ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދު ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދުތައްބޫނާ ދައުޙާގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން ވާހަކަފުޅު ދައްކަވައި ބަހުސްކުރެއްވީ އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ބަދަހިކޮށް އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ތަފާތު މަސްއަލަތަކާ ބެހޭގޮތުންނެވެ.
އަމީރުގެ ދީވާނުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އެތައް ވަޒީރުންނެއް ބައިވެރިވެވަޑައިގަތެވެ. ދެ ޒަޢީމުން ބަޙުސްކުރެއްވި މަސްއަލަތަކުގެ ތެރޭގައި އިޤްތިޞާދާއި ވިޔަފާރިއާއި ޞިނާޢާތާއި ހަކަތަޔާއި ފަންނިއްޔަތުގެ މައިދާނުގައި ގުޅުންތައް ބަދަހިކޮށް ހަރުދަނާކުރުން ވެއެވެ.
މި ރަސްމީ ބައްދަލުކުރެއްވުމަށްފަހު އަމީރު ތަމީމާއި ރައީސް ތައްބޫން ވަކިން ބައްދަލުކުރެއްވުން އޮތެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޖަޒާއިރުގެ ރައީސް ތައްބޫން ދައުޙާއަށް ވަޑައިގަތީ ހޮނިހިރު ދުވަހުއެވެ. މިއީ ރައީސް ތައްބޫން ޖަޒާއިރުގެ ރައީސްކަމަށް 2019ގައި އިސްވެ ވަޑައިގަތުމަށްފަހު ޤަޠަރަށް ކުރެއްވި ތިންވަނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ސަބަބުން ޤަޠަރު– ޖަޒާއިރު ގުޅުންތައް އައު އުސްމިންތަކަކަށް ދަތުރުކުރާނެއެވެ. ޤަޠަރަކީ ޖަޒާއިރުގައި ވުނަކުރާ ޤައުމުތަކުގެ އިސް ސަފުގައި ހިމެނޭ ޤައުމެކެވެ. ވުނަކުރުމުގެ މަޝްރޫޢުތަކުގެ ދަށުން ޤަޠަރުން ވަނީ ޖަޒާއިރުގައި ފަތުރުވެރިކަމުގެ އެކުވެންޏެއް ޤާއިމުކޮށްފައެވެ. މި އެކުވެނީގައި 73 ހޮޓާ ހިމެނެއެވެ.
މިދިޔަ އަހަރު ޖަޒާއިރުން ވަނީ މުދަލާއި ދަތުރުވެރީން ނަޤްލުކުރުމަށް ޓަކައި ކަނޑުގެ ޚާއްޞަ މަގެއް ހުޅުވައިފައެވެ.
ޖަޒާއިރާ ޤަޠަރާ ދެމެދުގައި ބަދަލުކުރެވިފައިވާ ވިޔަފާރި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވަނީ 344.8 މިލިއަނަށް އިތުރުވެފައެވެ. ޤަޠަރާއި ޖަޒާއިރު ގުޅިގެން 169 ކުންފުންޏެއް ޤަޠަރުގެ ބާޒާރުގައި ޤާއިމުކޮށްފައި ވެއެވެ.



advertisment