އުތުރު ކޮރެޔާއާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ޢުދްވާނީ ސިޔާސާތު ދޫކޮށްނުލައިފިނަމަ ވަރުގަދަ ނިޔުކްލިޔަރ މައިތިރި ޙަމަލާއެއް ދޭންޖެހިދާނެ ކަމަށް އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ކިމް ޔޫ ޖޮންގް (ފޮޓޯ) ވިދާޅުވެ އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރު ކޮރެޔާއިން މިދާކަށް ދުވަހު ކުރި ބޮލިސްޓިކް މިސައިލް ތަޖްރިބާއަކީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރިއަށް އެޅި ފިޔަވަޅެކެވެ.
އުތުރު ކޮރެޔާއިން މިދިޔަ ބުދަދުވަހު ތަޖްރިބާކުރި މިސައިލަކީ ހަރު އުނދަނަ ބޭނުންކުރާ ހަތިޔާރެކެވެ. މި މިސައިލްގެ ރާސްތާއަކީ 622 މޭލެވެ. ދަތުރުކުރެވޭ އުސްމިނަކީ 6648 ކީލޯ މީޓަރެވެ. މި މިސައިލް ވެއްޓިފައިވަނީ ޖަޕާން ކަނޑަށެވެ. ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މި މިސައިލަށް އެމެރިކާ ބައްރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
އުތުރު ކޮރެޔާގެ މަރްކަޒީ ނޫސް އޭޖެންސީ ކިމްގެ ކޮއްކޯފުޅާ ޙަވާލާދީ ބުންޏެވެ. "އެމެރިކާއިން އަހަރެމެންނާ ދެކޮޅަށް ގެންގުޅޭ ޢުދްވާނީ ސިޔާސަތު ކުރިއަށް ގެންދާނަމަ އަހުރެމެން ނިޔުކްލިއަރ ވަރުގަދަ މައިތިރިއެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަމެވެ. މި ސިޔާސަތާ ކުރިމަތިލުމަށް ޓަކައި އުތުރު ކޮރެޔާއިން ކުރަމުންދާ މަސައްކަތާ ދެކޮޅުހެދުމުގެ ޙައްޤު އެއްވެސް ބަޔަކަށް ލިބިގެން ނުވެއެވެ."
އދ.ގެ ސަލާމަތީ މަޖިލީހުގައި މި މަސްއަލައާމެދު ބަހުސްކުރި ނަމަވެސް ރަޝިޔާއާއި ޗައިނާ ފަދަ ޤައުމުތަކުން ދެކޮޅު ހެދުމުގެ ސަބަބުން އެމެރިކާއަށް ވަނީ އުތުރު ކޮރެޔާ ކުށްވެރިނުކުރެވިފައެވެ. އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 10 މެންބަރުން އުތުރު ކޮރެޔާ ކުށްވެރިކުރިއެވެ. އެ ޤައުމުތަކުގެ ތެރޭގައި ދެކުނު ކޮރެޔާވެސް ވެއެވެ. ދެކުނު ކޮރެޔާ ބުނާގޮތުގައި މި އަހަރު އުތުރު ކޮރެޔާއިން 20 މިސައިލް ތަޖްރިބާކޮށްފައި ވެއެވެ.
އދގެ މި މަސައްކަތް ކުށްވެރިކުރައްވައި ޒަޢީމުގެ ކޮއްކޯފުޅު ސިފަކުރެއްވި ގޮތުގައި އެއީ "ވަކި ފަރާތަކަށް ބުރަވެފައިވާ ބޭއިންސާފު މަސައްކަތެކެވެ.'
އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައް އުތުރު ކޮރެޔާގެ ސަރަޙައްދުތެރެއަށް ވަންނަމުންދާތީ އުތުރު ކޮރެޔާއިން ވަނީ މި ބޯޓުތައް ވައްޓައިލަން ޖެހިދާނެ ކަމަށް ބުނެފައެވެ.
އުތުރު ކޮރެޔާގެ ނިޔުކްލިއަރ ތަޖްރިބާތައް އިތުރުވަމުންދާތީ ދެކުނު ކޮރެޔާއާއި އެމެރިކާއިން ވަނީ ޢަސްކަރީ އެއްބާރުލުންތައް އިތުރު ކޮށްފައެވެ. މި ދެ ޤައުމުން އިނަޒާރު ކުރާ ގޮތުގައި އުތުރު ކޮރެޔާއިން ނިޔުކްލިޔަރ ހަތިޔާރު ބޭނުންކޮށްފިނަމަ އުތުރު ކޮރެޔާގެ ސަރުކާރު ނައްތައިލާނެއެވެ.



advertisment