Support Us

އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެ: ފައިސަލް

މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެ ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ހުޅުވުމުގެ ތައްޔާރީތައްވަމުން ކަމަށެވެ. މީގެ އިތުރުން އަތޮޅު ތެރޭގައިވެސް އެފަދަ މަރުކަޒުތައް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އަދި ވަރަށް އަވަހަށް ހުޅުމާލޭގައިވެސް އެފަދަ މަރުކަޒެއް ޤާއިމްކުރެވިގެން ދާނެ ކަމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި އިސްރަށްވެހިންނަށް ނޫން ކަމަށާއި، އެމަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު އިސްރަށްވެހިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީ، މާޒީގައި، ޤައުމަށް އަދި ދިވެހިދައުލަތަށް އިޚްލާޞްތެރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި ނަމޫނާ ދައްކަވާފައިވާ ބޭފުޅުން ކަމަށެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތަކުގެ މުހިއްމުކަން ފާހަގަކުރައްވައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމެއް ކުރިއަރައި ދަނީ އެކި އުމުރުފުރާގެ ހުރިހާ އެންމެންގެ ވިސްނުމާއި ފިކުރު ކަންތައްތަކުގައި ބޭނުންކޮށްގެން ކަމަށެވެ.

މިޖަލްސާގައި، މަޑުލު މުޙައްމަދު ވަހީދު ލިޔުއްވައި، އިސްރަށްވެހިންގެ ޖަމިއްޔާއަށް ހަދިޔާކުރައްވާފައިވާ "ދިވެހި އިސްރަށްވެހިންނަށް ލޯތްބާ އެކު" ފޮތް، ނެރެދެއްވީ ނައިބު ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން މި ޖަލްސާގައި ވަނީ އިސްރަށްވެހިންގެ ޖަމިއްޔާގެ މެމްބަރު، އަދި ދައުލަތުން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ ބަދުރުއްނަޞީރު ލިޔުއްވާފައިވާ ފޮތް، "ޚިދުމަތުގެ ހަނދާންތައް" ނައިބު ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވިއެވެ. މިފޮތަކީ ބަދުރުއްނަޞީރުގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި، ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *