Support Us

ކޯޅިބޮމުގެ މަސްއަލައިގައި ޔޫރަޕާއި ކެނެޑާއިން އެމެރިކާއާ ދެކޮޅުހަދައިފި

އެމެރިކާއިން ޔުކްރޭނަށް ކޯޅިބޮން (ނުވަތަ ކްލަސްޓަރ ބޮން) ދިނުމަށް ނިންމުމުން ޔޫރަޕާއި ކެނެޑާއިން އެމެރިކާގެ ޤަރާރާ ދެކޮޅު ހަދައި މި ޤަރާރު މުރާޖަޢާ ކުރުމަށް ގޮވައިލައިފިއެވެ.

ކޯޅިބޮމަކީ ބައިނަލްއަޤްވާމީ ޤާނޫނު މަނާކުރާ ހަތިޔާރެކެވެ. އޭގެ ސަބަބުން ޢާންމުން މަރުވުން ގިނަވެ ޢާންމުންގެ ހަށިގަނޑުތަކުގެ ބުރުސޫރައަށް ގެއްލުންތައް ލިބޭލެއް ގިނަކަމުންނެވެ. 

އެމެރިކާ އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި ޔުކްރޭނަށް ދޭ ހަތިޔާރުގެ 800 މިލިއަން ޑޮލަރުގެ ޕާރުސަލުގައި ކޯޅިބޮން ހިމެނޭނެއެވެ. އެއީ ޔުކްރޭންގެ ސަލާމަތީ ދިފާޢީ ބާރުތައް ވަރުގަދަ ކުރުމަށް ޓަކައި ދިނުމަށް ހަމަޖެހުނު ހަތިޔާރުތަކެކެވެ. އެމެރިކާއިން ވަނީ ޔުކްރޭނަށް ޖުމްލަ 40 ބިލިއަން ޑޮލަރުގެ އެހީ ދީފައެވެ. ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި އޭނާ ޔުކްރޭނަށް މި މަނާ ހަތިޔާރު ދިނުމަށް ނިންމެވީ ޕެންޓަގަން އެކަމަށް ވަޞިއްޔަތް ކުރުމުންނެވެ.

އެމެރިކާއިން ޔުކްރޭނަށް ކޯޅިބޮން ދިނުމަށް ނިންމުމުން ކިޔީވުން މި ކަމަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔެއެވެ. ޔުކްރޭނުން ވަނީ މި ހަތިޔާރު ރަޝިޔާގެ ބިންތަކުގައި ބޭނުންނުކުރާނެ ކަމަށް ވަޢުދުވެފައެވެ. 

ހުޅަނގު ވޮޝިންގްޓަނާ ދެކޮޅު

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސްނަކް އިއްޔެ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތަކީ ކޯޅި ބޮން ބޭނުންކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ 111 ޤައުމުގެތެރޭގައި ހިމެނޭ ޤައުމެކެވެ. ސްނަކް ނޫސްވެރިންނަށް ހާމަކުރެއްވި ގޮތުގައި "ރަޝިޔާގެ ޢުދްވާނާ ދެކޮޅަށް ލަންޑަނުން ދެމުންދާ އެހީތައް ކުރިއަށް ގެންވޭނެއެވެ. އެހެނަސް ކޯޅީބޮން ދިނުމަށް ލަންޑަން ތާއީދެއް ނުކުރާނެއެވެ." 

އިނގިރޭސި ބޮޑުވަޒީރުގެ މި ބަޔާނުގެ ދެތިން ގަޑިއިރު ކުރިން  ޖަރްމަނުގެ ޚާރިޖީ ވަޒީރާ އަނާލިޔާ ބަރބޮކް ވިދާޅުވިގޮތުގައި ކޯޅިބޮން ކިޔީވަށް ދިނުމަކީ އެކަމާ ޖަރްމަން ދެކޮޅު ހަދާ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯޅިބޮން ބޭނުންކުރުން މަނާކުރާ މުޢާހަދާގައި ޖަރްމަނުން ވެސް ވަނީ ސޮއިކޮށްފައެވެ. 

ކެނެޑާ ސަރުކާރުން ވަނީ މިކަމާ ދެކޮޅުހަދާކަން ރޭ އިޢުލާންކޮށްފައެވެ. ކެނެޑާ ސަރުކާރު ބުނާގޮތުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން މަނާކޮށްފައިވާ ހަތިޔާރެއް ރޫސީ ސިފައިންނާ ދެކޮޅަށް ޔުކްރޭނުން ބޭނުންކުރުމަކީ ކެނެޑާ އެކަމާ ދެކޮޅު ހަދާ ކަމެކެވެ.

ސްޕޭންގެ ދިފާޢީ ވަޒީރާ މާގްރީޓާ ރޮބެލްސް މި ކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި އެ ހަތިޔާރު ޔުކްރޭނަށް ފޮނުވައިގެން ނުވާނެއެވެ. ވަޒީރާ ވިދާޅުވި ގޮތުގައި އެއްވެސް ޙާލަތެއްގައި މަނާ ހަތިޔާރެއް ދީގެންނުވާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެއީ ނޭޓޯގެ ޤަރާރެއް ނޫނެވެ. އެއީ ވޮޝިންގްޓަންގެ ނިންމުމެކެވެ.

މި މަސްއަލައިގައި ވާހަކަދައްކަމުން ހިޔުމަން ރައިޓްސް ވޮޗް އެމެރިކާ ކުށްވެރިކޮށް އެކަމާ ދުރުހެލިވުމަށް ގޮވައިލިއެވެ. އޮސްލޯގައި 2008 ވަނަ އަހަރު ސޮއިކުރި މި މުޢާހަދާގައި  ސޮއިނުކުރާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި ރަޝިޔާއާއި ޔުކްރޭން ހިމެނެއެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *