Support Us

އިސްރާއީލުގެ ޤަޟާއީ ނިޒާމު އެކޮޅުކޮޅަށް ޖަހާ ބިލް ފާސްކޮށްފި

ދެބަސްވުން އުފެދިފައިވާ އިސްރާއީލުގެ ޤަޟާއީ ނިޒާމަށް އިންޤިލާބެއް ގެންނާނެ ކަމަށް ބުނާ ބިލް އިސްރާއީލުގެ ކަނީސަތުން މިއަދު ފާސްކޮށްފިއެވެ.

މި ބިލުގެ ތިންވަނަ ކިޔުން ކިޔާ ނިމުނީ މިއަދުއެވެ. ތިންވަނަ ކިޔުންކިޔުމުން ބިލް ފާސްވީއެވެ. އިސްރާއީލުގެ ބަރްލަމާނުގެ ރައީސް ވިދާޅުވިގޮތުގައި ޤަޟާއީ ނިޒާމަށް ގެންނަން ހުށައެޅި އިޞްލާޙުތައް މިއަދު ފާސްވެއްޖެއެވެ.

މި ބިލާ ދެކޮޅު ހަދައި އިސްރާއީލުގައި މުޒާހަރާތައް ބާއްވަމުންދާތާ 29 ހަފުތާވިޔަސް އެކަމަށް ބަލައިލުމެއްނެތި ބޮޑުވަޒީރު ނަތަންޔާހޫ މި ބިލާއިގެން ކުރިއަށް ވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ. އިދިކޮޅު ޕާޓީތަކުން ވެސް މި ބިލަށް ހުރަސްއެޅުމަށް ބަރްލަމާނުގައި ފިއްތުންތައް ފިއްތިއެވެ.

މި ބިލް ފާސްކުރުމާ ވިދިގެން އިސްރާއީލުގެ މަސައްކަތުމީހުންގެ އިއްތިޙާދުން އެ ކަން ކުށްވެރިކުރިއެވެ. މަސައްކަތްތެރީންގެ އިއްތިޙާދު (ހިސްތަދުރޫތު) ބުނާގޮތުގައި ޢާންމު ހަޅުތާލެއް ބޭއްވުމަށް ޓަކައި އެ އިއްތިޙާދުގެ ކުއްލި ބައްދަލުވުމެއް މި ރޭ ބޭއްވޭނެއެވެ.

އިދިކޮޅު ޕާޓީތަކުން މި ބިލާ ދެކޮޅަށް ހުށައެޅި 140 އިޞްލާޙުގެ ތެރެއިން އެއްވެސް އިޞްލާޙަކަށް ސަރުކާރުގެ ކޯލިޝަނުން ތާއީދެއް ނުކުރިއެވެ. އިދިކޮޅު ކޯލިޝަން ބުނާގޮތުގައި މިއީ އިސްރާއީލު ޚުދްމުޚްތާރު ދައުލަތަކަށް ބަދަލުކޮށްލާނެ ޤާނޫނެކެވެ. 

މި ޤާނޫނުގެ ސަބަބުން ޤާނޫނުތައް ބާޠިލުކުރުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނޯންނާނެއެވެ. އަދި ފަނޑިޔާރުން އިސްކުރުމުގައި ފަހުބަސް ބުނާ ފަރާތަކަށް ވަނީ ސަރުކާރެވެ. މި ޤާނޫނުގެ ސަބަބުން ބަރްލަމާނުގެ މެންބަރުންގެ އެއްވެސް މަސްއަލައެއް ކޯޓަކަށް  ނުބެލޭނެއެވެ.

މި ބިލް ފާސްކުރުމުގެ ކުރިން އިސްރާއީލުގެ ރައީސް އިސްޙާޤު ހާރޓްސޮގް މެދުމިން ޙައްލަކާ ހަމައަށް ޕާޓީތައް ގެންދެވޭތޯ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މި ޤާނޫނަށް ސަރުކާރުން ދީފައިވާ ނަމަކީ "ބުއްދި ޤާބޫލުކުރުން ކޮންޓްރޯލްކުރުން" އެވެ. މިއީ ޤާނޫނު ހަދާ ބާރާއި ޝަރީޢަތްކުރުމުގެ ބާރުތައް ތަވާޒުނު ކުރުމަށް ޓަކައި ސަރުކާރުން ހުށައަޅައިފައިވާ އަށް ބިލްގެ ތެރެއިން ފުރަތަމަ ބިލެވެ. އިސްރާއިލުގެ އިދިކޮޅު ޒަޢީމު ލެޕިޑް ވިދާޅުވާ ގޮތުގައި އިދިކޮޅުން މި ބިލާ ދެކޮޅަށް ސުޕްރީމް ކޯޓަށް ދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *