ސްވިޑްންގެ ވެރިރަށުގައި ޢިރާޤު އެންބަސީ ކުރިމަތީގައި ޙައްދުފަހަނަޅައިފައިވާ ސިލްވާން މޫމިކާ މިއަދު އަނެއްކާވެސް މުޞްޙަފެއް އަންދައިލައިފިއެވެ.
އޭނާ ޢިރާޤު އެންބަސީ ކުރިމަތީގައި ޢިރާޤުގެ ދިދައާއި ޢިރާޤުގެ ދީނީ ބައެއް ޒަޢީމުންގެ ފޮޓޯފުޅުތައް ވެސް އަންދައިލިއެވެ. އޭގެތެރޭގައި އީރާނުގެ ދީނީ މުރަޝިދު އާޔަތުﷲ ޢަލީ ޚާމަނައީގެ ފޮޓޯފުޅާއި ޢިރާޤުގެ ޝީޢީ ޒަޢިމެއް ކަމުގައިވާ މުޤްތަދާ އައްޞަދްރުގެ ފޮޓޯފުޅުތައް ވެއެވެ. އޭނާ މި ކަންތައްތައް ކުރީ ސްވިޑްންގެ ފުލުހުން އެކަންކަމަށް ހުއްދަދީގެންނެވެ. އެމީހުންގެ ޙިމާޔަތް ލިބިގެންނެވެ.
ޢިރާޤުން އިންޒާރުކޮށްފައިވާ ފަދައިން ސްވިޑްނުން މި ކަންކަން ކުރުމުން ޢިރާޤުގައި ހުންނަވާ ސްވިޑްންގެ ސަފީރާ ޖެސިކާ ސްފާރް ޑަސްޓަރަމް މިއަދު ޢިރާޤުން ފޮނުވައިލިއެވެ. އަދި ސްވިޑްންގައި ހުންނަވާ ޢިރާޤުގެ ޝާޒޭ ޤައުމަށް އެނބުރިވަޑައިގަތުމަށް ބަޣްދާދުން އެންގިއެވެ.
ޢިރާޤުން ސްވިޑްންއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެތެރޭގައި ސްވިޑްންގެ އެރިކްސަން މޯބައިލް ކުންފުނީގެ މޯބައިލް ޚިދްމަތް ޢިރާޤުގައި ހުއްޓައިލުން ވެސް ހިމެނެއެވެ.
ސްވިޑްންގެ މި މީހާއަށް މުޞްޙަފު އެންދުމުގެ ހުއްދަ ދިނުމުން ޢިރާޤުގައި މިއަދު ހެނދުނު ވަނީ އިޙްތިޖާޖުތައް ބާއްވައި ބަޣްދާދުގައި ހުންނަ ސްވިޑްން އެންބެސީއަށް ވަދެ އެތާނގައި ރޯކޮށްލައިފައެވެ.
މުޞްޙަފު އެންދުމުގެ ކުޅި ހުއްޓުވުމަށް ޓަކައި ޢިރާޤު ސަރުކާރުން މިހާރު ދަނީ އިސްލާމީ ޤައުމުތަކަށާއި ޢަރަބި ޤައުމުތަކާ ގުޅަމުން ސްވިޑްނާ ދެކޮޅަށް ތެދުވުމަށް ގޮވައިލަމުންނެވެ.



advertisment