ވެގްނަރ ޖަމާޢަތުގެ ޒަޢީމު ޕްރިގޮޒިނާ، ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން މިއަދު ބައްދަލު ކުރައްވައިފިއެވެ. މިއީ މި ދިޔަ ޖޫންމަހުގެ ފަހުކޮޅު އެ ޖަމާޢަތުން އިޢުލާންކުރި އެއް ދުވަހުގެ ނާކާމިޔާބު ނުކިޔަމަންތެރިކަމަށްފަހު ރޫސީ ރައީސް އެ ޖަމާޢަތުގެ ޒަޢީމާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ކްރެމްލިންގައި އޮތް މި ބައްދަލުކުރެއްވުން ތިން ގަޑިއެއްހާ އިރަށް ދެމިގެންގޮސްފައިވާ ކަމަށް ކްރެމްލިންގެ ތަރްޖަމާން ބިސްކޯވް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޕޫޓިން ވެގްނަރ ޖަމާޢަތުގެ ނުކިޔަމަންތެރިކަން އޭނާ އަގުކުރައްވާގޮތް ވިދާޅުވެ ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވެގްނަރ ޒަޢީމު ޕްރިގޮޒިން ރައީސް ޕޫޓިނަށް ކިޔަމަންތެރިކަން އަދާކުރުން މަތީގައި ވެގްނަރ ހަނގުރާމަވެރިން ތިބޭނެކަން ކަށަވަރުކޮށް ދެއްވިއެވެ. އަދި ރަޝިޔާއަށް ޓަކައި ހަނގުރާމަކުރުން ހުއްޓައިނުލާނެ ކަމަށް ވެސް ވެގްނަރ ޒަޢިމު ދެންނެވިއެވެ.
ބިސްކޯވް ވާހަކަފުޅުގައި ޔުކްރޭން ނޭޓޯގެ މެންބަރަކަށް ވެއްޖެނަމަ އެކަމުގެ ނަތީޖާ "ވަރަށް ނައްސިވާނެ" ކަމަށް ވިދާޅުވިއެވެ.
ރަޝިޔާއިން ތުރްކީގައި ހަދަން ހަމަޖެހިފައިވާ ގޭސް މަރްކަޒާ ބެހޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ބިސްކޯވް ވިދާޅުވިގޮތުގައި އަންކަރާއާއެކު އޮތް ގުޅުންތައް މޮސްކޯއިން ދެމެހެއްޓުމަށް ގަސްތުކުރެއެވެ. މި ދިޔަ ހަފުތާގައި އަންކަރާއިން ޔުކްރޭންގެ އަސީރުންގެ ތެރޭގައި ހިމެނޭ އިސް ފަސް އަސީރަކު ކިޔީވަށް ދިނުމުގެ ސަބަބުން މޮސްކޯ– އަންކަރާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. ރަޝިޔާއިން ބުނާގޮތުގައި މިއީ ޔުކްރޭނުގެ އަސީރުންތަކެއް އަންކަރާއާ ޙަވާލުކުރެވުނު އެއްބަސްވުމާ ޚިލާފު ކަމެކެވެ.
ތުރްކީގައި ރަޝިޔާގެ ގޭހުގެ މަރްކަޒެއް ޤާއިމު ކުރުމަށް މި ދިޔަ އަހަރު ވަނީ ތުރްކީއާއެކު އެއްބަސްވެފައެވެ. މިއީ ޔޫރަޕްނޫން މަގަކުންލައިފާ ރަޝިޔާގެ ހަކަތަ ބޭރުކުރުމަށްޓަކައި ރަޝިޔާއިން އަޅައި ފިޔަވަޅެކެވެ.



advertisment