Support Us

މުޞްޙަފު އަންދައިލި މަސްއަލައާމެދު ފިޔަވަޅުއެޅުމަށް އޯއައިސީގެ ކުއްލި ބައްދަލުވުމެއް

 ސްވިޑްން ސަރުކާރުން ހުއްދަދީގެން ޢީދު ދުވަހު މުޞްޙަފެއް އަންދައިލި މަސްއަލައާމެދު ފިޔަވަޅުއެޅުމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ، އޯއައިސީން އަންނަ ހަފުތާގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވައިލައިފިއެވެ.

އޯ.އައި.ސީގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ސުޢޫދީ ޢަރަބިއްޔާއިން ރޭ ވަނީ މި ކުއްލި ބައްދަލުވުން ބެއްވުމަށް އެދި އެކަމަށް ގޮވައިލައިފައެވެ. 

ބުދަ ދުވަހު ސްވިޑްންގައި މުޞްޙަފު އަންދައިލި މީހަކީ ޢުމުރުން 37 އަހަރުގެ ޢިރާޤީއެކެވެ. އޭނާ މި ހަޑިމުޑުދާރު ޢަމަލު ހިންގީ ސްވިޑްން ސަރުކާރުން އެކަމަށް ހުއްދަދީގެންނެވެ. އޭނާއަށް ސްވިޑްންގެ ޙައްދުފަހަނަޅައިފައިވާ ސިޔާސީން އެކަމަށް ހިތްވަރުދީގެންނެވެ.

މިއީ ސްވިޑްންގެ މުސްލިމުންނަށް ޖެއްސުންކުރުމުގެ ގޮތުން މުޞްޙަފު އެންދި ފުރަތަމަ ފަހަރެއް ނޫނެވެ. ޖުމްލަ 600 ހާސް މުސްލިމުން ދިރިއުޅޭ މި ޤައުމުގެ ސިޔާސީ ޕާޓީއެއްގެ ވެރިޔާ ރަސްމުސަން ޕެލޮޑިން ވަނީ މި ދިޔަ ޖަނަވަރީމަހު ތުރްކީ އެންބެސީ ކުރިމަތީގައި ވެސް މުޞްޙަފެއް އަންދާލައިފައެވެ. "ހަރުކަށި ރޮނގު" ނަމަކަށް ކިޔާ ކަނާތުފިޔައިގެ ކްރިސްޓިއަން  ޕާޓީގެ ޒަޢީމު މި ކަން ކޮށްފައި ވަނީ ފުލުހުންގެ ޙިމާޔަތާއެކުގައެވެ. ސްވިޑްން ބުނާގޮތުގައި މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކުރެވޭ ކަމެކެވެ. ސްވިޑްންގެ ސުޕްރީމް ކޯޓު ބުނާގޮތުގައި މި ކަމެއް ނުހުއްޓުވޭނެއެވެ. 

މި މައްްސަލަ އިސްލާމީ ޤައުމުތަކުން ދަނީ ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އަދި ސްވިޑްންގެ ސަފީރުން ޚާރިޖިއްޔާއަށް ގެންގޮސް އިޙްތިޖާޖުގެ ނޯޓުތައް ދަނީ ހަވާލު ކުރަމުންނެވެ. އަޒްހަރުން ވަނީ ވަރަށް ގަދައަޑުން މި ޢަމަލުކުށްވެރިކޮށް ސްވިޑްންގެ މުދާތަކާއި އުފެއްދުންތައް ބޮއިކަޓު ކުރުމަށް ގޮވާލައިފައެވެ.

ޢިރާޤުގެ ރުޅި ވަރަށް ގަދަ

ޢިރާޤުގެ ޝީޢީ ޒަޢީމު މުޤްތަދާ އައްޞަދްރު މިކަމާ ދެކޮޅު ހަދާ މުޒާހަރާކުރުމަށް ގޮވައިލެއްވުމުން ބަޣްދާދުގައި ރޭ މުޒާހަރާތައް ބޭއްވިއެވެ. މި މުޒާހަރާގެ ތެރޭގައި ބައެއް މީހުން ސްވިޑްން އެންބެސީގެ ގޯތިތެރެއަށް ވެސް ވަނެވެ.

ޚަތިމު އަންދައިލި މީހާއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ޓަކައި ޙަރަކާތްތެރިވުމަށް ޢިރާޤުގެ ސުޕްރީމް ކޯޓުގެ ރައީސް ފާއިޤު ޒައިދާން ގޮވައިލެއްވިއެވެ. ޢިރާޤު މީހަކަށް ވާތީ އޭނާ ޢިރާޤާ ޙަވާލުކުރުމަށް ސުޕްރީމް ކޯޓުގެ ރައީސް ގޮވައިލެއްވިއެވެ. ޢިރާޤުގެ ޚާރިޖިއްޔާއިން ވަނީ މި މީހާ ޢިރާޤާ ޙަވާލުކުރުމަށް ސްވިޑްނަށް އަންގައިފައެވެ. 

މުސްޙަފުގެ ކޮޕީއެއް އަންދައިލި ކަލޭގެ މުސްލިމުންނަށް ގޮންޖަހާ ރޭ ބުނިގޮތުގައި ދިހަވަރަކަށް ދުވަހުގެ ތެރޭގައި އޭނާ އަލުން ޚަތިމެއް އަންދާލާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *