ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ސުޢޫދީ ޢަރަބިއްޔާއަށާއި ޤަޠަރަށާއި އެކުވެރި ޢަރަބި އިމާރާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރްކީގެ އުޞޫލުތައް އެ ޤައުމުތަކަށް ވިއްކަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް އުރްދުޣާންގެ ދަތުރުފުޅުގެ ފުރަތަމަ ދެ މަންޒިލް ސުޢޫދީ ޢަރަބިއްޔާއާއި ޤަޠަރު ނިންމަވައިފައި މިހާރު ހުންނެވީ އިމާރާތުގައެވެ. އުރްދުޣާން މި ދަތުރުފުޅު ފެށްޓެވުމުގެ ކުރިން ނޫސްވެރީންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. "ވިއްކަން ވާ އެއްޗެއްސާއި ނުވިއްކަން ވާ އެއްޗެހި އަހުރެމެންނަށް އެނގެއެވެ. މި ކަމުގައި ތުރްކީގެ މަޞްލަޙަތު ރިޢާޔަތް ކުރެވޭނެއެވެ."
އޭނާ ހާމަކުރެއްވި ގޮތުގައި "ތުރްކީއާއި ގަލްފުގެ ޤައުމުތަކާ ދެމެދުގައި ވޭތުވެދިޔަ ދެ ދަހަރުގެ ތެރޭގައި ބަދަލުކުރި ވިޔަފާރި މިހާރު ވަނީ 1.6 ބިލިޔަނުން 22 ބިލިޔަނަށް އިތުރުވެފައެވެ. މި ޢަދަދު އެތައް ގުނައަކަށް މައްޗަށް ޖައްސަން ތުރްކީން މަސައްކަތް ކުރާނެއެވެ."
އުރްދުޣާން ވިދާޅުވި ގޮތުގައި އޭނާގެ މި ދަތުރުފުޅުގެ އެންމެ ބޮޑު އަމާޒަކީ ވިޔަފާރިއާއި ވުނަކުރުމުގެ މުޢާމަލާތުތައް ހަރުދަނާކުރުމެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަން ކުރެވޭނީ ދެ ފަރާތަށް ވެސް "ފައިދާކުރަނިވި" އަސާސުގެ ތެރެއިންނެވެ.
އުރްދުޣާން ވިދާޅުވި ގޮތުގައި ތުރްކީއަށް އައި ބާރުގަދަ ބިންހެލުންތަކާ ވިދިގެން ގަލްފުގެ ޤައުމުތަކުން ލިބިފައިވާ އެހީތަކަކީ ގުނާ ޢަދަދުނުކުރެވޭހައި ގިނަ މާއްދީ އަދި މާނަވީ ތަފާތު އެހީތަކެކެވެ. އެ ޤައުމުތަކުން ވަގުތުން ވައިގެ މަގުން ފާލަން އަޅައިގެން އެހީތައް ފޮނުވައިފައިވާ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.
މި އަހަރަކީ ތުރްކީއާއި ޤަޠަރާ ދެމެދުގައި އަދި ތުރްކީއާއި އިމާރާތާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރި ކުރުމަށް ބައި ސައްތަ އަހަރު ފުރުން ފާހަގަކުރާ އަހަރެވެ. ސުޢޫދީ ޢަރަބިއްޔާއާ ތުރްކީއާ ދެމެދުގައި މި ގުޅުން ޤާއިމު ކުރީ 1929 ގައެވެ.
އުރްދުޣާން ވިދާޅުވި ގޮތުގައި އިސްލާމީ ޤައުމުތަކުގެ މަސްއަލަތަކާ ބެހޭގޮތުން ތުރްކީއާއި ގަލްފުގެ ޤައުމުތަކާ ދެމެދުގައި މަޝްވަރާތައް ކުރަން ވަނީ މަޖްބޫރުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ މައިދާންތަކެއްގައި ތުރްކީގެ އެހީ މި ޤައުމުތަކަށް ދޭނެއެވެ. އުރްދުޣާން ހާމަކުރެއްވި ގޮތުގައި ދިފާޢީ ޞިނާޢަތްތަކާއި ބިނާރުތަކުގެ މައިދާނުގައި ތުރްކީން މި ތިން ޤައުމާއެކު މަޝްރޫޢުތައް ޤާއިމުކުރާނެއެވެ.



advertisment