ކްރިމިޔާއާއި ރަޝިޔާ ގުޅުވައިދޭ މުހިއްމު ފާލަން ކުއްލި ކަމަކާ ހެދި ބަންދު ކޮށްފިއެވެ.
ކްރެމިޔާގެ ގަވަރުނަރު ސަރގީ އެކްސިޔަނޯވް ވިދާޅުވާ ގޮތުގައި ފާލަން ބަންދު ކުރަންޖެހުނީ ފާލަމުގެ ތަނބުތަކުން ތަނބަކަށް ލިބުނު ގެއްލުމަކާ ހެދިއެވެ.
ޔުކްރޭނުގެ މީޑިޔާތައް ބުނާގޮތުގައި 19 ކީލޯމީޓަރުގެ މި ދިގު ފާލަން ކައިރީގައި އެއްޗެހިތަކެއް ގޮވި އަޑު އިވުނެވެ. ވެގްނަރު ޖަމާޢަތުގެ ޓެލެގްރާމް ބުނާގޮތުގައި ފާލަމަށް ވަނީ ދެ ޙަމަލާއެއް ދީފައެވެ.
ރޫސީ ދިފާޢީ ވުޒާރާ އިއްޔެ ބުނިގޮތުގައި ކްރެމިޔާގެ ބައެއް ސަރަޙައްދުތަކަށް ޑްރޯން ޙަމަލާތަކެއް ދިނުމަށް ވަނީ މަސައްކަތްކޮށްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ދިޔަ އޮކްޓޯބަރު މަހު މި ފާލަމަށް ވަނީ ގޮވާއެއްޗެހީގެ ލޮރީއަކުން ޙަމަލާއެއް ދީފައެވެ. ކްރެމްލިނުން ތުހްމަތު ކުރި ގޮތުގައި އެއީ ޔުކްރޭންގެ ޖާސޫސީ އިދާރާއިން ދިން ޙަމަލާއެކެވެ. އެހެނަސް ކިޔީވުން މި ކަމުގެ ޒިންމާއެއް ނޫފުއްލައެވެ.
ޚާރްކީވް މައިދާން
އަނެއްކޮޅުން ޔުކްރޭންގެ ދިފާޢީ ވަޒީރުގެ ނައިބާ ހާމަކުރައްވާ ގޮތުގައި ކޮބިޔަންސްކް ސަރަޙައްދަށް ރޫސީ ސިފައިން ވަރަށް ވަރުގަދަ ޙަމަލާތަކެއް ދެމުން އެބަދެއެވެ. މި ޙަމަލާތައް ވަރުގަދަކަމުން ޔުކްރޭން އޮތީ ދިފާޢީ ވަރަށް "ދަތި ޙާލަތެއް" ގައެވެ. އޭނާ ވިދާޅުވިގޮތުގައި ކޮބިޔަންސްކް ނާރެހުގައި ރަޝިޔާ ސިފައިން ދަނީ އެމީހުން ތިބޭ ތަންތަން އިރުއިރުކޮޅާ ބަދަލުކުރަމުންނެވެ. އެއް ދުވަހުގެ ތެރޭގައި އެތައް ފަހަރަކު ވަނީ އެމީހުން ތިބޭ ތަންތަން ބަދަލުކޮށްފައެވެ. ޚާރްކީވަކީ ޔުކްރޭންގެ އެންމެ ބޮޑު ދެވަނަ ސަހަރެވެ. މި ސަހަރުގެ ގަވަރުނަރު ޓެރިޚޯވް ހާމަކުރެއްވި ގޮތުގައި ރޭ މި ސަހަރަށް ރޫސީ ސިފައިން ދެ ފަހަރަށް ޙަމަލާދިނެވެ. މި ޙަމަލާތަކުގެ ސަބަބުން ތިން މީހަކު ޒަޚަމުވެގެން ހަސްފަތާލަށް ގެންދަންޖެހުނެވެ.



advertisment