Support Us

ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމަކީ ދީނީ ނަފްރަތުގެ ޢަމަލެއް ކަމަށް އދ އިން ފާސްކޮށްފި

މުޤައްދަސް ފޮތްތަކަށް އިހާނެތިކޮށް ހިތުމުގެ ކޮންމެ ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް ބުނެ އދ ގެ ޢާންމު ޖަމްޢިއްޔާއިން ރޭ އެ ކަން ކުށްވެރިކޮށްފިއެވެ. އދ ގެ ޢާންމު ޖަމްޢިއްޔާއަށް މި ޤަރާރު ހުށައެޅީ މަޣްރިބުންނެވެ.

އދ އަށް ކީރިތި ޤުރްއާނާމެދު އިހާނެތިކޮށް ހިތުން ކުށްވެރިކުރާ ޤާރާރު މަޣްރިބުން ހުށައެޅީ ފަހަކަށް އައިސް ސްވިޑްނާއި ޑެންމާރކްގައި މުޞްޙަފު އެންދުމުގެ ކުޅިގަނޑެއް ފަށައިގެން ކުރިއަށް ދާތީއެވެ. މި ދެ ޤައުމުގައި އެކަންތައް ކުރަނީ ހަރުކަށި ޖަމްޢިއްޔާތަކުންނާއި ޙައްދުފަހަނަޅައިފައިވާ މީހުންނެވެ. މި ކަމުގެ ސަބަބުން އިސްލާމީ ޤައުމުތައް ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ސްވިޑްނާއި ޑެންމާރކުން މިފަދަ ޢަމަލުތައް ހިންގުމަށް ހުއްދަ ދެމުން ދާތީ މި ޤައުމުތަކުގެ މުދާތަކާއި އުފެއްދުންތައް ބޮއިކަޓް ކުރުމަށް އަޒްހަރުފަދަ އިސްލާމީ މުއައްސަސާތަކުންނާއި ޖަމްޢިއްޔާތަކުން ދަނީ ގޮވައިލަމުންނެވެ.

އދ އިން ރޭ ފާސްކުރި ޤަރާރުގައި ދީނީ އަސާސެއްގެ މަތީގައި ޝަޚްޞިއްޔާތުތަކާ ދެކޮޅަށް ހިންގާ ހުރިހާ ބާވަތެއްގެ ހަރުކަށި ޢަމަލުތަކާއި ދީނީ ރަމްޒުތަކަށާއި މުޤައްދަސް ފޮތްތަކަށާއި ގެދޮރަށާއި ވިޔަފާރިތަކަށާއި މިލްކިއްޔާތުތަކަށާއި މަދުރަސާތަކަށާއި ސަޤާފީ މަރްކަޒުތަކަށާއި އަޅުކަންކުރާ ތަންތަނާ ދެކޮޅަށް ހިންގާ އެންމެހައި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައި ވެއެވެ.

މި ޤަރާރު ބުނާގޮތުގައި ކީރިތި ޤުރްއާނަށް ދޭ ޙަމަލާތަކަކީ ދީނީ ނަފްރަތްތެރިކަމުގެ ޢަމަލެކެވެ.

މި މަހު 12 ވަނަ ދުވަހު އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކަމިޝަނުން ވެސް ވަނީ ސްވިޑްންގައި ހިންގައިފައިވާ މުޞްޙަފު އެންދުމުގެ "ހަޑި ހުތުރު ޢަމަލުތައް" ކުށްވެރިކޮށްފައެވެ. މި ކަން ކުށްވެރިކުރުމާ ދެކޮޅުހަދައިފައި ވަނީ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ބައެއް ޤައުމުތަކާއި އިނގިރޭސިވިލާތުންނެވެ.

އިއްޔެ ޢުމާނުގެ މުފްތީ އައްޝައިޚު އަޙްމަދު ބިން ޙަމަދުލް ޚަލީލީ ސްވިޑްނާއެކު އޮތް ސިޔާސީ ގުޅުން ކެނޑުމަށް އިސްލާމީ ޤައުމުތަކަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި  ސްޓޮކްހޮލްމާއެކު ގުޅުން ކެޑުމަކީ ދީނީ ވާޖިބެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *