ކީރިތި ޤުރްއާނަށް ނަޞްރު ދިނުމަށް ޓަކައި މުސްލިމުން ތެދުވެ، ސްވިޑްންގެ މުދާތައް އެތެރެކުރުން ހުއްޓައިލުމަށާއި މިހާރު އެތެރެކޮށްފައި ހުރި މުދާތައް ބޮއިކަޓް ކުރުމަށް މިސްރުގެ އަޒްހަރުން ރޭ ގޮވައިލައިފިއެވެ.
ސްވިޑްންގެ ފުލުހުން ހުއްދަދީގެން އެ ޤައުމުގެ ކްރިސްޓިއަނަކު ސްވިޑްންގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި މުސްލިމުންނަށް ގޮންޖަހަމުން އިއްޔެ ވަނީ މުޞްޙަފެއް އަންދައިލައިފައެވެ. މި ކަލޭގެ އެ މުޞްހަފު އަންދައިލީ މުޞްޙަފު ވީދާ ކުދިކުރުމަށްފަހު އެއަށް އަރައި އޭނާގެ ބޫޓު އެއިން ފޮހެ އޫރު ތެޔޮ އެއަށް އަޅައި ރޯކޮށްލައިގެންނެވެ.
މި ކަމާ ވިދިގެން އިސްލާމީ ޤައުމުތަކުން ދަނީ މި "ހަޑިމުޑުދާރު" ޢަމަލު ކުށްވެރި ކުރަމުންނެވެ. އަޒްހަރު ބުނިގޮތުގައި މިއީ ދިރިހުރި ޒަމީރެއްގެ ވެރިއަކު ކުރާނެ ކަމެއް ނޫނެވެ. ކީރިތި ޤުރްއާނާމެދު ސްވިޑްންގައި ތަކްރާރުކޮށް މި ފަދަ ޢަމަލުތައް ހިންގަމުންދާ ދިޔުމަކީ ޚިޔާލު ފާޅުކުރުމުގެ ޙަޤީޤީ މިނިވަންކަން ނޫން ކަމަށް އަޒްހަރުން ބުންޏެވެ. މިއީ ދުނިޔޭގެ އެންމެހާ މުސްލިމުންނަށް ޖެއްސުންކުރުން ކަމަށް ވެސް އަޒްހަރުން ބުންޏެވެ.
އަޒްހަރުގެ ބަޔާނުގައި އިސްލާމީ ސަރުކާރުތަކަށް މި ކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލައިފާ ވެއެވެ. މިއީ އިސްލާމީ މުޤައްދަސާތުތަކާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށް އަޒްހަރުން ބުންޏެވެ. ސްވިޑްން ސަރުކާރުން މުސްލިމުންގެ އެންމެ ބޮޑު ޢީދުދުވަހު ހައްދުފަހަނަޅައިފައިވާ ނިރުބަވެރީންނަށް މުޞްޙަފު އެންދުމަށް ހުއްދަދިން ދިނުމަކީ މުސްލިމުންނާ އިދިކޮޅު ޢުދްވާނީ ޙަމަލާއެއް ދިނުން ކަމަށާއި ފިތުނައެއް ރޯކުރުން ކަމަށް އަޒްހަރުން ބުންޏެވެ. މިއީ ތަހްޒީބީ ޤައުމަކުން ކޮށްގެންވާނެ ޢަމަލެއް ނޫން ކަމަށް ވެސް އަޒްހަރުން ބުންޏެވެ. އަޒްހަރުން ބުނިގޮތުގައި މިއީ ޔޫރަޕްގައި އިސްލާމްފޯބިޔާ ރޯގާ ވަރުގަދައަށް ފެތުރެމުންދާކަމުގެ ޢަލާމާތެކެވެ.
