ޖޫން 23 އިން 25 އަށް ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ރަޝިޔާއިން ޔުކްރޭންގައި ކުރަމުންދާ ޢަސްކަރީ ޚާއްޞަ މަސައްކަތްތަކަށް އެއްވެސް ނުބައި އަސަރެއް ކޮށްފައި ނުވާކަމަށް ރޫސީ ދިފާޢީ ވަޒީރު ސަރގީ ޝުވިގޯ ވިދާޅުވެއްޖެއެވެ. އޭނާ މިތާނގައި މި އިޝާރާތް ކުރައްވަނީ ވެގްނަރ ބާރުގެ ހަތިޔާރުއެޅި ނުކިޔަމަންތެރިކަމަށެވެ.
ޝްވިގޯ (ފޮޓޯގައި) ވިދާޅުވި ގޮތުގައި ރަޝިޔާގެ ހަމަޖެހުން ނަގައިލުމަށް ކުރެވުނު މަސައްކަތް ވަނީ ނާކާމިޔާބުވެ ފޭލްވެފައެވެ. ރޮއެޓަރޒުން އޭނާއާ ޙަވާލާދީ ބުނި ގޮތުގައި ސިފައިން ވަނީ ރޫސީ ޒަޢާމަތަށް ކިޔަމަންގަނެ އިޙްތިރާމު އަދާކޮށްފައެވެ.
ޝްވިގޯ ނޫސްވެރިންނަށް ފޯނު މެދުވެރިކުރައްވާ ބޭއްވެވި ސިންތާއެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ގޮތުގައި ޔުކްރޭން ސިފައިން ޑޮނެޓްސްކާއި ޒަބަރޯޖިޔާއާއި ދެކުނު ޑޮނެޓްސްކްގައި ދެމުންދިޔަ ހުރިހާ ޙަމަލާތަކެއް ވަނީ ފޭލްވެފައެވެ. ރޫސީ ސިފައިން ވަނީ މި ޙަމަލާތަކާ ދެކޮޅަށް ދިން ޙަމަލާތަކުގައި 15 މަތިންދާބޯޓާއި ތިން ހެލިކޮޕްޓަރާއި އާޓިލަރީ 920 އާލަތް ހަލާކުކޮށްލައިފައެވެ. އޭގެތެރޭގައި ލެޕަރޑް މަރުކާގެ 16 ޓޭންކް ހިމެނެއެވެ. ޓާސް ބުނާގޮތުގައި މިއީ ޕޯޗްގީޒާއި ޕޯލެންޑުން ކިޔީވަށް ދިން އެ މަރުކާގެ ހުރިހާ ޓޭންކްތަކެވެ. ޝްވިގޯ ވިދާޅުވިގޮތުގައި ރަޝިޔާގެ ބޮޑުބަޑީގެ ޙަމަލާތަކުން މިހާރު ވަނީ ޔުކްރޭންގެ ކުރީ ސަފުތައް ހަލާކުކޮށް ރޫޅައިލައިފައެވެ. ރޫސީ ދިފާޢީ ވަޒީރު ވިދާޅުވި ގޮތުގައި ހަތަރު ޖޫނުން ފެށިގެން ދެވުނު ތަފާތު ޙަމަލާތަކުގައި ޔުކްރޭންގެ ޢަސްކަރީ 2500 ހަތިޔާރު ވަނީ ހަލާކުކޮށް ނައްތައިލެވިފައެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ވައިގެ ބާރުތަކުން ވަނީ ޔުކްރޭންގެ ހައިމާރިސް މަރުކާގެ 158 މިސައިލާއި ސްޓޯމް ޝެޑޯގެ 25 ކްރޫޒް މިސައިލް ހަލާކުކޮށްލައިފައެވެ.
ވަޒީރު ޝްވިގޯ ވިދާޅުވިގޮތުގައި އެއްވެސް ސަރަޙައްދެއްގައި ޔުކްރޭން ސިފައިންނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ރަޝިޔާގެ ހަނގުރާމަވެރީންގެ ތަޖްރިބާއާއި ޤާބިލުކަމުގެ ސަބަބުން ހުޅަނގުން އަޑުއަރުވަމުންދާ އެއް ވެސް ކަމެއް ޔުކްރޭނަށް ޙާޞިލެއް ނުކުރެވުނެވެ.



advertisment