އިސްރާއީލުގެ ވަޔާއި ކަނޑުގެ ބާރުތަކުން ޖަނީނަށާއި ޖަނީނުގެ ފޭލިގެއަވަށްތަކަށް ދިން ދެ ދުވަހު ޢުދްވާނަށްފަހު މިއަދު އެ ސަރަޙައްދުތަކަށް އިސްރާއީލު ސިފައިން ފައިބައިފިއެވެ.
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުން 12 މީހަކު ޝަހީދުވެ ސަތޭކަ އެތައް މީހަކު ޒަޚަމުވިއެވެ. އިސްރާއީލަށް ފައިބަން މަޖްބޫރުވީ ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން އިސްރާއީލާ ދެކޮޅަށް ތެދުވެ ދިން ވަރުގަދަ އިދިކޮޅު ޙަމަލާތަކުގެ ސަބަބުންނެވެ.
ޖަޒީރާއިން ބުނާގޮތުގައި އިސްރާއީލުގެ ޢަސްކަރީ އާލަތްތައް ޖަނީނުން ފޭބިނަމަވެސް އެމީހުން އަދިވެސް ތިބީ ޖަނީނު ސަހަރުގެ ރަށްބޭރުގައެވެ.
ޖަޒީރާ ބުނާގޮތުގައި އިސްރާއީލުން ޖަނީނުގެ އިރުމަތީގެ ޤަބުރުސްތާނަކަށް ޙަމަލާދިނުމުގެ ސަބަބުން ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމުވިއެވެ. އިސްރާއީލު ސިފައިން ބުނާގޮތުގައި އެމީހުން ޖަނީނަށް އެރީ ފަލަސްޠީނުގެ ހަނގުރާމަވެރި ހަތައެއް ތަޅައިލާށެވެ. އެހެނަސް އިސްރާއީލު ބުނާގޮތުގައި މި ހަތާގެ ބިރު އަދިވެސް ވަރަށް ބޮޑަށް އެބަ އޮތެވެ. އެމީހުން ޖަނީނުގެ ރަށްބޭރުގައި މަޑުކޮށްގެން މި ތިބީ މި ހަތާ ނައްތައިލުމަށް ޓަކައި އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެތީއެވެ.
މިއީ އިސްރާއީލުން 2002 ގައި ފަލަސްޠީނު މީހުންނަށް ދިން "ރައްކައުތެރި ފާރު"ގެ ޙަމަލާއަށް ފަހު ދިން އެންމެ ވަރުގަދަ ޙަމަލާއެވެ. މި ފަހަރުގެ ޙަމަލާގައި އިސްރާއީލުގެ 3,000 ސިފައިންނާއި ޢަސްކަރީ 200 އުޅަނދާއި ދިހަވަރަކަށް މަތިންދާބޯޓާއި ޑްރޯން ބައިވެރިވިއެވެ.
ޝަހީދުންނާއި ޒަޚަމީން
އިސްރާއީލުން ދިން މި ޢުދްވާނުގެ ސަބަބުން ފަލަސްޠީނުން 12 މީހަކު ޝަހީދުވިއެވެ. އޭގެތެރޭގައި ތިން ކުޑަކުދިން ވެއެވެ. ޒަޚަމުވި މީހުންގެ ޢަދަދު ސަތޭކައަށްވުރެ ގިނައެވެ. ބައެއް މީހުންގެ ޙާލުބޮޑުކަމުން މަރުވި މީހުންގެ ޢަދަދު މައްޗަށް ދާނެކަމަށް ލަފާކުރެވެއެވެ.
ފަލަސްޠީނުގެ ރެޑްކުރެސެންޓް ބުނާގޮތގައި ޒަޚަމުވި މީހުންގެ ޢަދަދަކީ 117 އެވެ. އޭގެތެރޭގައި 22 މީހުންގެ ޙާލު ވަރަށް ބޮޑެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވަޒީރާ ވިދާޅުވާގޮތުގައި އިސްރާއީލު ސިފައިން ފަލަސްޠީނުގެ ކުއްލި ފަރުވާގެ ޓީމުތަކާ ވެސް ދިމާކޮށް އެމީހުންގެ މަސައްކަތަށް ހުރަސްއެޅިއެވެ. އިސްރާއީލު ސިފައިން ޖަނީނުގެ ސަރުކާރު ހަސްފަތާލަށާއި އިބްނު ސީނާ ހަސްފަތާލަށް ވަދެ ބަލިމީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރަން އުޅެފައިވާ ކަމަށް ވެސް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.
