Support Us

އެމެރިކާއިން ޔުކްރޭނަށް ކޯޅި ބޮން ދޭތީ ރަޝިޔާ ފާޑުކިޔައިފި

އެމެރިކާއިން ޔުކްރޭނަށް ކޯޅި ބޮން (ނުވަތަ ކްލަސްޓަރ ބޮން) ދިނުމަށް ނިންމުމުން ރަޝިޔާއިން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ރަޝިޔާއިން ބުނިގޮތުގައި މިއީ "ބަލިކަށިކަމުގެ ދަލީލެކެވެ." އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން މޮސްކޯގެ ޢަސްކަރީ ޚާއްޞަ މަސައްކަތުގެ ރާސްތާއަށާއި ދުވެއްޔަށް ބަދަލެއް ނާންނާނެ ކަމަށް މޮސްކޯއިން ބުންޏެވެ.

ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވިގޮތުގައި އެމެރިކާއިން ހުކުރު ދުވަހު ނިންމި ނިންމުމަކީ "ނާއުންމީދުކަމުގެ ނަތީޖާއެކެވެ. މިއީ ވަރަށް ދިގު މުއްދަތަކަށް ޕްރޮޕެގެންޑާ ހެދި އިދިކޮޅު ޙަމަލާ ނާކާމިޔާބުވުމުން އިޙްސާސްކުރި ނިކަމެތިކަމުގެ ދަލީލެކެވެ."

އޭނާ ވިދާޅުވިގޮތުގައި "މިއީ އެމެރިކާއާއި ކިޔީވުން ނަގާ އެންމެ ފަހު ހަތިޔާރެވެ. މި ހަތިޔާރު މި ނަގަނީ އޭގެ ނަތީޖާއާމެދު އެއްވެސް ބަލާލުމެއްނެތިއެވެ. މި ކަމުން ޢަސްކަރީ ޚާއްޞަ މަސައްކަތަށް އެއްވެސް ނުބައި އަސަރެއް ނުކުރާނެއެވެ."

ޒަޚަރޯވާ ވިދާޅުވިގޮތުގައި އެމެރިކާގެ ޤަރާރުން ފާޅުވީ "އެމެރިކާގެ ޢުދްވާނީ ރާސްތާއެވެ. މި ކަމުގެ ބޭނުމަކީ ޔުކްރޭން އަރާރުން ވީހާ ދިގު މުއްދަތަކަށް ދިގުދެންމުމެވެ." އޭނާ އަދި ވިދާޅުވިގޮތުގައި ކިޔީވުން މި ހަތިޔާރު ޢާންމު ސަރަޙައްދުތަކުގައި ބޭނުންނުކުރާނެ ކަމަށް ބުނާބުނުމަކީ އެއްވެސް އަގެއްހުރި ވާހަކައެއް ނޫނެވެ. އެމެރިކާއިން ކުރިން ބުނެފައިވާ ގޮތުގައި ހަތިޔާރު ކިޔީވަށް ލިބުމުން އެ ހަތިޔާރު ބޭނުންކުރާނެ ގޮތް އެނގޭނީ ހަމަ އެމީހުންނަށެވެ.

އެމެރިކާގެ މި ނިންމުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންނާއި ޖަމާޢަތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. ކޯޅި ބޮމަކީ ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުގައި ހަނގުރާމަތަކުގައި ބޭނުންކުރުން މަނާ ހަތިޔާރެކެވެ. އެމެރިކާއިން ވަނީ އަފްޣާނިސްތާނުގައި މި ހަތިޔާރު ބޭނުންކޮށްގައެވެ. އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް މި ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ތުހްމަތުކުރެވެއެވެ.

ރޫސީވިލާތުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑަވްޑޭވް

މެޑްވެޑޭވް ކޯފާވުން

މި މަސްއަލައާ ބެހޭގޮތުން ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ވާހަކަފުޅު ދައްކަވަމުން ރައީސް ބައިޑްނަށް ހޫނު ޙަމަލާއެއް ދެއްވިއެވެ.

އޭނާ ވިދާޅުވިއެވެ. "ޚަރަފުބަލި ޖެހިވަޑައިގެންފައިވާ ބައިޑްން މީގެ ދެ އަހަރުކުރިން ވަނީ ޔުކްރޭން ނޭޓޯއަށް ވަނުމުގެ މަސްއަލައިގައި ޖާމިނުވުން ދެއްވުމާ ދެކޮޅު ހައްދަވައިފައެވެ. އޭގެފަހުން ވަރަށް ލަދުވެތިގޮތަކަށް އެމެރިކާ ވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އޭނާ ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވައިގެން ޔޫރަޕްގެ އިޤްތިޞާދު ފުނޑުފުނޑުކޮށްލައްވައިފައެވެ. އެއަށްފަހު ރަޝިޔާއާއެކު ދިގު ކޯޅުމެއް ފެށުމަށް ޓަކައި ޔުކްރޭނަށް އެތައް ހާސް ޓަނެއްގެ ހަތިޔާރު ވަނީ ދެއްވައިފައެވެ. މިއަދު ހުރިހާ ވަސީލަތްތަކެއް ހުސްވުމުން އައު ނާޒީންނަށް މި ދިނީ ކޯޅި ބޮންތަކެވެ. މިކަމުގެ ސަބަބުން ތިންވަނަ ބޮޑުހަނގުރާމައެއް ފެށިދާނެކަން އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ."

މެޑްވެޑޭވް ސިފަކުރެއްވި ގޮތުގައި ބައިޑްނަކީ މުސްކުޅި ބަލިމާނެކެވެ. ކުރެއްވޭ ކަމެއް ނުކުރެއްވޭ ކަމެއް އޭނާއަށް އެނގިވަޑައެއް ނުގަންނަވައެވެ.

މެޑްވެޑޭވް ވިދާޅުވިއެވެ. "މަރަށް ޙާޒިރުވެފައިވާ މުސްކުޅި ކާފަ އަނެއް ދުނިޔެއަށް ދާއިރު ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުން ގޮވައިގެން ދާން ޚިޔާލު ކުރަނީކަން ނޭނގެއެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *