Support Us

ރޫސީ- ގަލްފު ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައިފި

 

ރޫސީ- ގަލްފު ޚާރިޖީ ވަޒީރުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިއީ އިސްތިރާތީޖީ ބިންގަލެއްގެ މަތީގައި އެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން ދަމަހައްޓައި ތަރައްޤީ ކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

ރޫސީ ޚާރިޖީވަޒީރު ލެވްރޯވް މި ބައްދަލުވުން ހުޅުއްވާ ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ގަލްފުގެ ޤައުމުތަކާއެކު ހުރިހާ މައިދާންތަކެއްގައި އެއްބާރުލުން ހަރުދަނާކުރުމަށް މޮސްކޯއިން ވަރަށް ޚާއްޞަ އިސްކަމެއް ދޭކަން ފާހަގަކުރެއްވިއެވެ. 

އޭނާ ވިދާޅުވިއެވެ. "ރަޝިޔާއާއި ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ ޤައުމުތަކާ ދެމެދުގައި އިސްތިރާތީޖީ އަދި މަންހަޖީ ބިންގަލެއްގެ މަތީގައި ގުޅުންތައް ބަދަހި ކުރުމަށާއި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުރިހާ ބަހާތަކަކާއި ޢުންޞުރުތަކެއް އެބައޮތެވެ." 

މި ބައްދަލުވުމަކީ އިސްތިރާތީޖީ މަޝްވަރާތައް ހަރުދަނާކުރުމަށް ޓަކައި ރަޝިޔާއާއި ގަލްފުގެ ޤައުމުތަކާ ދެމެދުގައި ބޭއްވި ވަޒީރުންގެ ހަ ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ޔުކްރޭން ހަނގުރާމައާއި ރަޝިޔާއާއި ޔުކްރޭނުގެ ގޮވާން ބޭރުކުރުމުގެ މަސްއަލައާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހޫނު އެތައް ފައިލްތަކަކާ ބެހޭގޮތުން މަޝްވަރާކޮށް ބަޙުސްކުރިއެވެ.

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން  މައިދާނީ ތަފްޞީލުތައް ދެއްވިއެވެ. ރަޝިޔާގެ މަޞްދަރެއް ހާމަކުރި ގޮތުގައި މި އަރާރުން އިތުރަށް ހޫނުވެގެން ދިޔުމަށް އެހީވާ ބަހާތަކެއް ހުރި ކަމަށް ރޫސީ ވަޒީރު ހާމަކުރައްވައި މި ބަހާތަކާ ބެހޭގޮތުން ރަޝިޔާ ދެކޭގޮތް ވިދާޅުވެ ދެއްވިއެވެ.  

ގޮވާން ބޭރުކުރުމަށް ގަލްފުން އިސްކަންދޭ

މި ބައްދަލުކުރެއްވުމުގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ އަމީން ޢާންމު  ޖާސިމު މުޙައްމަދުލް ބުދައިވީ ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގެ އަމާޒަކީ ރަޝިޔާއާއި ގަލްފުގެ ޤައުމުތަކާ ދެމެދުގައި ގުޅުންތައް ބަދަހިކުރުމެވެ. ބުދައިވީ ވިދާޅުވި ގޮތުގައި ގޮވާން ބޭރުކުރުމާ ބެހޭ މުޢާހަދާގެ މުއްދަތު އިތުރުވެގެން ދިޔުމަކީ ގަލްފުގެ ޤައުމުތައް ވަރަށް އިސްކަންދޭ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އިންސާނީ ގިލަންތަކަކަށް ވަނީ ލުއިކަން ލިބިފައެވެ. ކާބޯތަކެއްޗާ ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތަކެއް ވަނީ ޙައްލުކުރެވިފައެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި ބައިނަލްއަޤްވާމީ ވަރަށް ގިނަ ފައިލްތަކަކާއި ސަރަޙައްދީ އެއްބާރުލުމާ ބެހޭގޮތުން ވާހަކަ ދެކެވޭނެއެވެ.

ބުދައިވީ ވިދާޅުވިގޮތުގައި ރަޝިޔާ– ގަލްފު އެއްބާރުލުމުގެ ސަބަބުން އޯޕެކް+ ގެ އެއްބާރުލުން ވަނީ އިތުރަށް ހަރުދަނާވެފައެވެ. މި ކަމުގެ ސަބަބުން ތެލުގެ ބައިނަލް އަޤްވާމީ ބާޒާރަށް ވަނީ ހަމަޖެހުން އައިސްފއެވެ.

ޔުކްރޭން މަސްއަލަ ޙައްލުކުރުން

ޢުމާނުގެ ޚާރިޖީވަޒީރު ބަދްރު ބިން ޙަމަދުލްބޫސަޢީދީ ވިދާޅުވި ގޮތުގައި ޔުކްރޭން އަރާރުން ޙައްލު ކުރަންވާނީ މަސައްލައާ ބެހޭ ހުރިހާ ފަރާތްތަކެއްގެ ރައުޔާ އެއްގޮތަށް ބައިނަލްއަޤްވާމީ ޤާނޫނުގެ  ގިއުގަނޑުގެ ތެރޭގައެވެ. ބޫސަޢީދީ ވިދާޅުވިއެވެ. "މި މަސްއަލައަށް ޞުލްޙަވެރި ޙައްލެއް ގެނައުމަކީ ޟަރޫރަތެކެވެ." 

ޔުކްރޭން ހަނގުރާމައިގެ ބައެއް އަސީރުން ބަދަލުކުރުމުގެ މަސްއަލައިގައި ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުން ކާމިޔާބު ދައުރެއް ކުޅެފައިވާތީ ޔުކްރޭން މަސްއަލަ ޙައްލުކުރުމަށް ޓަކައި ގަލްފުގެ ޤައުމުތަކުން އިސްނެގުމެއް ހުށައެޅުމަކީ ދުރުކަމެއް ނޫނެވެ. ރޫސީ ރައީސް ޕޫޓިން ވަނީ އަސީރުން ބަދަލުކުރުމުގެ މަސްއަލައިގައި ރިޔާޟާއި އަބޫ ޡަބްއިގެ ދައުރަށް ތާރީފު ކުރައްވައި ޝުކްރު  އަދާކުރައްވައިފައެވެ.  

ޔުކްރޭން މަސްއަލައިގައި ގަލްފުގެ ޤައުމުތަކުގެ ސިޔާސަތަށް ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ތާރީފުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ހުޅަނގުން ގަލްފުގެ ޤައުމުތަކަށް ފިއްތުންތައް ފިއްތަމުންދާއިރުގައި ވެސް އެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިއެއް ނުވެއެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "ޢަރަބި ލީގާއި ގަލްފުގެ އެއްބާރުލުމުގެ މަޖިލީހާ ރަޝިޔާއާ ދެމެދުގައި ވާ ގުޅުމަކީ ވަރަށް ތާރީޚި ގުޅުމެކެވެ."

ރަޝިޔާގެ މީޑިޔާތައް ބުނާގޮތުގައި މި ބައްދަލުވުމުގައި ފަލަސްޠީނު މަސްއަލައާމެދު ބަޙުސްކުރިއެވެ. މި މަސްއަލަ ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ޓަކައި އުފައްދައިފައިވާ ހަތަރު ފަރާތުގެ (ރަޝިޔާއާއި އެމެރިކާއާއި އދ އާއި ޔޫރަޕްގެ އިއްތިޙާދުގެ) ކޮމެޓީ އަލުން ޙަރަކާތްތެރިކުރުވުމަށް މި ބައްދަލުވުމުން ގޮވައިލިއެވެ.

މި ބައްދަލުވުމުގައި ބަޙުސްކުރެވުނު މަސްއަލަތަކުގެ ތެރޭގައި ސޫރިޔާ މަސްއަލައާއި ލީބިޔާ މަސްއަލައާއި ޔަމަނުގެ މަސްއަލަ ހިމެނެއެވެ. މީގެ އިތުރަށް ގަލްފުގެ ޤައުމުތަކާ ރަޝިޔާއާ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ މައިދާނުގައި އެއްބާރުލުން ހަރުދަނާކުރުމާ ބެހޭގޮތުން ވެސް ބަޙުސް ކުރިއެވެ. 

ގަލްފު- ރޫސީ އެއްބާރުލުމުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2017ގައި ރިޔާޟުގައެވެ. ދެވަނަ ބައްދަލުވުން ބާއްވައިފައި ވަނީ އަބޫ ޡަބްއިގައި 2019 ގައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *