އުމުރުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖަހާ މަރާލުމާ ވިދިގެން ފަރަންސޭސިވިލާތުގައި މީގެ ހަތަރު ދުވަސް ކުރިން ފެށި މުޒާހަރާތަކާއި އިޙްތިޖާޖުތައް ރޭ ވެސް ވަރަށް ހޫނުވެގެން ދިޔައެވެ. މިކަމާ ވިދިގެން ވަޒީރުން ވެރިރަށުން ބޭރަށް ވަޑައިނުގަތުމަށް ވެސް ވަނީ އަންގައިފައެވެ.
ޖަޒީރާ ބުނާގޮތުގައި ދެކުނު ފްރާންސްގެ މަރްސީލިޔާގައި ރޭ ހިނގި މުޒާހަރާތަކުގައި ފުލުހުންގެ ދެ މީހަކު ޒަޚަމުވިއެވެ. އަދި މުޒާހިރީންގެ ތެރެއިން 80 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. މަރްސީލިޔާގައި މުޒާހަރާތައް ފުޅައުވެގެން ދިޔުމުން އެ ރަށުގެ މޭޔަރު ވަނީ އިތުރު ފުލުހުން ފޮނުވައިދިނުމަށް އެދިފައެވެ.
މީގެއިތުރަށް ލިޔޫން ސަހަރާއި ސްޓްރަސްބަރގް ސަހަރާއި ނަންޓް ސަހަރުގައި ވެސް މުޒާހިރީންނާ ފުލުހުންނާ ދެމެދުގައި ރޭ ކުރިމަތިލުންތައް ހިނގިއެވެ. ފުލުހުން ބަޑީގެ ބޭނުން ވެސް ކުރިއެވެ.
ޖަޒީރާ ބުނާގޮތުގައި ލިޔޫން ސަހަރުގައި ފުލުހުން އާޓިލަރީ އުޅަނދުތަކާއި ހެލިކޮޕްޓަރު ވެސް ބޭނުންކުރިއެވެ.
މުޒާހަރާތަކުގެ ބައިވެރީން ބައެއް ސަހަރުތަކުގައި އަލިފާން ރޯކޮށް ހުޅުޖަހަމުންދިޔަ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ވެރިރަށް ޕެރިހާއި މުހިއްމު ބައެއް ސަހަރުތަކުގައި ފިހާރަތައް ފެޅުމާއި ފޭރުމުގެ އެތައް ހާދިސާތަކެއް ހިނގައިފައި ވެއެވެ. އަދި ކާރުތަކާއި ސައިކަލްތައް ފަދަ ދުއްވާ އުޅަނދުތަކުގައި ރޯކުރިއެވެ. ފުލުހުންގެ 10 ވަރަކަށް ހާސް ފުލުހުން ވެރިރަށުގައި އަމްނު ޤާއިމުކުރުމަށް މަސައްކަތްކުރިއެވެ. އަދި ޢާންމު މުވާސަލާތީ ވަސީލަތްތައް ރޭ ވަނީ ހުއްޓުވައިލައިފައެވެ.
ފުލުހުން ބުނާގޮތުގައި މަރްސީލިޔާގައި މުޒާހަރާކުރި މީހުން ހަތިޔާރު ވިއްކާ ފިހާރައަކަށް ވަދެ ޝިކާރަކުރަން ބޭނުންކުރާ ހަތިޔާރުތަކެއް ވަނީ ނަގައިފައެވެ. ފުލުހުން ބުނާގޮތުގައި މި ބަޑިތަކުގައި ވަޒަނެއް ނެތެވެ.
ޖުމްހޫރިއްޔާއަށް ނަޞްރު ލިބޭނެ
މި މުޒާހަރާތަކާ ބެހޭގޮތުން ފަރަންސޭސި ދާޚީލީ ވަޒީރު ޖެރަލްޑް ޑަރްމަނަން ވިދާޅުވި ގޮތުގައި ގަޑުބަޑު އުފައްދާމީހުންގެ މައްޗަށް ޖުމްހޫރިއްޔާ ކާމިޔާބު ހޯދާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރޭ މުޒާހަރާކުރި މީހުންގެ ތެރެއިން 471 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިކަމުގެ ސަބަބުން މިހާތަނަށް ހައްޔަރު ކުރި ޖުމްލަ މީހުންގެ ޢަދަދު މިވަނީ 1300 އަށް އިތުރުވެފައެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި މުޒާހަރާތައް މައިތިރިކުރުމަށް ޓަކައި 45 ހާސް ފުލުހުން އެބަ މަސައްކަތް ކުރެއެވެ.
ފަރަންސޭސި ރައީސް މެކްރޯން ފަރަންސޭސިވިލާތް ގަޑުބަޑުވެ ނާމާންވަމުންދާތީ އިއްޔެ ވަނީ ޔޫރަޕްގެ ސަމިޓް ދޫކޮށްލައްވައިފައި ޤައުމަށް އެނބުރިވަޑައިގަތްފައެވެ. އޭނާ ތުހްމަތުކުރެއްވި ގޮތުގައި މި މުޒާހަރާތައް ހޫނުކުރުމަށް ޓަކައި ހައްދުފަހަނަޅައިފައިވާ ޖަމާޢަތްތައް މި މުޒާހަރާތަކުގައި ނުބައި ބައެއް އެބަ ކުޅެއެވެ.
އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ކުށްވެރިކުރޭ
މި މުޒާހަރާތައް ފުޅައުވެގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ފަރަންސޭސި ފުލުހުން މުޒާހާރާތައް ރޫޅައިލުމުގައި ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ މިންގަނޑުތަކެވެ. މިކަމާ ވިދިގެން އިންސާނީ ޙައްޤުތަކާބެހޭ އދ ގެ ކަމިޝަނުން ނެރުނު ބަޔާނުގައި މި ކަމުގައި ދެ މިންގަނޑު ނުގެންގުޅުމަށް ފަރަންސޭސި ވިލާތަށް ގޮވައިލައިފައި ވެއެވެ.
ފަރަންސޭސިވިލާތުގައި ހަމަނުޖެހުންތައް ފެށުނީ ޖަޒާއިރު ނަސްލުގެ 17 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުންގެ އަތުން މަރުވުމާ ވިދިގެންނެވެ. އދގެ އިންސާނީ ޙައްޤުތަކާބެހޭ ކަމިޝަނުން ބުނާގޮތުގައި އުތުރު އެފްރިކާގެ ނަސްލުން އައިސްފައިވާ އެ ކުއްޖާގެ ގަޔަށް ފަރަންސޭސި ފުލުހުން ބަޑިޖެހުމުން މަރުވި މަސްއަލައާމެދު އދ ވަރަށް ކަންބޮޑުވެއެވެ.
އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކަމިޝަނުގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި ފަރަންސޭސިވިލާތުގެ ފުލުހުންގެ ތެރޭގައި ފެތުރިފައިވާ ނަސްލީ އިމްތިޔާޒުގެ ޖަޒްބާތުތައް ޙައްލުކުރުމަށް ސަމާސާކަނޑައިފާ ވިސްނަން ޖެހެއެވެ. އޭނާ ވިދާޅުވިގޮތުގައި "އަޅުގަނޑުމެން ފަރަންސޭސި އިދާރިއްޔަތަށް ގޮވައިލަނީ ފުލުހުން ބާރުގެ ބޭނުންކުރާއިރު ހަމަހަމަކަމުގެ އުޞޫލުތަކަށް ތަބާވުމަށެވެ. އަދި މުޢާމަލާތުކުރުމުގައި ނަސްލުތައް ތަފާތު ނުކުރުމަށެވެ."



advertisment