Support Us

އޮސްޓްރޭލިޔާގެ އާ ސަފީރު ފަތްކޮޅު އަރުއްވައިފި

އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޑޭވިޑް ޖަސެޕް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވައިފިއެވެ. ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތައް ފަހު އޮސްޓްރޭލިޔާގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ޑޭވިޑް ޖަސެޕަށް މަރުޙަބާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އޮސްޓްރޭލިޔާގެ ސަފީރު ވަނީ އަންނަ އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރާ އަހަރު ކަމަށް ވުމާއެކު އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރާ މި ދަނޑިވަޅަކީ އެކަމަށް ވަރަށް މުނާޞަބު ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމުގައިވާ މީހުން ބިނާކުރުމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ކަންކަމުގައި އޮސްޓްރޭލިޔާ ސަރުކާރުން ދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި އޮސްޓްރޭލިޔާގެ ސަފީރު ވަނީ މަތީ ތަޢުލީމުގެ ދާއިރާއާއި ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއާއި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއާ އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާ އަދި މި ނޫންވެސް ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *