Support Us

ދެވަނަ އިންތިފާޟާއަށްފަހު އިސްރާއީލުން ދޭ އެންމެ ބޮޑު ޢުދްވާނު

ފަލަސްޠީނުގެ ޖަނީނު ސަހަރާއި އެ ސަހަރުގެ ފޭލިގެއަވަށްތަކާ ދެކޮޅަށް ފުޅައު ދާއިރާއެއްގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން ރޭ ފަތިހު ޢުދްވާނީ ޙަމަލާއެއް ފަށައިފިއެވެ. މީޑިއާތައް ސިފަކުރާގޮތުގައި މިއީ ދެވަނަ އިންތިފާޟާއަށް ފަހު ފެށި އެންމެ ބޮޑު ޢުދްވާނެވެ.

އިސްރާއީލުގެ މި ޢުދްވާނު ދެމުންދަނީ އެއްގަމާއި ވައިންނެވެ. މިހާތަނަށް ފަލަސްޠީނުން ފަސް މީހަކު ވަނީ ޝަހީދުވެފައެވެ. 

ޖަޒީރާ ބުނާގޮތުގައި އިސްރާއީލުގެ ޓޭންކްތަކާއި ހެލިކޮޕްޓަރުތަކާއި ޑްރޯންތަކާއި ޓްރެކްޓަރުތަކާއެކު ސިފައިންގެ އެތައް ފައުޖުތަކެއް މި ޙަމަލާގައި ބައިވެރިވެއެވެ. އިސްރާއީލު ސިފައިން ޖަނީން ފޭލިގެ އަވަށަށް ދެ ފަރާތަކުން އަރާ މިހާރު ވަނީ ޖަނީން ސަހަރުގެ މެދުތެރޭގައި މަރްކަޒުކޮށްފައެވެ. މަތިންދަނީ ވައިގެ ޙަމަލާތައް ދެމުންނެވެ. ފޮޓޯތަކުން ފެންނަގޮތުގައި ފަލަސްޠީނުގެ މުޖާހިދުން އިސްރާއީލުގެ ޢަސްކަރީ އާލަތްތަކާ ކުރިމަތިލަމުން ދަނީ ބާރުގަދަ ގޮވާއެއްޗެއްސާއި ބޮމުންނެވެ. ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން ޖަނީނަށް އަރާ ޒަކަރިއްޔާ އައް ޒުބައިދީ ނަމަކަށް ކިޔާ މުޖާހިދެއްގެ ގެއަށް ވަނީ ވެރިވެގަތްފައެވެ. 

އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް ވިދާޅުވާ ގޮތުގައި އިސްރާއީލު ސިފައިން ޖަނީނަށް އެރީ "ނިރުބަވެރީންގެ މަރްކަޒުތައް" ތަޅައިލުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލު ސިފައިން ތިބީ ހުރިހާ ސީނާރިއޯތަކަކާ ކުރިމަތިލުމަށް ތައްޔާރުވެގެންނެވެ.

އިސްރާއީލުގެ ސިފައިންނާއި ދާޚިލީ އަމްނާ ބެހޭ އިދާރާ (ޝާބާކު) ބުނާގޮތުގައި އެމީހުންގެ ޙަމަލާތަކުގެ އެއް އަމާޒަކީ ޖަނީނުގައި ހުރި ފަލަސްޠީނުގެ މުޖާހިދުންގެ މައިމަރްކަޒާއި ޖަނީނު ފައުޖުގެ ޢުންޞުރުތަކެވެ. އިސްރާއީލު ބުނާގޮތުގައި އެ މަރްކަޒަކީ ޖަނީނު ފައުޖަށް ހަތިޔާރު ފޯރުކޮށްދޭ މަރްކަޒެވެ.

އިސްރާއީލު ސިފައިން ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ބާރުތަކުން ޖަނީން ފޭލިގެއަވަށުގައި ހުންނަ ފަލަސްޠީނުގެ ޖަމާޢަތްތަކުގެ ގުޅިފައިވާ މަރްކަޒަށް ވަނީ ބޮންއަޅައިފައެވެ. އިސްރާއީލު ބުނާގޮތުގައި މި މަރްކަޒަކީ ފަލަސްޠީނުގެ މުޖާހިދުންނަށް ހިޔާވަހިކަންދޭ ތަނެކެވެ. 

އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި މި ޙަމަލާގެ ނަމަކީ "މަންޒިލާއި ބަގީޗާ" އެވެ. މި ޙަމަލާގައި ކޮމާންޑޯޒް ފައުޖާއި ވައިކުޑައިގެ ފައުޖާއި އަލްޔަމާމު ބާރާއި މުސްތަޢރިބީންގެ ބާރު ބައިވެރިވެއެވެ.  

އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ޖަނީނަށް އަރައި އިސްރާއީލު ސިފައިން ވަނީ ފަލަސްޠީނުގެ 15 މީހަކު ހައްޔަރުކޮށްފައެވެ. ޖަނީނުން ހައްޔަރުކުރަން ޖެހޭ ފަލަސްޠީނު މީހުން ހައްޔަރުކުރުމާއި އެމީހުންގެ ގެތަކަށް ޙަމަލާދިނުމުގައި އިސްރާއީލު ސިފައިން ދަނީ ކުރިއަށެވެ.

ދެވަނަ އިންތިފާޟާއަށް ފަހު ދެވޭ އެންމެ ވަރުގަދަ ޙަމަލާ

އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ރޭ ފަތިހު އިސްރާއީލުން ޖަނީނަށާއި ޖަނީނު ފޭލިގެއަވަށަށް ދޭންފެށި މި ޙަމަލާއަކީ 2000 އާއި 2005 ދެމެދުގައި ހިނގި ދެވަނަ އިންތިފާޟާ އަށް ފަހު ދޭ އެންމެ ވަރުގަދަ ޙަމަލާއެވެ. އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި އިސްރާއީލުން މި ފެށި ޙަމަލާގައި އެއްހާސް ސިފައިން ބައިވެރިވެއެވެ. މި ރޭޑިއޯ ބުނާގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫއާއި ދިފާޢީ ވަޒީރު ގެލެންޓާއި ޢަސްކަރީ އިސް ވެރީން ވަނީ މި ހަމަލާއަށް މީގެ 10 ދުވަސް ކުރިން ފެހިއަލި ދެއްވައިފައެވެ. މި ޙަމަލާ ދެ ދުވަހަށް ކުރިއަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށް މި ރޭޑިއޯ ބުނެއެވެ. އިސްރާއީލުގެ މި ޢުދްވާނަށް ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން ރައްދުދީފާނެތީ އިސްރާއީލުގެ ދަގަނޑު ޤުއްބު މިހާރު ވަނީ ޙަރަކާތްތެރިކުރުވައިފާ ކަމަށް މި ރޭޑިއޯ ބުންޏެވެ.

އަނެއްކޮޅުން ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ފަލަސްޠީނުގެ މުޖާހިދުން ދަނީ އިސްރާއީލު ސިފައިންގެ އުޅަނދުތަކަށް ގޮވާއެއްޗެހިން ޙަމަލާދެމުންނެވެ. ޖަނީނުގައްޔާއި ޖަނީނުގެ ރަށްބޭރުގައި ވަރަށް ވަރުގަދައަށް ކުރިމަތިލުންތައް ކުރިއަށް އެބަދެއެވެ.  

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ޖަނީން ފޭލިގެއަވަށުގައި  އިސްރާއީލު ސިފައިން ދަނީ ގޮވާއެއްޗެހި ކަހާނަގާ އާލަތްތައް ބޭނުން ކުރަމުންނެވެ. މަންޒަރު ދުށް މީހަކު ބުނިގޮތުގައި ފަލަސްޠީނު މުޖާހިދުން ދިން ގޮވާއެއްޗެހީގެ ޙަމަލާއެއްގެ ސަބަބުން އިސްރާއީލު ސިފައިންގެ ޖީޕެއް ގޮވައިފައި ވެއެވެ.

މުޖާހިދުން ޙަރަކާތްތެރިވާން ފަށައިފި

އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދުސް ބުނާގޮތުގައި އިސްރާއީލުގެ އާލިއްޔަތުތަކަށް އަމާޒުކޮށް އެ ޖަމާޢަތުގެ ޖަނީން ފައުޖުން ދަނީ ޙަމަލާ ދެމުންނެވެ. އިސްރާއީލުގެ މި ޢުދްވާނަށް ރައްދު ދިނުމަށް ޓަކައި ޖަނީނު ފައުޖު މިހާރު ވަނީ "ބައުސް ޖަނީން" ޙަމަލާ ފަށައިފައެވެ. 

އަނެއްކޮޅުން ކަތާއިބުއްޝުހަދާއިލް އަޤްޞާ ބުނާގޮތުގައި އެ  ޖަމާޢަތުގެ ހަނގުރާމަވެރީން ދަނީ ބަޑިއާއި ގޮވާއެއްޗެހިން އިސްރާއީލު ސިފައިންނާ ކުރިމަތިލަމުންނެވެ.

ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔަކަމުގައިވާ ޢިއްޒުއްދީނުލް ޤާއްސާމު ބްރިގޭޑްގެ ހަނގުރާމަވެރީން ވެސް ދަނީ ޖަނީނުގައި އިސްރާއީލު ސިފައިންނާ ހަނގުރާމަކުރަމުންނެވެ.

ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢީލު ހަނިއްޔާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ މި ލާއިންސާނީ ޙަމަލާތަކަށް ފަލަސްޠީނުގެ ރައްޔިތުންނާއި ޙަމާސް ޖަމާޢަތުން ރައްދު ދިނެއެވެ. އިސްރާއީލުން ޖަނީނަށް ދެމުންގެންދާ ޢުދްވާނުން އިސްރާއީލަށް ލަނޑުދަނޑި ޙާޞިލެއް ނުކުރެވޭނެއެވެ. 

ހަނިއްޔާ ވިދާޅުވިއެވެ. "ކުރިމަގުގެ ރާސްތާތަކާއި މަގުތައް ކަނޑައެޅިގެންދާނީ ޖަނީނުގައި އޮހޮރޭ ލެއިންނެވެ."

އިސްލާމީ ޖިހާދުން ބުނިގޮތުގައި "ޖަނީން އަމާނެއް ނުދޭނެއެވެ. ޢަދުއްވުންނަށް ލަޑުދަނޑި ޙާޞިލެއް ނުކުރެވޭނެއެވެ." މި ޖަމާޢާތުން އިތުރަށް ބުނިގޮތުގައި ހުރިހާ ޚިޔާރުތަކެއް އޮތީ ހުޅުވިފައެވެ. 

ފަތަޙަ ޖަމާޢަތުން ބުނިގޮތުގައި ޖަނީނުގެ ޢުދްވާނާ ދެކޮޅަށް ހުރިހާ ޖަމާޢާތްތަކަކުން ތެދުވާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *