Support Us

ޚަތިމު އެންދުން ކުށްވެރިކުރުމާ އެމެރިކާއާއި ހުޅަނގުން އދ.ގައި ދެކޮޅުހަދައިފި

ކީރިތި ޤުރްއާނުގެ ކޮޕީތައް އެންދުން ކުށްވެރިކުރުމާ އެމެރިކާއާއި އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިޙާދުގެ ބައެއް ޤައުމުތަކުން އދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ދެކޮޅު ހަދައިފިއެވެ.

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ގިނަ މެންބަރުން މި ކަން ވަރަށް ބޮޑަށް ކުށްވެރިކޮށް އެއީ އެކަމުގެ ސަބަބުން ރުޅިވެރިކަމާއި ދެބަސްވުންތަކާއި ނަފްރަތްތެރިކަން އުފައްދާނެ ކަމެއް ކަމަށް ބުންޏެވެ. އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޚާއްޞަ ކުއްލި ބައްދަލުވުމެއް ބޭއްވީ އިސްލާމީ އެއްބާރުލުމާ ބެހޭ މަޖިލީހުން އެނދިގެންނެވެ. މި ޚާއްޞަ ބައްދަލުން ބޭއްވީ އެ މަޖިލީހުގެ 53ވަނަ ބައްދަލުވުމުގެ ގިއުގަނޑުގެތެރޭގައެވެ.

އިސްލާމީ އެއްބާރުލުމުގެ މަޖިލީހުން މި ބައްދަލުވުން ބޭއްވުމަށް އެދުނީ ފަހަކަށް އައިސް ހުޅަނގުގެ ބައެއް ޤައުމުތަކުގައި މުޞްޙަފު އެންދުން އާދައިގެ ކަމަކަށް ހަދައިފައިވާތީ އެކަން ކުށްވެރިކުރުމަށެވެ. އޯއައިސީން ބުނާގޮތުގައި މިއީ ދީނީ ނަފްރަތްތެރިކަމަށް ހިތްވަރުދޭ ވަރަށް "ހަޑިމުޑުދާރު" ޢަމަލެކެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ނަމުގައި ބެލްޖިއަމުން މި މަސްއަލަ ވޯޓަށް ހުށައެޅުމުން ޔޫރަޕްގެ އިއްތިޙާދުގެ ބައެއް ޤައުމުތަކުންނާއި އިނގިރޭސިވިލާތާއި އެމެރިކާއިން މިކަމާ ދެކޮޅު ހަދައި މި ކަން ކުށްވެރިނުކުރާނެ ކަމަށް ބުންޏެވެ.

ވޯޓަށް އެހުމުގެ ކުރިން ވަރަށް ގިނަ ޤައުމުތަކަށް ވާހަކަދެއްކުމުގެ ފުރްޞަތު ދިނެވެ. ދުނުޔޭގެ ގިނަ ޤައުމތަކުން މި ޢަމަލު ކުށްވެރިކުރިއެވެ.

ސްވިޑްންގައި މުޞްޙަފު އެންދުމުގެ ޙާދިސައާ ވިދިގެން ދީންތަކުގެ މެދުގައި ނަފްރަތްތެރިކަން އިތުރުވަމުންދާ ކަމަށް އދ ން ބުންނެވެ. އިންސާނީ ޙައްޤުތަކާބެހޭ އދގެ ހައި ކަމިޝްނަރ ވޮލްކަރ ޓޫރަކް ވިދާޅުވި ގޮތުގައި މިފަދަ ޢަމަލުތަކުގެ އަމާޒަކީ މީސްތަކުންނަށް ފުރައްސާރަކުރުމާއި ރުޅިއެރުވުމާއި ދެބަސްވުންތައް އުފެއްދުމާއި މީސްތަކުންގެ މެދުގައި ނަފްރަތްތެރިކަން އުފެއްދުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ދީނީ ތަންތަން ހަލާކުކޮށް ނައްތައިލުމާއި މުޤައްދަސް ލިޔެކިޔުންތައް އެންދުމަކީ މީސްތަކުންނަށް އިހާނެތިކޮށް ހިތުމަށާއި މީސްތަކުންނަށް ފުރައްސާރަކުރުމަށް ކުރެވޭ ކަންތައްތަކެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާނީ ޤާނޫނަކީ "ޤައުމިއްޔަތުގެ ނަފްރަތްތެރިކަމާއި ދީނީ ޢުންޞުރިއްޔަތުގެ ނަފްރަތްތެރިކަން" ސާފު ޞަރީޙަ ބަހުން މަނާކުރާ ޤާނޫނެކެވެ.

މި ހުސްވި ޖޫން މަހުގެ 28 ވަނަ ދުވަހު ސްވިޑްންގައި ވަނީ ހައްދުފަހަނަޅައިފައިވާ ނަޞާރާއަކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިފައި މިސްކިތެއްގެ ކުރިމަތިގައި މުޞްޙަފެއް އަންދާލައިފައެވެ. އޭނާ މި މުޞްޙަފު ވީދައިލުމަށްފަހު އޭގެ ގަނޑުތަކުން އޭނާ ބޫޓު ފުހެ އެއަށް އޫރު ތެޔޮ އަޅައި ރޯކޮށް އަންދައިލީ ސްވިޑްންގެ ފުލުހުންގެ ޙިމާޔަތް ލިބިގެން މުސްލިމުންގެ ބޮޑު ޢީދު ދުވަހުއެވެ.

އިސްލާމީ ޤައުމުތަކުންނާއި އިސްލާމީ އެއްބާރުލުމުގެ މަޖިލީހުން މި ކަން ވަނީ ކުށްވެރިކޮށްފައެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި ސްވިޑްނާ ދެކޮޅަށް މުޒާހަރާތައް ބޭއްވިއެވެ. އަދި ސްވިޑްންގެ މުދާތައް ބޮއިކަޓް ކުރުމަށް ވެސް ގޮވައިލިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *