Support Us

ރިޔާސީ އިންތިހާބު 2023:

އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެން ގާސިމާއި ނަޝީދާއި ނާޒިމް އެއްބަސްވެއްޖެ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރަން އިދިކޮޅު ހުރިހައި ޕާޓީއެއް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން މިއަދު އެއްބަސްވެއްޖެއެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސްގެ ރޫހީ ލީޑަރު މުހައްމަދު ނަޝީދު މިއަދު ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ގާސިމްގެ ކެމްޕޭން ޖަގަހަ، މ. ކުނޫޒުގައި އޮތް އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ތިން ޕާޓީން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައިވާ ކަމަށެވެ. ދެން އޮތީ އެކަމާ ބެހޭ ގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމާއި އެންމެ ކުޑަ ސިޔާސީ ޕާޓީ އެމްއާރުއެމްއާ މަޝްވަރާކުރުން ކަމުގައި ވެސް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވައިފައިވާ ގާސިމަކީ، މީގެ ކުރީގެ އިންތިހާބުތައް އެހެން ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދެއްވުމަށް، އެ ޕާޓީތަކާ އިއްތިހާދުވެ، ކާމިޔާބު ހޯއްދަވައިދެއްވާފައިވާ "ކިންގްމޭކަރ" އެކެވެ. ނަމަވެސް ގާސިމް މިއަދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ނުވެއްޖެ ނަމަ، ފަހަތަށް ޖެހިވަޑައިގަންނަވަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"(އެންމެން އެއްބަސްވާ އެ ކެންޑިޑޭޓަކީ) އަޅުގަނޑު ނޫން ކަމަށް ވަންޏާ، އަޅުގަނޑު ވެސް ފަހަތަށް ޖެހިގެންތާ ދެން ހުރި މީހަކު ނެރެވޭނީ،" ނަޝީދާއި ނާޒިމާއެކު ބޭއްވި ޕްރެސްގައި ގާސިމް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ރަޖިސްޓްރީ ކުރި ޑިމޮކްރެޓްސް އިން ޕާޓީގެ މަގާމުތަކެއް ވެސް އަދި ރިޔާސީ ކެންޑިޑޭޓަކު ވެސް އަދި އިންތިހާބެއް ނުކުރެއެވެ. އެހެންވެ ނަޝީދަކީ ވެސް ޕާޓީގެ އާންމު މެމްބަރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *