Support Us

ފަރަންސޭސި ވިލާތުގައި އިޙްތިޖާޖުތައް އިތުރުވުމުން ސަމިޓް ދޫކުރައްވާ މެކަރޯން އެނބުރި ޤައުމަށް

ޕެރިހުގެ ރަށްބޭރުގައި ފުލުހުންގެ ވަޒަނަކުން 17 އަހަރުގެ ކުއްޖަކު މަރުވުމާ ވިދިގެން ފަރަންސޭސިވިލާތުގައި ފެށި އިޙްތިޖާޖުތައް އިތުރުވެ، ސަލާމަތީ ކަންތައް ނާޒުކު ފައްތަރަކަށް ގޮސް ޤައުމުގެ އަމާންކަންކަން ގެއްލެމުންދާތީ ޔޫރަޕްގެ އިއްތިޙާދުގެ ސަމިޓް ދޫކުރައްވައިފައި ރައީސް މެކަރޯން ޤައުމަށް މިއަދު އެނބުރި ވަޑައިގެންފިއެވެ.

މެކަރޯން ވެރިރަށަށް އެނބުރި ވަޑައިގެން މަސްއަލައާ ބެހޭ ވަޒީރުންގެ ކޮމެޓީއާ ބައްދަލުކުރެއްވިއެވެ. އެލިޒޭ ގަނޑުވަރު ބުނާގޮތުގައި އަމްނު ރައްކައުތެރިކުރުމަށް ޓަކައި ރޭވިފައިވާ އާލިއްޔަތުތައް ކުރިއަށް ގެންދިޔުމަށް ރައީސް މެކަރޯން މިއަދު ފެހިއަލި ދެއްވިއެވެ.

ޕެރިހުގެ ރަށްބޭރުގައި ފުލުހުންގެ ވަޒަނަކުން 17 އަހަރުގެ ކުއްޖަކު މަރުވުމާ ވިދިގެން ފަރަންސޭސިވިލާތުގައި ފެށުނު މުޒާހަރާތަކާއި އިޙްތިޖާޖުތައް ފުލުންގެ ކޮންޓްރޯލުން ބޭރުވެފައިވާ ކަމަށް މީޑިޔާތައް ބުނެއެވެ. މިހާތަނަށް ފުލުހުން ވަނީ ހާހެއްހާ މީހުން ހައްޔަރުކޮށްފައެވެ. މި ރެއިން ފެށިގެން ވެރިރަށުގެ ވަށައިގެންވާ ހަތަރު ސަރަޙައްދެއްގައި ރޭގަނޑު ނުވައެއްގެ ފަހުން ޢާންމު މުވާޞަލާތު ހުއްޓައިލުމަށް ވެސް މިހާރުވަނީ ކަނޑައަޅައިފައެވެ. 

ފަރަންސޭސި ދާޚިލިއްޔާ ބުނާގޮތުގައި ތިން ރޭގެ މުޒާހަރާތަކުގެ ތެރެއިން ފުލުހުން ވަނީ 875 މީހުން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޢުމުރުން 14 އަހަރާއި 18 އަހަރާ  ދެމެދުގެ ވަރަށް ގިނަ ކުދިން ހިމެނެއެވެ. ފަރަންސޭސި ދާޚިލިއްޔާ ބުނާގޮތުގައި މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ފުލުހުންގެ 249 މީހަކު ވަނީ ޒަޚަމުވެފައެވެ. އެހެނަސް އެއްވެސް މީހަކަށް މާ ބޮޑެތި ހާނީއްކަތަކެއް ލިބިފައެއް ނުވެއެވެ. ދާޚިލިއްޔާ ބުނާގޮތުގައި މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ޓަކައި 40 ހާސް ފުލުހުން ވަނީ މަގުތަކަށް ނެރެފައެވެ. މީގެ ތެރެއިން ފަސް ހާސް މީހުން ތިބީ ވެރިރަށް ޕެރިހުގެ މަގުތައް މަތީގައެވެ.

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ސިއްރު ފުލުހުންގެ ރިޕޯޓުތައް ބުނާގޮތުގައި މި މުޒާހަރާތައް ޢާންމުވެ ކޮންޓްރޯލުން ބޭރުވެދާނެކަމުގެ ބިރު އެބައޮތެވެ. އަދި ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި މުޒާހަރާތައް ހަރުކަށިވެގެންގޮސް ދައުލަތުގެ އިސް ރަމްޒުތަކަށް ޙަމަލާދީފާނެކަމުގެ ބިރުވެސް އެބަ އޮތެވެ. 

ފަރަންސޭސި ފުލުހުން ބުނާގޮތުގައި ދެކުނު ޕެރިހުގެ ރަށްބޭރުގައި ހުންނަ ފުލުހުންގެ މަރްކަޒަކަށް ރޭ ވަނީ މޯޓަރު ބަޑިން ޙަމަލާ ދީފައެވެ. މި ކަމާ ވިދިގެން ފަރަންސޭސި ބޮޑުވަޒީރު އެލިޒަބަތު ބޯރަން އާއި ދާޚިލީ ވަޒީރު ޖެރަލްޑް ޑަރްމަނަން މި މަރްކަޒަށް މިއަދު ޒިޔާރަތް ކުރެއްވިއެވެ.

ބޮޑުވަޒީރު ބޯރަން ވިދާޅުވި ގޮތުގައި ސުލްޙަމަސަލަސްކަން ޤައުމަށް ގެނައުމަށް ޓަކައި ހުރިހާ ޚިޔާރުތަކެއްގެ ބޭނުން ސަރުކާރުން ހިފާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ މަރްކަޒަށް ދިން "ހަރުކަށި ޢަމަލަކީ އެކަމަށް އެއްވެސް ބަހަނާއެއް އޮތް ކަމެއް ނޫނެވެ." 

އދ ކަންބޮޑުވުން

ފަރަންސޭސިވިލާތުގައި ހަމަނުޖެހުންތައް ފެށުނީ 17 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުންގެ އަތުން މަރުވުމާ ވިދިގެންނެވެ. އޭނާ މާ ބާރަށް ކާރު ދުއްވައިފައި ދާތީ އޭނާ ހުއްޓުވަންވެގެން ފުލުހުން އޭނާގެ ގަޔަށް މާ ކައިރިން ބަޑިޖެހީއެވެ. އދގެ އިންސާނީ ޙައްޤުތަކާބެހޭ ކަމިޝަނުން ބުނާގޮތުގައި އުތުރު އެފްރިކާގެ ނަސްލުން އައިސްފައިވާ 17 އަހަރުގެ ކުއްޖާގެ ގަޔަށް ފަރަންސޭސި ފުލުހުން ބަޑިޖެހުމުން މަރުވި މަސްއަލައާމެދު އދ ވަރަށް ކަންބޮޑުވެއެވެ.

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކަމިޝަނުގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި ފަރަންސޭސިވިލާތުގެ ފުލުހުންގެ ތެރޭގައި ފެތުރިފައިވާ ނަސްލީ އިމްތިޔާޒުގެ ޖަޒްބާތުތައް ޙައްލުކުރުމަށް ސަމާސާކަނޑައިފާ ވިސްނަން ޖެހެއެވެ. އޭނާ ވިދާޅުވިގޮތުގައި "އަޅުގަނޑުމެން ފަރަންސޭސި އިދާރިއްޔަތަށް ގޮވައިލަނީ ފުލުހުން ބާރުގެ ބޭނުންކުރާއިރު ހަމަހަމަކަމުގެ އުޞޫލުތަކަށް ތަބާވުމަށެވެ. އަދި މުޢާމަލާތުކުރުމުގައި ނަސްލުތައް ތަފާތު ނުކުރުމަށެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *