Support Us

ޢަރަފާތު ޚުޠުބާ: ދީނާއި ދުނިޔެ ރަނގަޅުކުރެވޭނީ ދެބަސްވުން ދުރަށްލައިގެން

 ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށް ޓަކައި މާތްﷲގެ ޝަރްޢުގައި ހިފެހެއްޓުމަށާއި އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިންތަކަށް ރައްކައުތެރިވުމަށް ސުޢޫދީ ޢަރަބިއްޔާގެ އެންމެ އިސް ދަންނަބޭކަލުންގެ ވިދާރާގެ މެންބަރު އައްޝައިޚު  ޑރ. ޔޫސުފު ބިން މުޙައްމަދު ބިން ސަޢީދު މުސްލިމުންނަށް މިއަދުގެ ޢަރަފާތު ޚުޠުބާގައި ގޮވައިލައްވައިފިއެވެ. 

މުސްލިމުންގެ މެދުގައި ދެބަސްވުންތައް އުފެއްދުމަށާއި މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ޖެއްސުވުމަށް ޓަކައި ތަފާތު ވަސީލަތްތަކުންނާއި މަގުތަކުން ދެމުންގެންދާ ޙަމަލާތަކަށާއި ފަތުރަމުންދާ ދޮގު ޚަބަރުތަކަށް ރައްކައުތެރިވެ ސަމާލުވުމަށް އޭނާ ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ކީރިތި ޤުރްއާނާއި ކައު ރަސޫލާގެ ސުންނަތުގެ ނައްޞުތައް ކަށަވަރުކޮށްދީ މުސްލިމުންނަށް އަމުރުކޮށްފައިވަނީ އެއްގަލަކަށް  އެރުމަށާއި އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމަށާއި އެކުލަވައިގެން އުޅުމަށެވެ. ދީން މީސްތަކުންނަށް  ނަހީކުރަނީ އަރާރުންވުމާއި ދެބަސްވުމާއި ޚިޔާލު ތަފާތުވުންތަކެވެ.

އޭނާ ވިދާޅުވިގޮތުގައި ﷲގެ އިންތަކަށް ރައްކައުތެރިވުމަކީ ޢިބާދާތުތައް ﷲއަށް ޚާލިޞްކުރުމެވެ. އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރިނުކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި ތައުޙީދުގެ އަހްލުވެރީންނަކީ ހިދާޔަތުގެ އަހްލުވެރީންނެވެ. ދިންނެވުމާއި ނަޖާ ލިބެނިވި މީހުންނަކީ އަދި ރަނގަޅު ނިމުން ލިބެނިވި މީހުންނަކީ  ހަމަ އެމީހުންނެވެ.

އޭނާ ވިދާޅުވިގޮތުގައި  މޮށެއުޅޭ ބަސް ތަފާތުވުމާއި ހަމުގެ ކުލަ ތަފާތުވުމާއި ނަސްލު ތަފާތުވުމަކީ ދެބަސްވުމަށާއި އަރާރުމަށް އޮތް ބަހަނާއެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެކަންކަމަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކެކެވެ. 

ޝައިޚު ޔޫސުފު ބިން ސަޢީދު ވިދާޅުވި ގޮތުގައި ދީނާއި ދުނިޔެ ރަނގަޅު ކުރެވޭނީ ދެބަސްވުމާ ދުރުހެލިވެގެންނެވެ. މަޞްލަޙަތުތައް ޙާޞިލުކުރެވޭނީ އަދި ފަސާދަތައް ނައްތައިލެވޭނީ އެ މަގުންނެވެ. ހެޔޮކަންތައް ކުރުމުގައްޔާއި ތަޤްވާވެރިކަމުގައި އެއްބާރުލެވޭނީ އެ މަގުންނެވެ. ޙައްޤަށް ނަޞްރުދީ ބާޠިލު ބަލިކުރެވޭނީ އެ މަގުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ދެބަސްވުން އުފެދިއްޖެނަމަ ހަވާނަފްސު ވެރިވެގަތްފާނެއެވެ. ނީހަވެރިކަން ފެތުރިދާނެއެވެ. އޮހޮރުވުން ޙަރާން ލޭތައް އޮހޮރުވެން ފަށާފާނެއެވެ. އަރައިގަތުން  މުދާތަކަށް އަރައިގަތުން ފެށިދާނެއެވެ. އޭރުން އުންމަތަށް ކުރިއެރުން ލިބުން ހުއްޓިދާނެއެވެ. ކިޔަމަންގަތުމަށް ކަށަވެތިނުވާ ބަޔަކަށް ވެދާނެއެވެ. 

އޭނާ ސަމާލުކަމަށް ގެންނެވިގޮތުގައި އިސްލާމީ ޝަރީޢަތް ވަނީ ދޮގު ޚަބަރުތަކުގެ ފަހަތުން ދިޔުން ނަހީ ކުރައްވައިފައެވެ. މި ފަދަ ދޮގު ޚަބަރުތައް ފެތުރުމުގެ މަޤްޞަދަކީ ސަފުތައް  ރޫޅައިލުމެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަނީ ޖަމާޢަތުގައި ކުރަން ޖެހޭ އެތައް އަޅުކަންތަކެއް ފަރްޟުކުރައްވައިފައެވެ. އޭގެތެރޭގައި ޢަރަފާތުގައި މިއަދު އަދާކުރެވޭ މި ނަމާދާއި ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދު ވެއެވެ. 

އޭނާގެ ވާހަކަފުޅުގައި އިސްލާމްދީން ގެނެސްދީފައިވާ އިޖްތިމާޢީ ތަކާފުލުގައި ހިފެހެއްޓުމަށް ގޮވައިލެއްވިއެވެ. ޒަކާތާއި ޞަދަޤާ ޝަރްޢުކުރައްވައިފައި ވަނީ މި ކަމަށް ޓަކައިކަމަށް އޭނާ ވިދާޅުވިއެވެ. 

އޭނާގެ ޚުޠުބާގައި ރަޙިމުގެ ގުޅުން ވާޞިލުކުރުމަށާއި މައިންބަފައިންނަށް އަޅައިލުމަށާއި އަވަށްޓެރީންނަށް ކަމޭހިތުމަށް ބާރުއެޅުއްވިއެވެ. އުންމަތުގެ ބަސް އެއްބަހަކަށް ހެދުމަށް ޓަކައި މިއީ މުހިއްމު ބަހާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި ވެރިންނަށް ކިޔަމަންގަތުން ވާޖިބުކުރެއްވީ ވެސް ހަމަ ދެބަސްވުން ނައްތައިލެއްވުމަށް ޓަކައެވެ. މާތްﷲ މުސްލިމުންނަށް ވަނީ ﷲއަށާއި ރަސޫލާއަށާއި ވެރީންނަށް ކިޔަމަންގަތުމަށް އަމުރުކުރައްވައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *