ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އަދި ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމުގައި ހުންނެވި ޑރ. މުޞްޠަފާ ލުޠުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ. ޑރ. މުޞްޠަފާ ލުޠުފީއަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ޑރ. މުޞްޠަފާ ލުޠުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އެރުއްވީ، ޑރ. މުޞްޠަފާ ލުޠުފީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅަކަށް ވުމާއި، ރާއްޖެ މިއަދު މި ދެކޭ ތަޢުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައްޔާއި، މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކާއި، ތަޢުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ. އަދި، ތަފާތު އެކި މަޤާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވެސް ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޑރ. މުޞްޠަފާ ލުޠުފީއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ޚާއްޞަކޮށް ރާއްޖޭގެ ރަށްރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޑރ. މުޞްޠަފާ ލުޠުފީއަށް، ދިވެހި ދައުލަތުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ރައީސް މުބާރަކްބާދީ އަދާކުރެއްވިއެވެ.



advertisment