Support Us

ރަންވަނަތައް ހޯދި ސްޕެޝަލް އޮލިމްޕިކްސްގެ އެތުލީޓުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައިފި

"ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

ހުސްވި ޖޫން 17 އިން 25 އަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ރާއްޖޭގެ ޓީމުން ވަނީ ދެ ރަން މެޑަލާއި ލޯ މެޑެލެއް ހޯދައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ޙާޞިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި ޚާއްޞަކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސ ްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާ ކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުންކަމާއި ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަށްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ދުނިޔޭގެ އެތައް ޤައުމަކުން 6،500 އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *