Support Us

ނަތަންޔާހޫގެ ޤަޟާއީ އިންޤިލާބާ ދެކޮޅަށް އެތައް ލައްކަ ބަޔަކު މަގުމައްޗަށް ނުކުމެއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު އެތާނގެ ޤަޟާއީ ނިޒާމު އިޞްލާޙުކުރުމަށް ބަރްލަމާނަށް ހުށައަޅުއްވައިފައިވާ ބިލާ ދެކޮޅަށް އިސްރާއީލުގައި ކުރަމުންދާ އިޙްތިޖާޖުތަކުގައި ރެއަކީ އާދަޔާ ޚިލާފަށް ހަލަބޮލި ރެއެކެވެ. ނަތަންޔާހޫގެ ޤަޟާއީ އިންޤިލާބާ ދެކޮޅަށް ރޭ އެތައް ލައްކަ ބަޔަކު އިޙްތިޖާޖު ކުރިއެވެ.

އިސްރާއިލުގެ ރަސްމީ ރޭޑިއޯ ބުނިގޮތުގައި އިސްރާއީލުގެ 150 ތަނެއްގައި ރޭ މުޒާހަރާ ކުރިއެވެ. ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުންދާ އިޙްތިޖާޖުތައް ބޭއްވެމުންދާތާ 28 ހަފުތާވެއްޖެއެވެ. ރޭގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެތައް ލައްކަ ބަޔަކު ތައްލު އަބީބުން ހިނގައިފައި ޤުދްސަށް ގޮސް އިސްރާއީލުގެ ބަރްލަމާނުގެ ކުރިމަތީގައި އިޙްތިޖާޖު ކުރިއެވެ. އެމީހުން މިހާރު ވަނީ ބަރްލަމާނު (ކަނީސަތު)ގެ ކުރިމަތީގައިފޭލިގެތައް ޖަހައި ނުކިޔަމަންތެރިކަމުގެ އިށީނުމެއް ފަށައިފައެވެ.

ބަދީޢޫތު އަޙްރަނޫތު ދުވަހު ނޫސް ބުނާގޮތުގައި ރޭ ތައްލު އަބީބާއި އިސްރާއީލުގެ މެދުތެރޭގެ ރަޙްބޫތު ސަހަރާއި އުތުރުގެ ޙައިފާ ސަހަރުގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރިއެވެ. މި ނޫސް ބުނިގޮތުގައި ބަރްލަމާނު ކުރިމަތީގައި 80 ހާސް މީހުން މުޒާހަރާކުރިއެވެ. ތައްލު އަބީބުގައި 220 ހާސް މީހުން މުޒާހަރާކުރިއެވެ. މީގެއިތުރަށް އިސްރާއީލުގެ ތަފާތު ރަށްރަށުގައި ވެސް ބޮޑެތި މުޒާހަރާތައް ބޭއްވިއެވެ.

އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި މުޒާހަރާ ކުރި މީހުން ނަތަންޔާހޫއާ މުޚާޠަބުކޮށް ބުންޏެވެ. "ކަލޭ ރައްޔިތުން ވީދައިލައިފިއެވެ. ޤައުމު ބައިބައި ކޮށްލައިފިއެވެ." 

އިސްރާއީލުގެ އިދިކޮޅު ޕާޓީތައް ބުނާގޮތުގައި ނަތަންޔާހޫ ބަރްލަމާނަށް ހުށައަޅުއްވައިފައިވާ ބިލުގެ ސަބަބުން ސުޕްރީމު ކޯޓުގެ ބާރު ނެތިގެންދާނެއެވެ. ބަރްލަމާނުގެ ބިލްތައް ބާޠިލްކުރުމުގެ ބާރު ނެތިގެންދާނެއެވެ. ފަނޑިޔާރުން އިސްކުރުމުގައި އެންމެފަހު ބަސް ބުނާ ފަރާތަކަށް ވާނީ ސަރުކާރެވެ. 

ދެކޮޅު ހަދާ ދާއިރާތައް އިތުރު ވަނީ

ޚަބަރުތައް ބުނާގޮތުގައި މި ބިލާ ދެކޮޅުހަދާ ދާއިރާތައް ދަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި ޤާނޫނީ ދާއިރާއާއި ސިފައިން ހިމެނެއެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި އިސްރާއީލުގެ ޖާސޫސީ ދާއިރާގައި މަސައްކަތްކުރާ ސިފައިންގެ ތެރެއިން 904 މީހަކު ސިފައިންގެ ޚިދްމަތުން ވަކިވުމަށް ވަނީ ނިންމައިފައެވެ.

އިސްރާއީލުގެ ޗީފް އޮފް ސްޓާފް އިސްރާއީލުގެ ސިޔާސީ އިސްވާރުންނަށް ދެންނަވާ ގޮތުގައި މި ބިލް ފާސްކުރާތާ 48 ގަޑިއިރުގެތެރޭގައި އިސްރާއީލުގެ ޢަސްކަރީ ބާރުގެ ކުރުންތެރިކަމަށާއި ޤާބިލުކަމަށް ޙަޤީޤީ ގެއްލުންތަކެއް ލިބިގެންދާނެއެވެ.

މި ޗެނެލް ބުނާގޮތުގައި އިސްރާއީލުގެ ރިޒަރވް ބާރުގައި ހިމެނޭ ސިފައިންގެ ތެރެއިން 10 ހާސް ސިފައިން ޚިދްމަތުން ވަކިވުމަށް ވަނީ ނިންމައިފައެވެ. 

އިސްރާއީލު ސަރުކާރުން ބޭނުންވަނީ ހޫނު މޫސުމުގެ ޗުއްޓީއަށް ބަރްލަމާން ދިޔުމުގެ ކުރިން މި ބިލް ފާސްކުރާށެވެ. މިހާރު ވަނީ މި ބިލުގެ އެއްކިޔުން ކިޔައިފައެވެ. މި ބިލް ފާސްވާނީ ތިން ކިޔުން ކިޔައިގެންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *