Support Us

ސްވިޑްނުން ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތަން ހުއްދަދިނުމުން އިސްލާމީ ދުނިޔޭގެ ރުޅިގަދަވެއްޖެ

ސްވިޑްނުންގައި ހުންނަ ޢިރާޤު އެންބަސީ ކުރިމަތީގައި މުޞްޙަފު އެންދުމަށް ހުއްދަދިނުމުން ޢިރާޤާ ސްވިޑްނާ ދެމެދުގައި ސިޔާސީ ވަރަށް ބޮޑު އަރާރުމެއް ފެށިއްޖެއެވެ.

މި މަސްއަލައިގައި ސުޢޫދީ ޢަރަބިއްޔާއިންނާއި އީރާނުންނާއި ޤަޠަރާއި ތުރްކީއާއި އުރްދުނާއި މިޞްރުފަދަ ޤައުމުތަކުން ސްވިޑްންގެ ސަފީރުން ޚާރިޖިއްޔާއަށް ގެންގޮސް އެކަން ކުށްވެރިކުރާ ނޯޓުތައް ވަނީ ޙަވާލުކޮށްފައެވެ. މި ނޯޓުތަކުގައި އިސްލާމީ މުޤައްދަސާތުތަކަށް ނަފްރަތްތެރިކަމުގެ ޙަމަލާތައް ދިނުމާ ދުރުހެލިވުމަށާއި ދުނިޔޭގެ މުސްލިމުންގެ ރަމްޒުތަކަށް ޙުރްމަތްތެރިކޮށް ހިތުމަށް ގޮވައިލައިފައިވެއެވެ. 

ސްވިޑްންގެ ރައްޔިތެއް ކަމުގައިވާ ސަލްވާން މޫމިކާ ނަމަކަށް ކިޔާ މީހަކު އިއްޔެ ވަނީ ޢިރާޤު އެންބަސީ ކުރިމަތީގައި މުޞްޙަފެއް ވިދައިލާ އޭގެ ގަނޑުތަކަށް ކޮޅުފައިން އަރައި އެއަށް އިހާނެތިކޮށް ހިތައިފައެވެ. އަދި އާޔަތުﷲ ޢަލީ ޚާމަނައީއާއި ޢިރާޤުގެ ޝީޢީ ޒަޢީމު މުޤްތަދާ އައްޞަދްރުގެ ފޮޓޯފުޅުތައް ވަނީ އަންދައިލައިފިއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިފައި މި މީހާއަށް އެކަންކުރުމުގެ ހުއްދަ ސްވިޑްންގެ  ފުލުހުން ދިނުމުން ޢިރާޤުގައި ވަނީ ސްވިޑްން އެންބަސީ އަންދައިލައިފައެވެ. 

ސްވިޑްން  ސަފީރު ފައްސައިލުން

 މި ކަންތައްތަކާ ވިދިގެން ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު ސޫދާނީ ރޭ ވަނީ ސްވިޑްން ސަފީރު ޢިރާޤުން ފޮނުވައިލައްވައިފައެވެ. އަދި ސްވިޑްންގައި ހުންނެވި ޢިރާޤުގެ ޝާޒޭ ވަނީ  ޤައުމަށް ގެންނަވައިފައެވެ. ބޮޑުވަޒީރު ސޫދާނީގެ ނިންމެވުމަށް ޢިރާޤުގެ ބަރްލަމާނުން ރޭ ވަނީ ތާއީދުކޮށްފައެވެ. މި ކމަށް ތާއީދުކޮށް ޢިރާޤުގައި މިއަދު ހުކުރުނަމާދަށް ފަހު ބޮޑެތި މުޒާހަރާތައްވެސް ވަނީ ބާއްވައިފައެވެ.

މީގެއިތުރަށް ޢިރާޤުން ވަނީ އެ ޤައުމުގައި ހުންނަ ސްވިޑްންގެ އެރިކްސަން މޯބައިލް ކުންފުނީގެ ޚިދްމަތް ދިނުން މަނާކޮށް އެ ތަން ބަންދުކޮށްފައެވެ. 

ސްވިޑްންގެ ސިޔާސީން ހިތްވަރުދީގެން

ސްވިޑްންގައި ސަލްވާން މޫމިކާ މުޞްޙަފު އެންދުމުގެ ކުޅިގަނޑު ކުޅެމުންދަނީ ސްވިޑްންގެ ޙައްދުފަހަނަޅައިފައިވާ ސިޔާސީ ޕާޓީގެ  ޒަޢިމު ރަސްމޮސް ޕެލުޑާން ހިތްވަރުދީގެންނެވެ. އޭނާ މި ކުޅި ފެށީ މި ހުސްވި ޖަނަވަރީ މަހުގައެވެ. އޭނާއަށް ތަބާވެގެން ސަލްވާން މޫމިކާ މުޞްޙަފުގެ ކޮޕީއެއް ފުރަތަމަ އަންދައިލީ ބޮޑު ޢީދު ދުވަހު ސްވިޑްންގެ ބޮޑު މިސްކިތުގެ ކުރިމަތީގައި މުސްލިމުންނަށް މަލާމާތް ކުރަމުންނެވެ. 

އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ ބޮޑެތި ޤައުމުތަކުން މުޞްޙަފު އެންދުން ކުށްވެރިއެއް ނުކުރެއެވެ. އެ ޤައުމުތަކުން އެކަން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން  ކުރެވެން ޖެހޭނެކަމެއް ކަމަށް ބުނެފައެވެ.

އިސްލާމީ ޤައުމުތަކުން ކުށްވެރިކުރުން

ޤަޠަރުގައި ހުންނަވާ ސްވިޑްންގެ ސަފީރު ޚާރިޖިއްޔާއަށް ގެންގޮސް  މި ޢަމަލު ކުށްވެރިކުރާ ނޯޓެއް އޭނާއާ ޙަވާލު ކުރިއެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ސްވިޑްން ސަރުކާރުން ފިޔަވަޅު އަޅަންޖެހޭނެކަމަށް މި ނޯޓުގައި ބުނެފައި ވެއެވެ. 

ސުޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ މި ފަދަ ފިޔަވަޅެއް އަޅައިފައެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން ކަންޢާނީ ވިދާޅުވިގޮތުގައި އީރާނުގައި ހުންނަވާ ސްވިޑްންގެ ސަފީރު ޚާރިޖިއްޔާއަށް ގެނެސް އެކަން ކުށްވެރިކުރާ ނޯޓެއް ޙަވާލުކުރިއެވެ. މުސްލިމުން ކެކިއެރުމުގެ ސަބަބުން ނުކުންނަ ނަތީޖާތަކުގެ ޒިންމާ ތަޙައްމުލުކުރަން ޖެހޭނީ ސްވިޑްން ސަރުކާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

ގުޅިގެން ފިޔަވަޅު އެޅުމަށް ތުރްކީ ގޮވައިލާ

ތުރްކީން މި ކަން ކުށްވެރިކުރަމުން އެފަދަ ޢަމަލުތައް ހުއްޓުވުމަށް ޓަކައި ފިޔަވަޅު އެޅުމަށް ސްވިޑްންއަށް ގޮވައިލިއެވެ. 

ތުރްކީގެ ޚާރިޖީވަޒީރު ފީދާން ހާމަކުރެއްވި ގޮތުގައި އޭނާ ރޭ  ޢިރާޤުގެ ޚާރިޖީ ވަޒީރު  ފުއާދު ޙުސައިނާއި ސުޢޫދީ ޚާރިޖީވަޒީރު ފައިޞަލް ފަރަޙާނާއި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއާއި ލީބިޔާ ސަރުކާރުގެ ވެރިޔާ ޢަބްދުލް ޙަމީދުއްދުބައިބާއާ ގުޅުއްވާ ސްވިޑްންގެ މި ހަޑި މުޑުދާރު ޢަމަލާ ދެކޮޅަށް ޙަރަކާތްތެރިވުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ސްވިޑްނުން މިނިވަންކަމުގެ ނަމުގައި މުސްލިމުންގެ މުޤައްދަސާތުތަކާ ބެހެން ދޫކޮށެއް ނުލެވޭނެއެވެ. މި ކަމާބެހޭގޮތުން މުސްލިމުން ތެދުވުމަށް ޓަކައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ފިޔަވަޅު އެޅުމަށް  އޭނާ ގޮވައިލެއްވިއެވެ. 

ސްވިޑްން ފުލުހުން މޫމިކާއަށް ހުއްދަދީފައިވަނީ ޢިރާޤު އެންބެސީ ކުރިމަތީގައި ޢިރާޤު ދިދަ އަންދައިލުމަށާއި އެކަމުގެ ތެރޭގައި މުޞްޙަފުގެ ކޮޕީއެއް އަންދައިލުމަށެވެ. އެހެނަސް އޭނާ މުޞްޙަފު އަންދައިނުލައި އެ ވީދައިލައި، ޢިރާޤު އެންބަސީ ކުރިމައްޗަށް އުކައިލާ އޭގެ މައްޗަށް ފައިން އެރީއެވެ. 

މި ކަން ކުށްވެރިކުރި ޤައުމުތަކުގެ ތެރޭގައި ހުރިހާ އިސްލާމީ ޤައުމުތަކެއް ހިމެނެއެވެ. އިސްލާމީ މުއައްސަސާތަކުގެ ތެރެއިން މި ކަން ކުށްވެރި ކުރީ މުއައްސަސާތަކުގެ ތެރޭގައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) އާއި އަޒްހަރާއި ވަރލްޑް އިސްލާމިކް ލީގާއި އަރަބިލީގް ހިމެއެވެ.

އދ ން ކުށްވެރިކުރުން

އދގެ އަމީން ޢާންމު ޣުޓަރެޝް މުސްލިމުންނާއެކު މި މަސްއަލައިގައި އެއްބާރުލައްވާ ކަން މިއަދު ހާމަކުރައްވައިފިއެވެ. އިސްލާމްދީނާ އިދިކޮޅު ޢަމަލުތަކުގެ ސަބަބުން ހައްދުފަހަނަޅައިދިޔުމުގެ ޢަމަލުތަކަށް ހަކަތަ ލިބެމުންދާނެ ކަމަށާއި ނުތަނަވަސްކަން އިތުރަށް ހޫނުވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ސަފީރުންނާ ބައްދަލު ކުރެއްވުމަށްފަހު ޣުޓަރެޝް ވިދާޅުވި ގޮތުގައި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ޤަރާރު އދން ފުރިހަމައަށް ތަންފީޒުކުރާނެއެވެ. ސްވިޑްންގައި މުޞްޙަފު އެންދުމުގެ ޙާދިސާތައް އިތުރުވަމުންދާ މަސްއަލަ މި މަޖިލީހުން ވަނީ ކުށްވެރިކޮށްފައެވެ. މިއީ ނަފްރަތްތެރިކަމާއި ހަރުކަށި ޢަމަލުތަކަށް ހިތްވަރުދޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށް އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޤަރާރުގައި ބުނެފައިވެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި ހުޅަނގުގެ ބައެއް ޤައުމުތަކުން މި ޤަރާރާ ދެކޮޅުހަދައިފައި ވެއެވެ. 

ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރަޝިޔާއިން ޢައްޔަންކޮށްފައި ހުންނަވާ އެ ޤައުމުގެ  މަންދޫބު މީޚާއީލް އޮލިޔަނޯވް ވިއެނާގައި ވިދާޅުވިގޮތުގައި ޔޫރަޕްގެ ބައެއް ޤައުމުގައި ހިނގަމުންދާ މުޞްޙަފު އެންދުމުގެ ހަޑިމުޑުދާރު ޢަމަލަކީ ޚަރާބުކުރަނިވި ޢަމަލެކެވެ. އޭގެ އަމާޒަކީ މުސްލިމުންގެ ޝުޢޫރުތަކަށް އިހާނެތިކޮށް ހިތުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ހިފެހެއްޓުމެއްނެތި މި ކަން ކުރުމަށް ދީފައިވާ ހުއްދައަކީ އެކަމަށް އެއްވެސް ބަހަނާއެއް އޮތް ކަމެއްނޫނެވެ. އެކަމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ އެއްވެސް ގުޅުމެއް ނެތެވެ.

ސްވިޑްންގެ މުދާ ބޮއިކަޓް ކުރުމަށް އަޒްހަރުން ގޮވައިލާ

އަޒްހަރުން ރޭ ވެސް ސްވިޑްން ކުށްވެރިކޮށް ވަރުގަދަ ބަޔާނެއް ނެރުނެވެ. އަޒްހަރުގެ ބަޔާން ބުނާގޮތުގައި "ޚިޔާލު ފާޅުކުރުމުގެ ފުލޯކު މިނިވަންކަމުގެ" ދަށުގައި އިސްލާމީ މުޤައްދަސާތުތަކަކަށް ތަކްރާރުކޮށް ސްވިޑްން އިހާނެތިކޮށް ހިތަމުންދާދިޔުމަކީ ވަރަށް ހަރުކަށި ޢިބާރާތުން އަޒްހަރު ކުށްވެރިކުރާ ކަމެކެވެ.  

ނިރުބަވެރި މުޖްރިމުންނަށް މުޞްޙަފުގެ ކޮޕީތައް އެންދުމުގެ ހުއްދަ ސްވިޑުނުން ދޭދިނުމަކީ އިސްލާމްދީނުގެ ޙައްޤުގައި އަދި އިންސާނިއްޔަތުގެ ޙައްޤުގައި ހިންގޭ ޖަރީމާއެކެވެ. އެއީ އަޒްހަރު ބުނިގޮތުގައި އިންސާނީ މުޖްތަމަޢުތަކުގެ ނިތްކުރީގައި ކަނޑައި ނެގޭ މަލާމާތުގެ ލަކުނުތަކެކެވެ. ގޮވައިލީ ﷲއަށާއި ﷲގެ ފޮތަށް ނަޞްރު ދިނުމަށް ޓަކައި ސްވިޑްންގައި އުފައްދާ އެއްވެސް އެއްޗެއް ނުގަތުމަށް އަޒްހަރުން އަރަބި އިސްލާމީ ރައްޔިތުންނަށް ގޮވައިލިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *