Support Us

ނައިޖަރު ސިފައިން ރައީސް ބާޒޫމު ޢަޒްލުކޮށްފި

ނައިޖަރު ސިފައިންގެ ބަޔަކު ރައީސް މުޙައްމަދު ބާޒޫމު ވެރިކަމުން ޢަޒްލުކޮށްފިކަން ރޭ އިޢުލާންކޮށްފިއެވެ.

ސިފައިންގެ ނުވަ މީހަކު ރޭ އެ ކަން އިޢުލާން ކުރީ އެ ޤައުމުގެ ޓީވީއަށް ދިން ބަޔާނެއްގައެވެ. މި ކަމާ ވިދިގެން ސިފައިން ވަނީ އެ ޤައުމުގެ ސަރަޙައްދު ބަންދުކޮށް ބޭރަށް ނުކުމެއުޅުން މަނާކޮށްފައެވެ. 

މި ބަޔާނުގައި ބުނެފައިވެއެވެ. "އަހުރެމެން ޤައުމުގެ ދިފާޢީ ބާރުތަކާއި ސަލާމަތީ ބާރުތަކުން ސަރުކާރު ނިމުމަކަށް ގެނައުމަށް ނިންމައިފީމެވެ. އެއީ ޤައުމުގެ ސަލާމަތީ ޙާލަތު ނުބައިވުމާއި ސަރުކާރު ހިންގުމުގައްޔާއި އިޤްތިޞާދާއި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރު ނުކުޅެދިފައިވާތީއެވެ."  

މި ބަޔާން ދިން އޮފިސަރު ބުނި ގޮތުގައި ނައިޖަރުން ކަށަވެތިވެފައިވާ ހުރިހާ މުޢާހަދާތަކަކަށާއި އެއްބަސްވުންތަކަކަށް އިޙްތިރާމު ކުރާނެއެވެ. އޭނާ ބުނިގޮތުގައި ވެރިކަމުން ވަކިކުރި ފަރާތްތަކާމެދު މުޢާމަލާތު ކުރާނީ އިންސާނީ ޙައްޤުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އޭނާ އަދި ބުނިގޮތުގައި ހަތްވަނަ ޖުމްހޫރިއްޔާގެ ހުރިހާ އިދާރާތަކެއްގެ މަސައްކަތްތައް ވަނީ ވަގުތީގޮތުން ހުއްޓައިލައިފައެވެ. ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ހިންގާނީ އެ ތަންތާނގެ ޑިރެކްޓަރު ޖެނެރަލުންނެވެ. އެ ޤައުމުގެ ކަންތައްތަކާ ނުބެހުމަށް ބޭރުގެ ފަރާތްތަކަށް އޭނާ ގޮވައިލިއެވެ.

ނައިޖަރުގެ ރިޔާސީ ފާރަވެރީންގެ ބަޔަކު ރައީސް މުޙައްމަދު ބާޒޫމު ހިފެހެއްޓީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ރިޔާސީ ގަނޑުވަރުން ބުނިގޮތުގައި މި ކަމުގައި ސިފައިންގެ ބާރުތައް ބައިވެރިއެއް ނުވެއެވެ. 

ރައީސް ހައްޔަރުކުރުމާ ވިދިގެން ވެރިރަށުގައި ރައީސަށް ތާއީދުކޮށް މުޒާހަރާއެއް ބޭއްވުމަށް މަސައްކަތް ކުރިއެވެ. އެމީހުން ރިޔާސީ ގަނޑުވަރާ ކައިރިއަށް ދިއުމުން ސިފައިން މައްޗަށް ބަޑިޖަހައި އެ މުޒާހަރާ ރޫޅައިލިއެވެ. މުޒާހަރާކުރި މީހުން ގޮވައިލަމުން ދިޔައީ ރައީސް ދޫކޮށްލުމަށެވެ.

އެފްރިކާ ކަންބޮޑުވުން

ނައިޖަރުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން އެފްރިކަން ކަމިޝަންގެ ރައީސް މޫސާ ފައްކީ ވިދާޅުވިގޮތުގައި އެއީ "އަހުރެމެން ކުށްވެރިކުރާ ކަމެކެވެ. އެއީ އިންޤިލާބަކާ ވައްތަރު ކަމެކެވެ." 

އޭނާ ވިދާޅުވިގޮތުގައި "މިއީ އެފްރިކާގެ އިއްތިޙާދުން ކުށްވެރިކުރާ ޢަމަލެކެވެ. އެއީ ޖުމްހޫރީ ވާޖިބަށް ޚިޔާނަތްތެރިވުމެކެވެ."

މި ފަދަ ޢަމަލުތައް ހުއްޓައިލާ އެމީހުންގެ ކޮށިތަކަށް އެނބުރި ދިޔުމަށް އޭނާ ސިފައިންނަށް ގޮވައިލެއްވިއެވެ.  

މި މަސްއަލައާމެދު ވާހަކަފުޅު ދައްކަވަމުން ނައިޖީރިޔާގެ ރައީސް ބޫލާ އަޙްމަދު ޓިނޫޕޫ ވިދާޅުވި ގޮތުގައި އިކޮވަސް ޖަމާޢަތުގެ ޤައުމުތަކުން މި ފަދަ ޣައިރު ޤާނޫނީ އެއްވެސް ޢަމަލެއް ޤަބޫލެއް ނުކުރާނެއެވެ. 

ބަނީންގެ ރައީސް ވިދާޅުވިގޮތުގައި އޭނާ މިހާރު މި ވަޑައިގަންނަވަނީ ނައިޖަރަށެވެ. އޭނާ ނައިޖަރަށް ވަޑައިގެންނެވުމުގެ ކުރިން ނައިޖީރިޔާއަށް ވަޑައިގެން ނައިޖީރިޔާގެ ރައީސާއެކު މަޝްވަރާކުރެއްވިއެވެ. އިކޮވަސް ޖަމާޢަތުން ނައިޖަރު ސިފައިންގެ  މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކުރިއެވެ. 

ޢަރަބި ޤައުމުތަކުގެ ތެރެއިން ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތައްބޫން ނައިޖަރުގެ ރައީސް ބާޒޫމަށް ތާއީދުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. ޖަޒާއިރުގެ ޚާރިޖީ ވަޒީރު އަޙްމަދު ޢައްޠާފު ނައިޖަރުގެ ޚާރިޖީވަޒީރާ ގުޅުއްވާ ނައިޖަރުގެ ޙާލަތު އޮޅުން ފިލުއްވެވިއެވެ.  

  އަނެއްކޮޅުން އެމެރިކާއިން ވެސް ނައިޖަރުގައި ހިނގަމުންދާ ކަންތައްތައް ކުށްވެރިކުރިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ނައިޖަރުގެ ރައީސް ބާޒޫމް ވަގުތުން ދޫކޮށްލުމަށް ގޮވައިލެއްވިއެވެ.

ޔުރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ މަސްއޫލުވެރިޔާ ޖޮޒިޕް ބޮރެލް ވިދާޅުވި ގޮތުގައިޔޫރަޕްގެ އިއްތިޙާދުން މި ކަން ކުށްވެރިކުރެއެވެ.

ފަރަންސޭސި ވިލާތުންނާއި ޖަރްމަނުންވެސް ވެސް ނައިޖަރުގައި ހިނގަމުންދާ ޙަރަކާތްތައް ކުށްވެރި ކުރިއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *