ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ 45 މީހުނަށް ފްލެޓް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮތްތަކެއް ނިންމަވައިފިއެވެ. މީގެ އިތުރުން އެކި ސަބަބުތަކާ ހެދި ހުސްވެފައިވާ ހިޔާ ސްކީމުގެ 145 ފްލެޓް، ރިޒާވް ލިސްޓުން މާކްސް ތަރުތީބުން ދިނުމަށްވެސް ވަނީ ނިންމަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކަންކަން ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޝްވަރާކުރެއްވުމަށްފަހުގައެވެ.
ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާ ގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެ ކެޓަގަރީން ފްލެޓް ހަވާލުނުކޮށް ތިބި 45 މީހަކަށް ފެލެޓް ހަވާލުކުރުމާ މެދު ގޮތެއް ނިންމެވުމަށެވެ. ސިވިލް ސަރވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލް ސަރވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލް ހިމެނޭ ގޮތަށް ކޮންމެ އޮފީހަކަށް ވަކި ޢަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ޢަދަދު ކަނޑައަޅައިގެން ކުރިޔަށްގެންގޮސްފައިވާ ކެޓަގަރީއަކަށް ވާތީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 މީހުންނަށް ފްލެޓް ހަވާލުކުރުމަށެވެ.



advertisment