ނޭޓޯއިން ލިޓްވެނިޔާގެ ވެރިރަށުގައި ބޭއްވި ދެ ދުވަހުގެ ސަމިޓް ރޭ ނިމިއްޖެއެވެ. މި ސަމިޓްގައި 31 ޤައުމެއްގެ ޒަޢީމުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިކަމާ ވިދިގެން ރޫސީ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި "މި ސަމިޓްގެ ނަތީޖާއިން އެނގެނީ ޢަސްކަރީ ތަޙާލުފުގެ ސަބަބުން ދުނިޔެ ފިނިހަނގުރާމައިގެ ރޭވުންތަކުގެތެރެއަށް އަލުން އިޢާދަވެއްޖެ ކަމެވެ."
ރޫސީ ޚާރިޖިއްޔާގެ ބަޔާނުގައި އައިސްފައި ވެއެވެ. "އެމެރިކާ ޒަޢާމަތުގައި އޮވެގެން ހުޅަނގުން ގިނަ ތަނޑިތަކުގެ ދުނިޔެ ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެ ފަރާތަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކަކާއި ބާރުތަކެއްގެ ބޭނުންކޮށްގެން އެ ފަރާތުގެ ބާރު ދުނިޔެއަށް ވެރިކުރުވުމަށް ނިޔަތްގަތްފައިވާ ކަމެވެ." މި ވަސީލަތްތަކުގެ ތެރޭގައި ޢަސްކަރީ ވަސީލަތް ވެސް ހިމެނޭ ކަމަށް ރަޝިޔާއިން ބުންޏެވެ.
ރަޝިޔާއިން ތުހްމަތުކުރި ގޮތުގައި ނޭޓޯއާ އދގެ އުޞޫލުތަކާ ދެމެދުގައި ބައިވެރިވާ އެއްވެސް ބަހާއެއް ނެތެވެ.
ރަޝިޔާގެ ޚާރިޖިއްޔާއިން ބުންޏެވެ. "ލިޓްވޭނިޔާގައި ބޭއްވި ނޭޓޯ ސަމިޓްގެ ނިންމުންތައް މޮސްކޯއިނ ތަޙްލީލުކޮށް ދިރާސާކުރާނެއެވެ. އަހުރެމެންނަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކަކާއި ޠަރީޤާތަކަކުން ލައިފައި ވަގުތު ޖެހުމުން އެކަންކަމަށް ރައްދުދޭނެއެވެ. ރަޝިޔާގެ ބަޔާން ކަށަވަރުކޮށްދީފައިވާ ގޮތުގައި "ރަޝިޔާގެ ޢަސްކަރީ ނިޒާމާއި ދިފާޢީ ނިޒާމު ތަރައްޤީކޮށް ވަރުގަދަކުރަމުންދާނެ" އެވެ.
އެއްބައިވަންތަ ތަޙާލުފެއް
ނޭޓޯގެ ސަމިޓް ނިމުމުން ރައީސް ބައިޑްން ވިދާޅުވި ގޮތުގައި "ޔުކްރޭންގެ ހަނގުރާމައިގެ ތެރޭގައި ނޭޓޯ އޮތީ އެކަތިގަނޑެއްގެ ގޮތުގައެވެ. އެހެނަސް ރައީސް ޕޫޓިން ވިދާޅުވަމުން ވަޑައިގަތީ މި ތަޙާލުފު ރޫޅިންދާނެ ކަމަށެވެ."
ބައިޑްން އިތުރަށް ވިދާޅުވިއެވެ. "ޔުކްރޭނަށް ވާގިވެރިވުމަށް އަހުރެމެން ކަށަވެތިވި ކަށަވެތިވުން ބަލިކަށިވެގެން ނުދާނެއެވެ. މިއަދުވެސް އަދި މާދަން ވެސް އަހުރެމެން މިނިވަންކަން ދިފާޢުކުރާނަމެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ޔުކްރޭން ދިފާޢު ކުރުމަށް ޓަކައި އަދި ކުރިމަގުގައި އެކަން ކުރެވޭނެކަން ކަށަވަރުކޮށްދިނުމަށް ޓަކައި އެމެރިކާއިން މި ވަނީ 50 ޤައުމުގެ ތަޙާލުފެއް ޤާއިމުކޮށްފައެވެ."
ނޭޓޯގެ ސަމިޓް ރޭ ނިމުނީ ޔުކްރޭނަށް "ވަރަށް ވަރުގަދައަށް ވާގިވެރިވުން" ކަށަވަރުކޮށް ދެމުންނެވެ.
ޔުކްރޭން ނޭޓޯއަށް ވެއްދުމުގެ މަގު ކުރުކޮށްދިނުމަށް ޓަކައި ތިން ބައެއް ހިމެނޭ ޕާރުސަލަކަށް ނޭޓޯގެ މެންބަރު ޤައުމުތައް އެއްބަސްވިއެވެ. އަދި ކިޔީވަށް ސަލާމަތީ ޖާމިނުވުން ތަނަވަސްކޮށް ދިނުމަށް ޓަކައި ޞިނާޢީ ހަތް ޤައުމުގެ ގުޅިފައިވާ އިޢުލާނެއްގައި ސޮއިކުރިއެވެ.
ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޯލްޓެންބަރގް ވިދާޅުވި ގޮތުގައި "ނޭޓޯގެ މި ބައްދަލުވުމަކީ ވަރަށް ތާރީޚީ ބައްދަލުވުމެކެވެ." މި ބައްދަލުވުމުގައި "ކުރިއަށްވުރެ މާ ތަފްޞީލު ގޮތަކަށް ދިފާޢީ ރޭވުންތަކާއި ފިޔަވަޅުތަކާމެދު އެއްބަސްވެވުނެވެ."
އޭނާ ނޭޓޯ ސަމިޓް ނިމުމުން ދެއްވި ބަޔާން ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މިއަދުން ފެށިގެން ކުރިއަށް އޮތްތާނގައި ނޭޓޯއާއި ޔުކްރޭން ބައްދަލުވުންތައް ބާއްވަމުންދާނީ ހަމަހަމަ ބައިވެރީންގެ ގޮތުގައެވެ."
އޭނާ ވިދާޅުވިއެވެ. "ޔުކްރޭނުން އެ ޤައުމުގެ ބިންތައް މިނިވަންކުރުމަށް މަސައްކަތް ކުރަމުންދާއިރު އެ ޤައުމާއެކު ނޭޓޯ އޮންނާނެއެވެ."
ނޭޓޯގެ ސަމިޓް ނިމިގެން ދިޔައީ ޔުކްރޭން ނޭޓޯއަށް ވެއްދުމަށް އެއްބަސްވުމެއް ނެތިއެވެ.
ރައީސް ބައިޑްން ސީއެންއެނަށް މި ދިޔަ އާދީއްތަދުވަހު ހާމަކުރެއްވި ގޮތުގައި ނޭޓޯގެ މެންބަރުކަމަށް ޔުކްރޭން އަދި ތައްޔާރެއް ނުވެއެވެ. އިސްރާއީލަށް އެމެރިކާއިން ދީފައިވާފަދަ ސަލާމަތީ ޖާމިނުވުންތަކާ އެއްފަދަ ޖާމިނުވުންތަކެއް ޔުކްރޭނަށް ދެވިދާނެއެވެ. އެއީ ހަނގުރާމަ ހުއްޓި ޞުލްޙަ ޤައިމުކުރެވިއްޖެނަމައެވެ.
އެމެރިކާއިން އަބަދުވެސް އިސްރާއީލު ޢަސްކަރީ މައިދާނުގައްޔާއި ސިޔާސީ މައިދާނުގައި ޙިމާޔަތްކޮށް ދިފާޢުކޮށްދެއެވެ. އިސްރާއީލަށް އެންމެ ޒަމާނީ ހަތިޔާރު ދެއެވެ. އަދި 1973ގެ ހަނގުރާމައިގައި ވައިގެ ފާލަމެއް އަޅައިގެން އިސްރާއީލު ބަލިވިޔަނުދީ ދެމެހެއްޓިއެވެ. ޖަރްމަނުގެ ދާރިސަކު ކަމުގައިވާ ކްލޯޑިޔާ މޭޖަރ ވިދާޅުވާ ގޮތުގައި ހުޅަނގުން ޔުކްރޭނަށް ވެސް މި ދިނީ އެފަދަ ޖާމިނުވުންތަކެކެވެ.
މާލީ ދާއިމީ އެހީ
ސްޕޭންގެ ދުވަހު ނޫހެއް ބުނާގޮތުގައި ނޭޓޯގެ މެންބަރުން އެތައް އަހަރަކަށް ދެމިގެންދާ ގޮތަށް ޔުކްރޭނަށް އަހަރަކު 605 މިލިއަން ޑޮލަރުގެ މާލީ އެހީ ދޭނެއެވެ.



advertisment