Support Us

އެފްރޯ ރޫސީ ދެވަނަ ސަމިޓް ބުރާސްފަތީގައި

ރަޝިޔާގެ ސޭން ޕީޓަރސްބަރގްގައި ބުރާސްފަތި ދުވަހު އެފްރޯ ރޫސީ ދެވަނަ ސަމިޓް ފެށޭނެއެވެ. މިއީ 2019ގައި ސޫޝީގައި ބޭއްވި ފުރަތަމަ ސަމިޓަށްފަހު ބޭއްވޭ އެ ޤައުމުތަކުގެ ދެވަނަ ސަމިޓެވެ.

މި ސަމިޓްގައި އެފްރިކާގެ ބައެއް ޤައުމުތަކުގެ ބައެއް ޒަޢީމުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ސަމިޓްގައި ރައީސް ޕޫޓިން މަސައްކަތްޕުޅު ކުރައްވާނީ އެފްރިކާއާއި މޮސްކޯއާ ދެމެދުގައި ވާ އެއްބާރުލުމުގެ ހަރުދަނާކަން ދުނިޔެއަށް ދެއްކެވުމަށެވެ. އަދި ޔުކްރޭންގެ މަސްއަލައިގެ ސަބަބުން މި ގުޅުމަށް ހީނަރުކަމެއް  ނާންނަކަން ހާމަކުރައްވަން ރައީސް ޕޫޓިން މަސައްކަތް  ކުރައްވާނެއެވެ. ރޫސީ ޚާރިޖިއްޔާގެ ޚާއްޞަ މަސައްކަތްތަކާ ބެހޭ ސަފީރު އޮޒިރޯވް މިއަދު ހާމަކުރެއްވި ގޮތުގައި މި ސަމިޓްގައި ރަޝިޔާގެ ގޮވާމާއި ކާދު ބޭރުކުރުމުގެ މަސްއަލައާމެދު ބަޙުސްކުރެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ސަމިޓްގައި ބަޙުސްކުރެވޭނީ ހަމައެކަނި ގޮވާމާއި ކާދާ ބެހޭގޮތުން އެކަންޏެއް ނޫނެވެ. މީގެ އިތުރަށް ރަޝިޔާގެ އެހެނިހެން އުފެއްދުންތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ގޮވާމާއި ކާދު ބޭރުކުރުމަށް ޓަކައި ލޮޖިސްޓިކް މަގުތަކަކާއި  މަރްކަޒުތަކެއް ޤާއިމު ކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. އެ ކަން ވާނީ ތަންފީޒު ކުރެވޭނެ މަޝްރޫޢަކަށެވެ. އަދި އެއީ ވަރަށް އުންމީދީ މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ޑިޕްލޮމެޓް ވިދާޅުވިގޮތުގައި ސަމިޓްގައި ހަމައެކަނި އެ މަސްއަލައާމެދު ބަޙުސްކުރެވޭނީއެއް ނޫނެވެ. އެފްރިކާގެ ވެރީން ރަޝިޔާއިން ފުރާވަޑައިގަންނަވާނީ މި މަސްއަލަ ޙައްލުކުރެވޭނެ ހުރިހާ ގޮތްތަކެއް އެނގިވަޑައިގެންނެވެ. އޭނާ ވިދާޅުވިއެވެ. "އެފްރިކާގެ ޤައުމުތަކަށް ރަޝިޔާއިން ވަނީ އެހީވެދީފައެވެ. އެފްރިކާގެ ރަޙްމަތްތެރި ޤައުމުތަކާއެކު އެއްބަސްވުމަކަށް އައުމުގެ ފުރްޞަތު އޮތީ ތަނަވަސްވެފައެވެ."   

ނުފޫޒާއި ސިޔާސަތު

ރަޝިޔާއާއި އެފްރިކާގެ ޤައުމުތަކާ ދެމެދުގައިވާ ގުޅުންތަކާ ބެހޭގޮތުން ރަޝިޔާގެ ޑިޕްލޮމެޓް ވިދާޅުވިއެވެ. "ރަޝިޔާ އޮތީ އެފްރިކާގެ ހުރިހާ ޤައުމުތަކެއްގައި އެންބެސީތައް ހުޅުވުމަށް ތައްޔާރަށެވެ. އެހެނަސް އެއީ އެހާ އަވަހަށް ވެގެން ދާނެ ކަމެއް ނޫނެވެ. 90ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާގެ ބައެއް ޤައުމުތަކުގައި ހުރި ރަޝިޔާގެ ބައެއް އެންބެސީތައް ބަންދުކުރުމުގެ ޤަރާރަކީ "ބުއްދި ބަލައިގަންނާނެ"  ކަމެއްނޫނެވެ. އޭނާ ވިދާޅުވިގޮތުގައި މި ޙާލަތު ރަނގަޅުކުރެވެން ޖެހޭނެއެވެ. އެހެނަސް އެއީ ވަގުތު ހޭދަވާނެ ކަމެކެވެ.

ޔުކްރޭން ހަނގުރާމައާއެކު އެމެރިކާއާއި ހުޅަނގުން ރައީސް ޕޫޓިން އެކަހެރިކުރުމަށް މަސައްކަތް ކުރިނަމަވެސް ހުޅަނގަށް ވަނީ އެ ކަންތައް ނުކުރެވިފައެވެ. ޗައިނާއާއި އިންޑިޔާއާއި ދެކުނުއެފްރިކާފަދަ މުހިއްމު ޤައުމުތަކުން ދަނީ ރަޝިޔާއާއެކު ގުޅުންތައް ދަމަހައްޓަމުންނެވެ. އެ ޤައުމުތަކުން ވަނީ ރަޝިޔާ ކުށްވެރިކުރުމާ ދުރުހެލިވެފައެވެ. ހަކަތައާއި ގޮވާމުގެ މައިދާނުގައި އެފްރިކާގެ ޤައުމުތަކާއެކު އެއްބާރުލުން ވަނީ އިތުރުވެފައެވެ.

މީގެއިތުރަށް އެފްރިކާގައި އޮތް ފަރަންސޭސި ނުފޫޒު ފަނޑުވެ ރޫސީ ނުފޫޒު ދުވަހެއްދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ޢަސްކަރީ އަރާރުންތައް ހިނގަމުންދާ އެފްރިކާގެ ސަރުކާރުތަކަށް ރަޝިޔާއިން އެހީވުމުގެ ސަބަބުން އެ ސަރުކާރުތަކަށް ވަނީ ހަމަޖެހުމާއި ސާބިތުކަން ލިބިފައެވެ.

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވަނީ މިއަހަރުގެ ތެރޭގައި އެފްރިކާގެ ޤައުމުތަކަށް ދެ ފަހަރު ޒިޔާރަތް ކުރައްވައިފައެވެ. ހުޅަނގުގެ އިސްތިޢުމާރާ ކުރިމަތިލުމުގައި ރަޝިޔާއާއި އެފްރިކާގެ އެއްބާރުލުން ވަނީ ފުޅައުވެ ހަރުދަނާވެފައެވެ.

ރޫސީ ރައީސް ޕޫޓިން އިއްޔެ ޝާއިޢުކުރެއްވި މަޒްމޫނެއް ބުނާގޮތުގައި އަހުރެމެން ވަނީ އިސްތިޢުމާރީ ފިއްތުންތަކުން މިނިވަންވުމަށްޓަކައި އެފްރިކާ ކުރަމުންދާ މަސައްކަތުގައި އެހީތެރިވެ ދީފައެވެ. ދައުލަތުގެ ބިންގާ ވަރުގަދަކޮށް ދައުލަތުގެ ސިޔާދަތީ  ބާރާއި ދިފާޢީ ޤާބިލުކަން ހަރުދަނާކުރުމުގައި މޮސްކޯއިން ވަނީ އެހީވެދީފައެވެ. 

ފަރަންސޭސި ރައީސް މެކަރޯން ރަޝިޔާއަކީ އެފްރިކާއަށް ހަމަނުޖެހުންގެންނަމުންދާ ބާރެއް ކަމަށް ތުހްމަތު ކުރެއްވުމުން ކްރެމްލިނުން ބުންޏެވެ. މޮސްކޯއިން ވިޔަމުންދަނީ އެކުވެރިކަމުގެ ޝާލެކެވެ. މޮސްކޯއާއި އެފްރިކާއާ ދެމެދުގައިވާ ގުޅުމަކީ އިޙްތިރާމާއި އެއްބާރުމުގެ މަތީގައިވާ ގުޅުމެކެވެ. އެއީ އިސްތިޢުމާރީ ގުޅުމެއް ނޫނެވެ. އެއީ މުއްސަނދިކަން ފޭރުމުގެ "ގުޅުމެއް ނޫނެވެ." 

އެފްރޯ ރަޝިޔާ ސަމިޓް މި ބޭއްވެނި ދެކުނު އެފްރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ޖަމާޢަތުގެ ސަމިޓްގެ މަހެއްހާ ދުވަސްކުރިންކަން ފާހަގަކުރެވެއެވެ. މި ސަމިޓްގައި ރއީސް ޕޫޓިން ބައިވެރިވެވަޑައިފަންނަވާނީ ދާދިވަރުކޮށް ވީޑިޔޯ ކޮންގަރެންސްކޮށްނެވެ.      

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *