ހަތިޔާރުއެޅި ނުކިޔަމަންތެރިކަމުގެ އެއް ދުވަހުގެ ޙަމަލާތަކަށް ފަހު ވެގްނަރ ހަނގުރާމަވެރިން ދެކުނު ރޫސިޔާއިން ފައިބާ އެމީހުންގެ ބޭސްތަކަށް އެނބުރި ހިނގައްޖެއެވެ.
އަވަށްޓެރި ބިލަރޫސްގެ ރައީސް ލޮކަޝިންކޯ މެދުވެރިވެ ވަޑައިގެން މި ނުކިޔަމަންތެރިކަން ނިމުމަކަށް އައީ ވެގްނަރ ޒަޢީމަށް ބިލަރޫސުން ޙިމާޔަތް ދިނުމާއި އޭނާ ހިފާ ހައްޔަރުކުރުމުގެ އަމުރު މޮސްކޯއިން ބާޠިލުކުރުމާއި ވެގްނަރ ސިފައިންގެ ތެރެއިން ރަޝިޔާގެ ޢަސްކަރީ ބާރާ ގުޅެން ބޭނުންވާ ބަޔަކަށް ގުޅުމުގެ ފުރްޞަތު ދިނުމާއި ރަޝިޔާގެ ޢަސްކަރިއްޔާއާއެކު މަސައްކަތް ކުރަން ބޭނުންވާ ވެގްނަރ ހަނގުރާމަވެރީންނަށް ރޫސީ ދިފާޢީ ވުޒާރާއާއެކު ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށް ފުރްޞަތު ދިނުމުންނެވެ.
ވެގްނަރުންގެ ނުކިޔަމަންތެރިކަމާ ވިދިގެން މޮސްކޯއިން އެޅި ސަލާމަތީ ފިޔަވަޅުތައް މިހާރު ދަނީ މަޑުމަޑުން އުވާލަމުންނެވެ. މި ނުކިޔަމަންތެރިކަމުގެ ސަބަބުން ރަޝިޔާގައި އަހްލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެގެން ދިޔައެވެ.
ރޭ ވެގްނަރ ޒަޢީމް ޕްރޮގްޒިނާއި އޭނާގެ ހަނގުރާމަވެރިން ވަނީ އެމީހުން ހިފި ދެކުނު ރަޝިޔާގެ ރޮސްޓޯވް ސަހަރުން ފައިބައިފައެވެ.
ކްރެމްލިން ބުނާގޮތުގައި ރައީސް ޕޫޓިން ބިލަރޫސްގެ ރައީސްގެ ވިސާޠާ ޤަބޫލުފުޅު ކުރެއްވީ މޮސްކޯ އެދޭ ގޮތަށް ލޭ އޮހޮރުވުމަކާނުލައި މަސްއަލަ ޙައްލުކުރަން ވެގެންނެވެ. އަދި 1999 ގައި ރަޝިޔާގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ޕޫޓިންގެ ވެރިކަމާ މިފަދަ ނުރައްކާތެރި ގޮންޖެހުމެއް ކުރިމަތިވެފައެއް ނުވެއެވެ.
ރޫސީ ރިޔާސީ ތަރްޖަމާނު ބިސްކޯވް ވިދާޅުވިގޮތުގައި ރައީސް ޕޫޓިން ރޫސީ ދިފާޢީ ވަޒީރަށާއި ޗީފް އޮފް ސްޓާފަށް ކުރައްވާ އިތުބާރަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަން އޭނާއަށް އެނގިވަޑައިގެންފައެއް ނުވެއެވެ. ވެގްނަރގެ ޒަޢީމާއެކު މިންސްކުން ބޭއްވި ވާހަކަދެއްކުންތަކުގައި އެ ދެ ބޭފުޅުން ވަކި ކުރުމާ ބެހޭގޮތުން ވާހަކައެއް ނުދެކެވެއެވެ.
ކޮށިތަކަށް އެނބުރި ދިޔުން
ވެގްނަރ ހަނގުރާމަވެރިން ރޮސްޓޯވް ސަހަރުގައި ހުރި ރޫސީ ޢަސްކަރީ މައިމަރްކަޒު ދޫކޮށްލައިފާ ބޭރަށް ނުކުމެގެން ދިޔަ މަންޒަރުތައް ރޫސީ މީޑިއާތަކުން ދުރަށް ދެއްކިއެވެ. ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ވެގްނަރ ހަނގުރާމަވެރީން ފޭބުމާއެކު ރޮސްޓޯވް ސަހަރު ކުރީގެ ގޮތަށް އަނބުރާ ދާން ފަށައިފިއެވެ.
ވެގްނަރ ހަނގުރާމަވެރިން އެރި ދެވަނަ ސަރަޙައްދު ކަމުގައިވާ ފޮރޮނެޖް ގެ ގަވަރނަރު ވިދާޅުވާ ގޮތުގައި ވެގްނަރ ހަނގުރާމަވެރިން އެއްވެސް ކަހަލަ ދަތިކަމަކާނުލައި އެ ސަރަޙައްދުން ފައިބައިފިއެވެ.
ވެގްނަރ ޒަޢީމު ސިފަކުރެއްވި ގޮތުގައި އޭނާގެ ނުކިޔަމަންތެރިކަމަކީ "ޢަދާލަތުގެ ހިނގައިލުން" އެކެވެ. މި ކަމުގެ އަމާޒަކީ ޢަސްކަރީ އިސް އިސްވާރުންނެވެ. އޭގެތެރޭގައި ދިފާޢީ ވަޒީރު ޝުވިގޯއާއި ޗީފް އޮފް ސްޓާފް ގިރާސިމޯވް ވެއެވެ. ވެގްނަރ ޒަޢީމު ތުހްމަތު ކުރައްވާ ގޮތުގައި އެއީ ފާސިދު ކުރުންތެރިކަން ނެތް ޤާބިލުކަން ނެތް ބޭފުޅުންތަކެކެވެ.
ސަލާމަތީ ފިޔަވަޅުތައް
މި ނުކިޔަމަންތެރިކަމާ ވިދިގެން މޮސްކޯއާއި ޓޯލާ ގުޅުވައިދޭ ހަލިމަގުގައި އެއްޗެހި ދުއްވުމުގެ ޙަރަކާތް ޤައިދުކޮށްފައި އޮތްއޮތުން މިއަދު ނިމެންދެން ދެމެހެއްޓޭނެއެވެ. އެހެނަސް އެހެން ހުރިހާ ހަލިމަގުތަކެއް މިހާރު ވަނީ ހުޅުވައިލެވިފައެވެ.
މޮސްކޯއާ ދިމާއަށް ވެގްނަރުން އައުން މަނާކުރުމަށް ޓަކައި ޝީޝާނުގެ އަޙްމަދު ފައުޖުގެ ތިން ހާސް ސިފައިން ވަނީ މޮސްކޯ ކައިރީގައި ރުކުރުވާލައިފައެވެ.
މީގެއިތުރަށް މޮސްކޯއިން ވަނީ މާދަމާ ރަސްމީ ބަންދު ދުވަހެއްކަމުގައި ވެސް ހަމަޖައްސައިފައެވެ.



advertisment
One Response
ދެން ރަޝިޔާގެ ދުޝްމަނު އެމެރިކާ އާއި ޔޫރަޕުން ބަލާނީ ވެގްނަރ ގްރޫޕަށް ހަތިޔާރު ދީގެން އެމީހުން ލައްވާ ރަޝިޔާގެ ސިފައިންގެ ފައުޖުތަކަށް ހަމަލާ ދޭށެވެ.