ރަޝިޔާގެ ވެގްނަރ ޖަމާޢަތުގެ މުއައްސިސު ޕްރިގޮޒިން އިއްޔެ އިޢުލާން ކުރެއްވި ހަތިޔާރު އެޅި ނުކިޔަމަންތެރިކަން 24 ގަޑިއިރުގެ ތެރޭގައި ނިމި ރަޝިޔާ ދޫކުރައްވާ އަވަށްޓެރި ބިލަރޫސަށް ވަޑައިގެންފިއެވެ.
މުޅި ދުނިޔެ ކަންބޮޑުވުމަކަށް ގެނައި މި ނުކިޔަމަންތެރިކަމުގެ ސަބަބުން ރަޝިޔާގެ ބައެއް ސަރަޙައްދުތަކުގައި ކުއްލި ނުރައްކާތެރިކަމުގެ ޙާލަތު ވެސް އިޢުލާން ކުރިއެވެ. ވެގްނަރ ހަނގުރާމަވެރިން ރަޝިޔާގެ ރޮސްޓޯވް ސަހަރަށް އަރައި އެ ތާނގައި ހުރި ރޫސީ ޢަސްކަރިއްޔާގެ މައި މަރްކަޒުވެސް ހިފިކަމަށް ޚަބަރުތައް ބުންޏެވެ. ވެގްނަރގެ މުއައްސިސް ވިދާޅުވާ ގޮތުގައި އޭނާ ސިފައިން އެ ސަހަރުން އިއްޔެ އެކަށް ފައިބާ ނިމިއްޖެއެވެ.
އަވަށްޓެރި ބިލަރޫސިޔާގެ ރައީސް ލޮކްޝެންކޯ މެދުވެރިވެވަޑައިގެން ޤާއިމު ކުރެއްވި އެއްބަސްވުމާ ވިދިގެން ވެގްނަރގެ ޒަޢީމު ޕްރިގޮޒިން މިހާރު ވަނީ ބިލަރޫސަށް ވަޑައިގަންނަވައިފައެވެ.
ރަޝިޔާގެ ކްރެމްލިންގެ ތަރްޖަމާން ބިސްކޯވް ހާމަކުރެއްވި ގޮތުގައި މިންސްކް މެދުވެރިވެގެން ރޭ އެއްބަސްވި އެއްބަސްވުމުގައި ހިމެނޭ މުހިއްމު ނުކުތާތަކަކީ:
- ޕްރިގޮޒިންގެ އަމުރަށް ކިޔަމަންނުގަން ވެގްނަރ ޖަމާޢަތުގެ ސިފައިންނަށް ރޫސީ ވިލާތުގެ ޢަސްކަރިއްޔާއަށް ވަނުމުގެ ފުރްޞަތު ދިނުން.
- އެމީހުންނާ ދެކޮޅަށް ޤާނޫނީ އެއްވެސް ފިޔަވަޅެއް ނޭޅުން
- ވެގްނަރ ހަނގުރާމަވެރިން އެމީހުންގެ ކޮށިތަކަށް އެނބުރި ދިޔުން
- ކޮށިތަކަށާއި މަރްކަޒުތަކަށް އެނބުރިދާން ނޭދޭމީހުން ރަޝިޔާގެ ދިފާޢީ ވުޒާރާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރުން
- ޕްރިގޮޒިންއާ ދެކޮޅަށް ރަޝިޔާ ސަރުކާރުން އުފުލައިފައިވާ ޖިނާއީ ޤަޟިއްޔާއާ ބެހޭ ފައިލް ބަންދުކޮށް އޭނާ ބިލަރޫސިޔާއަށް ވަޑައިގަތުމަށް ހުއްދަދިނުން
ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ހާމަކުރެއްވި ގޮތުގައި ރޫސީ ރައީސް ޕޫޓިނާއި ބިލަރޫސްގެ ރައީސް އެލެކްސަންޑަރ ލޮކަޝިންކޯ އިއްޔެ ހެނދުނު ވަނީ ވެގްނަރ ޖަމާޢަތުގެ ނުކިޔަމންތެރިކަމުގެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި މިންސްކް މެދުވެރިއަކަށް ވުމަށް އެއްބަސްވެވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ވިސާޠާއަކީ (މެދުވެރިވުމަކީ) ބިލަރޫސް ރައީސްގެ އަމިއްލަފުޅު ޝަޚްޞީ އިސްނެންގެވުމެކެވެ.
ރައީސް ލޮކަޝިންކޯ މި މަސައްކަތް ކުރެއްވީ ދާޚިލީ ކުރިމަތިލުމަކުން ރަޝިޔާ ސަލާމަތް ކުރުމުށާއި ލޭ އޮހޮރުވުން ހުއްޓުވުމަށް ޓަކައެވެ.
ބިސްކޯވް ވިދާޅުވި ގޮތުގައި އިއްޔެ މި ހިނގި ކަންތައްތަކުގެ ސަބަބުން ރޫސީ ޢަސްކަރީ ޚާއްޞަ ޙަމަލާއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.



advertisment