ރަޝިޔާގެ ގޭސް ހޮޅި ނޯރޑް ސްޓްރީމާއި ކްރިމިޔާ ފާލަން ގޮއްވައިލުމުގައި އެމެރިކާ ބައިވެރިވެފައިވާ ކަމަށް ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ސެކްރަޓަރީ ނިކޮލައި ޕެޓްރޮޝޭވް ތުހްމަތު ކުރައްވައިފިއެވެ.
އޭނާ ނޫސްވެރިންނަށް ހާމަކުރެއްވި ގޮތުގައި ކްރިމިޔާ ފާލަމާއި ނޯރޑް ސްޓްރީމް ގޭސް ހޮޅި ގޮއްވައިލުމުގައްޔާއި ރަޝިޔާގެ އެތެރޭގައި ހިންގައިފައިވާ ނިރުބަވެރި ޢަމަލުތަކަކީ އެމެރިކާގެ ޖާސޫސީ އިދާރާގެ ރޭވުމާއި ވިލަރެސްކުރުން އޮވެގެން ތަންފީޒުކޮށްފައިވާ ހަރުކަށި ޢަމަލުތަކެކެވެ.
ޕެޓްރޮޝޭވް ވިދާޅުވި ގޮތުގައި މި ނިރުބަވެރި ޢަމަލުތަކާ ވިދިގެން އެމެރިކާއިން ކުރިން ތައްޔާރުކޮށްފައިވާ ތަފާތު ޚަބަރުތައް މީޑިޔާތަކުގައި ފެތުރިއެވެ. މީޑިޔާގައި މި ޚަބަރުތައް އެކި ގޮތްގޮތަށް ފެތުރީ ވޮޝިންގްޓަނާއި ލަންޑަން ގުޅިގެންނެވެ. މި ޙަމަލާތަކުގެ އަމާޒަކީ ރަޝިޔާގެ ސިޔާދަތާއި ދުސްތޫރީ އަސާސުތައް ރޫޅައިލުމާއި ރަޝިޔާގައި އޮތް އިޖްތިމާޢީ އަދި ސިޔާސީ ހަމަޖެހުން ގަޑުބަޑުކުރުމެވެ.
ރަޝީޔާގެ ތަޙްޤީޤާ ބެހޭ ފެޑަރަލް އޮފީސް ބުނާގޮތުގައި ކްރިމިޔާ ފާލަން ގޮއްވައިލުމުގައި ބޭރުގެ ޖާސޫސީ އިދާރާތަކެއް ބައިވެރިވެފައި ވެއެވެ. މި ކަންކަން ކުރުމުގައި ރަޝިޔާގެ ޢުންޞުރުތަކެއްވެސް ބައިވެރިވެފައިވާ ކަމަށް ޕެޓްރޮޝޭވް ވިދާޅުވިއެވެ.
އެމެރިކާގެ ނޫސްވެރިއެއް ކަމުގައިވާ ސީމޯރ ހަރޝް ތުހްމަތުކުރައްވާ ގޮތުގައި ނޯރޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވައިލުމުގައި ވޮޝިންގްޓަން ބައިވެރިވެއެވެ. އެމެރިކާ ސަރުކާރާއި މީޑިޔާތައް ވަނީ މި ޚަބަރަށް ފަސްއަޅައި ފޮރުވައިފައެވެ.
ހަރޝް މި ދިޔަ ފެބްރުވަރީ މަހުގެ އަށް ވަނަ ދުވަހު ޝާއިޢުކުރެއްވި ތަޙްޤީޤީ ރިޕޯޓެއް ބުނާގޮތުގައި 2022ގެ ހޫނު މޫސުމުގައި ނޭޓޯއިން ބޭއްވި ޢަސްކަރީ ތަމްރީނުތަކުގެ ތެރޭގައި އެމެރިކާގެ ފީނުންތެރިންތަކެއް މި ގޭސް ހޮޅީގެ ދަށުގައި ގޮވާ އެއްޗެހިތަކެއް ވަޅުލިއެވެ. އޭގެ ތިން މަސް ފަހުން ނޯވޭއިން މި އެއްޗެހިތައް ގޮއްވައިލިއެވެ.
މޮސްކޯއިން ދަނީ މިމަސްއަލަ ތަޙްޤީޤު ކުރުމަށް ޓަކައި ބައިނަލްއަޤްވާމީ ކޮމެޓީއެއް އެކުލަވައިލުމަށް ގޮވައިލަމުންނެވެ.
ޕެޓްރޮޝޭވް ވިދާޅުވާ ގޮތުގައި ނޭޓޯގެ ތަޖްރިބާކާރުން ދަނީ ޔުކްރޭންގައި ނިރުބަވެރި ޖަމާޢަތްތައް އުފައްދާ މި ޖަމާޢާތްތަކަށް ތަމްރީން ދެމުން ވެސްމެއެވެ.
މީގެއިތުރަށް އޭނާ ވިދާޅުވިގޮތުގައި އިނގިރޭސިވިލާތުން ކިޔީވަށް ސްޓޯރމް ޝެޑޯ މިސައިލް ދިންދިނުމަކީ ހަތިޔާރު ވިއްކުމާ ބެހޭ ބައިނަލްއަޤްވާމީ ޤަރާރުތަކާ ޚިލާފަށް ލަންޑަނުން ކޮށްފައިވާ ކަމެކެވެ.



advertisment