ސްވިޑްންގައި މުސްލިމުންނާއި އިސްލާމްދީނުގެ މުޤައްދަސް ފޮތާ ދެކޮޅަށް މި ހިންގި ޢަމަލު މިޞްރު ސަރުކާރުން ރޭ ކުށްވެރިކުރިއެވެ. މިޞްރުގެ ޚާރިޖިއްޔާއިން ރޭ ނެރުނު ބަޔާނުގައި އެކަމާމެދު މިޞްރު ކަންބޮޑުވާ ކަމަށް ބުނެފައި ވެއެވެ.މިޞްރުން ބުނިގޮތުގައި މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ސުޢޫދީ ޢަރަބިއްޔާއިން ވެސް ސްވިޑްންގެ މި ޢަމަލު ރޭ ކުށްވެރި ކުރިއެވެ. ސުޢޫދީ ޚަރިޖިއްޔާއިން ނެރުނު ބަޔާނުގައި ރިޔާޟުން މި ކަން ކުށްވެރިކުރާ ކަމަށާއި އެއްވެސް ޙާލެއްގައި މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައި ވެއެވެ. މިއީ ނަސްލީ އިމްތިޔާޒަށާއި ނަފްރަތްތެރިކަމަށް ގޮވައިލާ ޢަމަލެއް ކަމަށް ސުޢޫދީ ޢަރަބިއްޔާއިން ބުންޏެވެ. ސުޢޫދީ ބަޔާނުގައި ދީނީ ރަމްޒުތަކަށް އިޙްތިރާމުކުރަން ޖެހޭނެކަމަށާއި ނަފްރަތްތެރިކަން ފަތުރާ ޢަމަލުތަކާ ދުރުހެލިވުމަށް ގޮވައިލައިފައިވެއެވެ.
މުޞްޙަފު އެންދުމަށް ސްވިޑްންގެ ފުލުހުން ހުއްދަ ދިނުމުން ތުރްކީގެ ޚާރިޖީ ވަޒީރު ރޭ ވަގުތުން އެކަން ކުށްވެރިކުރެއްވިއެވެ. މުޞްޙަފު އަންދައިލުމުން ތުރްކީގެ ޚާރިޖިއްޔާއިން ސްވިޑްން ސަފީރު ޚަރިޖިއްޔާއަށް ގެންގޮސް އެކަމާ ދެކޮޅުހަދާ އަދި އެކަން ކުށްވެރީކުރާ އިޙްތިޖާޖުގެ ނޯޓެއް އޭނާއާ ޙަވާލުކުރިއެވެ. ސްވިޑްންގައި "ކީރިތި ޤުރްއާނަށާއި ތުރްކީގެ ދިދައަށް ބޭއިޙްތިރާމުކުރާ ޢަމަލުތައް ތަކްރާރުކޮށް ހިނގަމުންދާކަން" ތުރްކީން ފާހަގަ ކުރިއެވެ.
ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ރޭ މި ޢަމަލު ކުށްވެރިކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. ރޫސީ ރައީސް ޑަރްބަންދު ސަހަރުގެ ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވާ މުސްލިމުންނަށް ޢީދުގެ ތަހްނިޔާ ވިދާޅުވަމުން ވިދާޅުވިއެވެ. "މުސްލިމުންނަކީ އަހުރެމެންގެ އަޚުންނެވެ."
މި މިސްކިތުގެ އިމާމު ރައީސް ޕޫޓިނަށް މުޞްޙަފެއް ވެދުމަށް އެރުވުމުން ވިދާޅުވިއެވެ. "ރަޝިޔާގައި ކީރިތި ޤުރްއާނަށް ބޭއިޙްތިރާމު ކުރުމަކީ ޖަރީމާއެކެވެ." އޭނާ ވިދާޅުވިއެވެ. "ރަޝިޔާއަކީ ކީރިތި ޤުރްއާނަށާއި މުސްލިމުންގެ ދީނީ ޝުޢޫރުތަކަށް އިޙްތިރާމުކުރާ ދައުލަތެކެވެ."



advertisment