ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ ޤައުމުތަކާއި މެދުތެރޭ އޭޝިޔާގެ ފަސް ޤައުމެއްގެ ސަމިޓް ބައްދަލުވުމެއް ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މިއަދު ފެށޭނެއެވެ. މިއީ ގަލްފުގެ ޤައުމުތަކާއި އުޒްބަކިސްތާނާއި ކަޒަޚިސްތާނާއި ތުރްކުމާނިސްތާނާއި ޠަޖިކިސްތާނާއި ޤިރްޣީޒިސްތާނާ ދެމެދުގައި ބޭއްވޭ ފުރަތަމަ ސަމިޓެވެ.
އިސްލާމީ މި ޤައުމުތަކުގެ މި ސަމިޓްގައި މަޝްވަރާކުރާނީ ތަފާތު މައިދާންތަކުގައި އެ ޤައުމުތަކުގެ މެދުގައި އެއްބާރުލުމާއި ވިލަރެސްކުރުން ހަރުދަނާކޮށް ބަދަހިކުރުމާ ބެހޭގޮތުންނެވެ.
އުޒްބަކިސްތާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ބަހްރާމުޖާން އަޢުލާޔޯވް ވިދާޅުވާ ގޮތުގައި މިއީ "ވަރަށް ތާރީޚީ" ސަމިޓެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޖޯގުރަފީ ގޮތުންނާއި ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން މުހިއްމު ދެ ސަރަޙައްދެއްގައި އޮންނަ ޤައުމުތަކެއްގެ މެދުގައި ޤާއިމުކުރެވޭ އައު ބާވަތެއްގެ އެއްބާރުލުމެއްގެ ބިންގަލެވެ.
އޭނާ އައްޝަރްޤުލްއައުސަޠު ދުވަހު ނޫހަށް ދެއްވި ޚާޢްޞަ ބަސްދީގަތުމެއްގައި ވިދާޅުވިގޮތުގައި މިއަދުގެ ބައިނަލްއަޤްވާމީ ޙާލަތަށް ބަލާއިރު ދެ ފަރާތުގެ ދެމެދުގައި ގުޅުންތައް ބަދަހި ކުރުމަކީ ދެ ސަރަޙައްދުގެ މަޞްލަޙަތުތަކަށް އިޖާބަދޭނެ ކަމެކެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާއާއެކު ގުޅުންތައް ބަދަހިކުރުމަކީ މި ސަރަޙައްދުގެ ޤައުމުތައް ވަރަށް އިސްކަންދޭ ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ ކިބައިގައި ތެދުވެރިކަމާއި މާލީ އަދި އިޤްތިޞާދީ ކެރިފޯރުންތެރިކަން އެބަ އޮތެވެ. މި ޢުންޞުރުތަކުން ލާބަޔާއި މަންފާ ލިބެނީ ހަމައެކަނި އިސްލާމީ ޤައުމުތަކަށާއި ޢަރަބި ޤައުމުތަކަކަށްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެކަމުގެ މަންފާ މުޅި ދުނިޔެއަށް ވެސް ދަނީ ލިބެމުންނެވެ.
މެދުތެރޭ އޭޝިޔާގެ ޤައުމުތަކަކީ ކަނޑަށް ހުޅުވިފައިވާ ޤައުމުތަކަކަށް ނުވިޔަސް އެއީ ދުނިޔޭގެ މެދުތެރޭގައި އޮންނަ ވަރަށް މުހިއްމު ޤައުމުތަކެއް ކަމަށް ދާރިސުން ވިދާޅުވެއެވެ. މި ޤައުމުތަކަކީ އިސްލާމީ ބޮޑު ދައުލަތުގެތެރޭގައި ހިމެނުނު ޤައުމުތަކެކެވެ. އިސްލާމީ ތާރީޚާއި ސަޤާފަތާ ގުޅިލާމެހިފައި އޮތް ޤައުމުތަކެކެވެ.



advertisment