ޖަޒީރާގެ ރިޕޯޓަރު ބުނިގޮތުގައި އިސްރާއީލު ސިފައިން ޖަނީނު ސަހަރުގެ ބިނާރުތަކަށް ޙަމަލާދީ ބައެއް ބިނާރުތައް ހަލާކުކޮށްލިއެވެ. މީގެ އިތުރަށް ބައެއް ގޭގެއަށް ވަދެ ގެވެހި ކަންވާރުތަކަށް ވެސް ގެއްލުން ދިނެވެ.
އަނެއްކޮޅުން އަލްޤައްސާމު ޖަމާޢަތާއި ސަރާޔާއަލްޤުދްސް ޖަމާޢަތުން ބުނާގޮތުގައި އެ މީހުން ޖެހި ދަންތުރައެއްގައި ޖެހިގެން އިސްރާއީލު ސިފައިންގެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. ޒަޚަމުވި ސިފައިން ހަސްފަތާލަށް ގެންދަންވެގެން އިސްރާއީލުގެ ދެ ހެލިކޮޕްޓަރެއް އައިސް އުޅުނުތައް ފެނިފައި ވެއެވެ.
ޙަމާސް ޖަމާޢަތުގެ ޢިއްޒުއްދީނުލް ޤައްސާމު ފައުޖު ބުނާގޮތުގައި މި ފައުޖުގެ ހަނގުރާމަވެރިން ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާ ސުން ދުރުމިނެއްގައި ކުރިމަތިލައި ޙަމަލާތައް ބަދަލުކުރިއެވެ. މި ކުރިމަތިލުންތައް ހިނގައިފައިވަނީ ޖަނީން ފޭލިގެ އަވަށުގެ ހަނި ގޯޅިތަކުގައެވެ. އިސްރާއީލު ސިފައިންގެ ޢަސްކަރީ އުޅަނދުތަކާ ދެކޮޅަށް އެ ޖަމާޢަތުން ގޮވާއެއްޗެހި ބޭނުންކޮށްގެން އިސްރާއީލުގެ ޢަސްކަރީ ދެ އުޅަނދެއް ހަލާކުކޮށްލެވިފައިވާ ކަމަށް ޙަމާސުން ބުންޏެވެ.
ޣައްޒާއަށް ވައިގެ ޙަމަލާތައް
އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވާ ގޮތުގައި އިސްރާއީލުން ފަލަސްޠީނު ހަނގުރާމަވެރީންނާ ދެކޮޅަށް މި ފެށި "ގެއާއި ބަގީޗާ" ޙަމަލާ އެންމެ ބުރަކުން ނުނިމޭނެއެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު ޔުއާފް ގެލެންޓާ ބައްދަލުކުރައްވާ ހަނގުރާމަ ހިނގަމުންދާ ގޮތާބެހޭ މަޢުލޫމާތު ހޯއްދެވުމަށްފަހު ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ލަޑުދަނޑިތައް ޙާޞިލު ކުރެވެމުންދާތީ މި ޙަމަލާ ދަނީ ނިމެން ކައިރިވަމުންނެވެ.
އިސްރާއީލުން ޖަނީނުން ފައިބައިފިކަމަށް ބުނުމާ ވިދިގެން ރޭ ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދިނެވެ. މި ޙަމަލާގެ އަމާޒަކީ ފަލަސްޠީނުގެ ޖަމާޢަތްތަކުން ދިން ރޮކެޓް ޙަމަލާތަކަށް ރައްދު ދިނުމެވެ. އިސްރާއީލު ބުނާގޮތުގައި ޣައްޒާގެ ރޮކެޓްތަކަށް އިސްރާއީލުގެ ދަގަނޑު ޤުއްބުން ވަނީ ހުރަސްއަޅައިފައެވެ.
ޖަޒީރާ ބުނާގޮތުގައި އިސްރާއީލުން ވައިގެ ޙަމަލާތައް ދީފައިވަނީ ބައިތު ލާހިޔާއަށާއި ޣައްޒާ ސަހަރުގެ ހުޅަނގު ބިތުގެ ލަނޑުދަނޑިއަކަށެވެ. އިސްރާއީލު ބުނާގޮތުގައި އެމީހުން ޙަމަލާދިނީ ބިމުއަޑީގައި ހުރި ހަތިޔާރު އުފައްދާ ތަނަކަށާއި ރޮކެޓް އުފެއްދުމަށް ބޭނުންކުރާ ރޯމައްދާ އުފައްދާ ތަނަކަށެވެ. އިސްރާއީލު ބުނާގޮތުގައި ޣައްޒާއިން ރޭ ފަސް ރޮކެޓް ފޮނުވައިލައިފައި ވެއެވެ.
ތައްލު އަބީބުގައި ފަލަސްޠނުގެ ޙަމަލާއެއް
އިސްރާއީލުގެ މި ޢުދްވާނާ ދެކޮޅަށް އިއްޔެ ހަވީރު ފަލަސްޠީނުގެ ޒުވާނަކު ތައްލު އަބީބުގައި ޔަހޫދީންތަކަކަށް އޭނާ ދުއްވަމުންދިޔަ ކާރުން ޙަމަލާއެއް ދިނެވެ. އޭނާ ވަރަށް ބާރަށް ދުއްވައިފައި ގޮސް ވަނީ ބަސްހުއްޓިއެއް ކައިރީގައި ތިބިމީހުންތަކެއްގެ ތެރެއަށެވެ. އޭނާ ހުރީ ޢަސްކަރީ ޔުނިފޯމެއްގައެވެ. އިސްރާއީލުގެ ސަލާމަތީ ފުލުހަކު މި ފަލަސްޠީނު މީހާ ގަޔަށް ބަޑިޖަހައި މަރައިލިއެވެ. ޙަމާސް ބުނިގޮތުގައި މިއީ އެ ޖަމާޢަތުގެ ޙަމަލާއެކެވެ.
މި ޙަމަލާއާ ވިދިގެން އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބިން ޣަފީރު އިސްރާއީލު މީހުންނަށް ހަތިޔާރު ހިފައިގެން އުޅުމަށް ގޮވައިލެއްވިއެވެ. މި ޙަދިސާ ހިނގި ހިސާބަށް އޭނާ ދިޔުމުން އިސްރާއީލު މީހުން އެމީހުންނަށް އަމާންކަން ދިނުމަށް ގޮވާ އަޑުގަދަ ކުރިއެވެ.
ކާމިޔާބު ފާހަގަކުރުން
އިސްރާއީލު ސިފައިން ޖަނީނަށް މި ދިން ދެ ދުވަހުގެ ޢުދްވާން ނާކާމިޔާބުވެ ފަލަސްޠީނަށް ނަޞްރު ލިބުމުން ހުޅަނގު އައްސޭރީގެ އެތައް ސަހަރުތަކެއްގައި އުފާ ފާޅުކޮށް ހިގައިލުންތައް ރޭ ބޭއްވިއެވެ. އިސްލާމީ ޖިހާދު ޖަމާޢަތުގެ އަމީންޢާންމު ޒިޔާދުއްނައްޚާލާ ވިދާޅުވިގޮތުގައިފަލަސްޠީނުގެ ރައްޔިތުންނަށް ލިބުނު ނަޞްރަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭނާ ވިދާޅުވިގޮތުގައި ޖަނީން ފައުޖުން ޢަދުއްވުންނާ ކުރިމަތިލައިފައިވަނީ ވަރަށް ހިތްވަރާއެކުގައެވެ.
ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާއީލު ހަނިއްޔާ ވިދާޅުވި ގޮތުގައި ޖަނީނަށް އެހީވުމަށް ޓަކައި ހުރިހާ ޚިޔާރުތަކެއް މޭޒުމައްޗަށް ގެނެވުނެވެ.
އިސްރާއީލުގެ މި ޢުދްވާނާ ވިދިގެން ފަލަސްޠީނު ސަރުކާރުން ވަނީ ހުރިހާ ގުޅުންތަކެއް ވަގުތީގޮތުން ކަނޑައިލައިފައެވެ. ސަލާމަތީ ކަންތައްތަކުގައި އިސްރާއީލާއެކު އެއްބާރުލުން ވަނީ ހުއްޓައިލައިފައެވެ.



advertisment