ފިއްތުންތަކެއް ފިއްތައިފައިވާ" ކަމަށް މޮސްކޯއިން ބުންޏެވެ. 

ޕޫޓިން މި ސަމިޓްގެ ބައިވެރިންނަށް މަރްޙަބާ ދެންނެވުމަށް ޓަކައި ރޭ ބޭއްވެވި ޚާއްޞަ ޙަފްލާގައި ހާމަކުރެއްވި ގޮތުގައި އެފްރިކާއާއި ރަޝިޔާއާ ދެމެދުގައި ޤާއިމުކުރެވި ތަރައްޤީވަމުން އަންނަ އެއްބާރުލުން މިހާރުވަނީ ވަރަށް އައު އުސްމިންތަކަކާ ހަމައަށް ވާޞިލުވެފައެވެ. 

"ގިނަ ތަނޑިތަކެއްގެ ގޮތުގައި މިއަދު ހެދިބޮޑުވަމުންދާ ދުނިޔޭގެ ތަނޑިތަކުގެތެރޭގައި އެފްރިކާ ބައްރަކީ މުހިއްމު ތަނޑިއެކެވެ." ޕޫޓިން ވިދާޅުވިއެވެ. "ފަޤީރުކަމާއި ކާބޯތަކެތީގެ އަމާންކަމާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ އެފްރިކާއާ ކުރިމަތިވެފައިވާ މަސްއަލަތައް ޙައްލުކޮށްދިނުމަށް ޓަކައި ވިޔަފާރިއާއި ވުނަކުރުމުގެ ދާއިރާތަކުންލައިފައި މި އެއްބާރުލުން ފުޅައުކޮށް ހަރުދަނާކުރުމަށް ރަޝިޔާ އޮތީ ކަމަރުބަނދެގެންނެވެ."  

ސީސީއާއި އާބީއާ ބައްދަލުކުރެއްވުން

މި ސަމިޓްގެ ހަވާސާމަތީގައި ރައީސް ޕޫޓިން މިޞްރުގެ ރައީސް ސީސީއާއި އިތިޔޯޕިޔާގެ ބޮޑުވަޒީރު އާބީ އަޙްމަދާ ބައްދަލުކުރެއްވިއެވެ.

ޕޫޓިން މިޞްރުގެ ރައީސާ ބައްދަލުކުރައްވަމުން ހާމަކުރެއްވި ގޮތުގައި މިޞްރު- ރަޝިޔާ ގުޅުމަކީ ޒަމާންވީ ހަރުދަނާ ގުޅުމެކެވެ. އެ ދެ ޤައުމު ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އެތައް މަޝްރޫޢުތަކެއް އެބަހުރި ކަމަށް ރައީސް ޕޫޓިން ވިދާޅުވިއެވެ. މިޞްރުގައި ރަޝިޔާއިން ޤާއިމުކޮށްދޭ ނިޔުކްލިޔަރ ހަކަތަޔާ ބެހޭ އިސްޓޭޝަން "ހަމަޖެހިފައިވާ މަގުޗާޓާ އެއްގޮތަށް ކުރިއަށް ދާ ކަމަށް" ރައީސް ޕޫޓިން ވިދާޅުވިއެވެ.

ރޫސީ ރައީސް ޕޫޓިން އިތިޔޯޕިޔާގެ ބޮޑުވަޒީރު އާބީ އަޙްމަދާ ބައްދަލުކުރައްވަމުން ވިދާޅުވި ގޮތުގައި މޮސްކޯ– އެޑިސްއަބާބާ ގުޅުމަކީ 125 އަހަރު ފުރިފައިވާ ޤަދީމީ ގުޅުމެކެވެ. އެފްރިކާގައި ރަޝިޔާއިން އެންމެ ފުރަތަމަ ގުޅުން އުފެއްދި ޤައުމަކީ އިތިޔޯޕިޔާ ކަމަށް ޕޫޓިން ވިދާޅުވިއެވެ. 

ރަޝިޔާ އެކަހެރިކުރުމުގައި ހުޅަނގު ވަނީ ނާކާމިޔާބުވެފައި  

މިއީ ރޫސީ– އެފްރިކާގެ ދެވަނަ ސަމިޓެވެ. ޔުކްރޭން ހަނގުރާމައާއެކު އެމެރިކާއާއި ހުޅަނގުން ރައީސް ޕޫޓިން އެކަހެރިކުރުމަށް މަސައްކަތް ކުރި ނަމަވެސް ހުޅަނގަށް ވަނީ އެ ކަންތައް ނުކުރެވިފައެވެ. ޗައިނާއާއި އިންޑިޔާއާއި ދެކުނުއެފްރިކާފަދަ މުހިއްމު ޤައުމުތަކުން ދަނީ ރަޝިޔާއާއެކު ގުޅުންތައް ދަމަހައްޓަމުންނެވެ. އެ ޤައުމުތަކުން ވަނީ ރަޝިޔާ ކުށްވެރިކުރުމާ ދުރުހެލިވެފައެވެ. ހަކަތައާއި ގޮވާމުގެ މައިދާނުގައި އެފްރިކާގެ ޤައުމުތަކާއެކު އެއްބާރުލުން ވަނީ އިތުރުވެފައެވެ.

މީގެ އިތުރަށް އެފްރިކާގައި އޮތް ފަރަންސޭސި ނުފޫޒު ފަނޑުވެ ރޫސީ ނުފޫޒު ދުވަހެއްދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ޢަސްކަރީ އަރާރުންތައް ހިނގަމުންދާ އެފްރިކާގެ ސަރުކާރުތަކަށް ރަޝިޔާއިން އެހީވުމުގެ ސަބަބުން އެ ސަރުކާރުތަކަށް ވަނީ ހަމަޖެހުމާއި ސާބިތުކަން ލިބިފައެވެ.

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވަނީ މިއަހަރުގެ ތެރޭގައި އެފްރިކާގެ ޤައުމުތަކަށް ދެ ފަހަރު ޒިޔާރަތް ކުރައްވައިފައެވެ. ހުޅަނގުގެ އިސްތިޢުމާރާ ކުރިމަތިލުމުގައި ރަޝިޔާއާއި އެފްރިކާގެ އެއްބާރުލުން ވަނީ ފުޅައުވެ ހަރުދަނާވެފައެވެ.

ރޫސީ ރައީސް ޕޫޓިން އިއްޔެ ޝާއިޢުކުރެއްވި މަޒްމޫނެއް ބުނާގޮތުގައި "އަހުރެމެން ވަނީ އިސްތިޢުމާރީ ފިއްތުންތަކުން މިނިވަންވުމަށްޓަކައި އެފްރިކާ ކުރަމުންދާ މަސައްކަތުގައި އެހީތެރިވެ ދީފައެވެ. ދައުލަތުގެ ބިންގާ ވަރުގަދަކޮށް ދައުލަތުގެ ސިޔާދަތީ  ބާރާއި ދިފާޢީ ޤާބިލުކަން ހަރުދަނާކުރުމުގައި މޮސްކޯއިން ވަނީ އެހީވެދީފައެވެ."  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *