ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާއި ބޮޑެތި ބައެއް ސަހަރުތަކުގައި ރޭ ވެސް މުޒާހަރާތައް ކުރިއަށް ގެންގޮސްފިއެވެ.
ފަރަންސޭސި ދާޚިލިއްޔާ ބުނާގޮތުގައި ޖުމްލަ 322 މީހަކު ރޭ ހައްޔަރު ކުރިއެވެ. އޭގެތެރެއިން ޕެރިހުން 126 މީހަކު މަރްސީލިޔާއިން 56 މީހަކު ލިޔޫނުން 21 މީހަކު ހައްޔަރު ކުރެވުނެވެ. އަންގާރަ ދުވަހު ފެށުނު މުޒާހަރާތަކުގައި ޖުމްލަ 2،000 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ދާޚީލީ ވުޒާރާ ބުންޏެވެ.
ފަރަންސޭސި މާލީ ވުޒާރާ ބުނާގޮތުގައި ވޭތުވެދިޔަ ފަސްދުވަހުގެ ތެރޭގައި 700 ފިހާރައާއި ރެސްޓޯރެންޓާއި ބޭންކް ވަނީ ފަޅައިލައި މުދާތައް ފޭރިގަތްފައެވެ.
ރައީސް މެކަރޯން ދަނީ އޭނާގެ އިދާރިއްޔަތުގެ ހުރިހާ ބާރުތަކެއް ބޭނުންކުރައްވައިގެން މި ގަޑުބަޑު ނައްތައިލެއްވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ރިޕޯޓަރުން ބުނާގޮތުގައި މިއީ 2018ގެ "ރީދޫ ޖެކެޓް" ގެ ގަޑުބަޑަށްފަހު ފަރަންސޭސި ވިލާތް ދެކެމުންދާ އެންމެ ނުރައްކާތެރި މުޒާހަރާތަކެވެ.
ޖަޒީރާ ރިޕޯޓަރު ބުނާގޮތުގައި ފުލުހުން ރޭ ޝެންޒްލީޒިޔޭ މައިދާނުން ވެސް އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރިއެވެ.
މި މުޒާހަރާތައް ފެށުނީ މި ދިޔަ އަންގާރަ ދުވަހު ފުލުހުން 17 އަހަރުގެ ކުއްޖަކު ގަޔަށް ބަޑިޖަހާ މަރާލުމުންނެވެ. އޭނާގެ ޖަނާޒާ ރޭ ވަނީ ބާއްވައިފައެވެ. މި ޖަނާޒާގައި ނޫސްވެރީންނާއި ޒުވާނުން ބައިވެރިނުވުމަށް އޭނާގެ ޢާއިލާއިން އެދުނެވެ.
މި މުޒާހަރާތަކާއި ގަޑުބަޑުތައް ކޮންޓްރޯލް ކުރެވޭތޯ ފަރަންސޭސި ސަރުކާރުން ވަނީ އެ ޤައުމުގެ ވިއްސަކަށް ސަހަރުގައި ބޭރަށް ނުކުމެއުޅުން މަނާކޮށްފައެވެ.
ޖަޒީރާ ބުނާގޮތުގައި ދެކުނުގެ މޮންޕިލިޔޭގައި ފުލުހުން އެ ސަހަރުގެ އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދަށް ވަދެ މުޒާހަރާތެރޭގައި ފޭރުމުގެ މަސައްކަތް ހިނގަމުންދާތީ އެކަން ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ.
އިރުމަތީ ސްޓްރޮސްބަރގްގައި ފުލުހުންނާއި މުޒާހިރީންނާ ދެމެދުގައި ކުރިމަތިލުން ހިނގިއެވެ. މުޒާހިރީން ބައިބައިކުރުމަށް ޓަކައި ފުލުހުން ކަރުނަގޭސް ވެސް ބޭނުންކުރިއެވެ.
ދެކުނުގެ ނީސް ސަހަރުގައި ފުލުހުން މުޒާހިރީން މައިތިރިކޮށް ރޫޅައިލުމަށް ޓަކައި ކަރުނަބޮމާއި އާޓިލަރީ އުޅަނދު ބޭނުންކުރިއެވެ.
އިރުމަތީގެ ލިޔޫންގައި މުޒާހަރާކުރި ޒުވާނުން ފުލުހުންނާ ދެކޮޅަށް ގޮވާއެއްޗެހި ބޭނުންކުރި ކަމަށް ވެސް ރިޕޯޓަރުން ބުންޏެވެ.
ޖަޒީރާ ބުނާގޮތުގައި ލޫޒާން ސަހަރުގައި ފިހާރަތައް ފެޅުމާއި ފުލުހުންނާ ދިމާކުރުމުގެ ޙަރަކާތްތައް ހިނގައިފައިވެއެވެ.
ރައީސް މެކަރޯން އިންޒާރުކުރައްވަމުން ވިދާޅުވިގޮތުގައި ނިޒާމު ނަގައިލާ މީހުންނާއި ފޭރޭ މީހުންނާ ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅާނެއެވެ.



advertisment