މިޞްރާއި ތުރްކީއާ ދެމެދުގައި އޮތް ސިޔާސީ ގުޅުންތައް ސަފީރުންގެ ފެންވަރަށް މިއަދު މަތިކޮށްފިއެވެ.
މިޞްރުގެ ޚާރިޖިއްޔާއިން އިޢުލާންކުރި ގޮތުގައި މިޞްރުން ތުރްކީއަށް ކަނޑައެޅި ސަފީރަކީ ޢަމްރުލް ޙަމާމީއެވެ. ތުރްކީން ކަނޑައެޅި ސަފީރަކީ ޞާލިޙު މޫތުލޫ އެވެ.
މިޞްރުގެ ޚާރިޖިއްޔާގެ ފޭސްބުކް ޞަފްޙާ ބުނާގޮތުގައި "ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުންތައް މަތިކުރީ ދެ ޤައުމުގެ ރައީސުންގެ ޤަރާރުތައް ތަންފީޒުކުރުމުގެ ގިއުގަނޑުގެ ތެރޭގައެވެ."
މި ޞަފްޙާގައި އިތުރަށް ބުނެފައިވެއެވެ. "މި ފިޔަވަޅުގެ އަމާޒަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އަލުން ޠަބީޢީކޮށް ދެ ޤައުމުގެ ރައްޔިތުންގެ މަޞްލަޙަތުތަކާ އެއްގޮތަށް ގުޅިގެން މަސައްކަތް ކުރުމަށް އަލުން ޢަޒްމު ކަނޑައެޅުމެވެ."
ތުރްކީގެ ރަސްމީ ނޫސްއޭޖެންސީން ކުރި ޓްވީޓެއްގައި އައިސްފައިވެއެވެ. "ތުރްކީއާއި މިޞްރު އެ ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުންތައް ސަފީރުންގެ ފެންވަރަށް މަތިކުރުމަށް ކަނޑައަޅައިފިއެވެ."
ތުރްކީ މިޞްރު ގުޅުންތައް ދިހަވަރަކަށް އަހަރުވަންދެން ކެނޑިފައި އޮތުމަށްފަހު މި ގުޅުންތައް ރަނގަޅުވާން ފެށީ ޤަޠަރުގެ އަމީރު ޝައިޚު ތަމީމުގެ އިސްނެންގެވުމެއްގެ ދަށުން ރައީސް މުބާރަކާއި ރައީސް އުރްދުޣާން ޤަޠަރުގައި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގެ ސަބަބުންނެވެ.
ތުރްކީއަށް އައި ބާރުގަދަ ބިންހެލުންތަކާ ވިދިގެން މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ އަންކަރާއަށް ދެ ފަހަރު ޒިޔާރަތްކުރެއްވިއެވެ. އޭގެފަހުން މި ހުސްވި މާރިޗްމަހު ތުރްކީގެ ކުރީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވޫޝް އޫޣުލޫ ޤަހިރާއަށް ވެސް ޒިޔާރަތް ކުރެއްވިއެވެ.



advertisment