ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަކީ، ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއްކަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ސިފައިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ފަރުދީ ހައިސިއްޔަތުން ވެސް، ސިފައިންގެ ކޮންމެ މީހެއްގެވެސް އެންމެ އިސް ވާޖިބަކަށް ހަދަންވީ، ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއް ކަމަށެވެ. އަދި މިޒަމާނުގައި، އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލް އަޤުވާމީ ޞުލުޙަކަމަށާއި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ޤައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ޚިދުމަތަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ޢިލްމީ ގޮތުން ޤާބިލު އަދި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭނެ ސިފައިން ދިވެހި ޢަސްކަރިއްޔާގައި މިހާރު އެބަތިބި ކަމަށެވެ. މީގެ އިތުރުން ދިވެހިންގެ ދިފާޢުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި، ދިވެހި ސިފައިން، އެއްގަމާ ކަނޑާ ވައިގެމަގުން ކުރަމުން އަންނަ މަސައްކަތްތަކާއި މަދަނީގޮތުން ކުރަމުން އަންނަ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ސިފައިންގެ ބޯހިޔާވަހިކަމަށާއި މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފަންނަށް ހުޅުމާލެ ފޭސް ދޭއްގައި ވެސް، 138 ޔުނިޓްގެ ފްލެޓް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މިއަހަރު ބީލަމަށް ލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ފުލުހުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ޢަސްކަރިއްޔާގެ ތަރައްޤީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ޤާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސިފައިންގެ ޤާބިލްކަން އިތުރު ކުރުމަށް، އެޑްވާންސް ވެޕަން ފަޔަރިންގ ސިމިއުލޭޓަރ ހޯދުމާއި، އެންޓި-ޑްރޯން ސިސްޓަމްތައް ހޯދުން ހިމެނޭ ކަމަށާއި، ކޯސްޓްގާޑުގެ ޚިދުމަތްތަކާއި ސިފައިންގެ ފަޔަރ އެންޑް ރެސްކިޔޫގެ ޚިދުމަތްތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރޭގެ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑެލް ޙާޞިލް ކުރެއްވި، ހަތަރު ރިޓަޔަޑް ޖެނެރަލުންނަށާއި، އެހެނިހެން މެޑަލްތައް ޙާޞިލްކުރެއްވި ސިފައިންނަށް މެޑެލް ޙަވާލުކޮށްދެއްވައި، އަދި ސިފައިންގެއަށް ރީތިނަން ހޯދައިދީފައިވާ ސިފައިންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވައި، އެހުރިހާ ފަރާތްތަކަށްވެސް މަރުޙަބާއާ ތަޙުނިޔާ ވިދާޅުވެފައެވެ.
ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑެލް ޙާޞިލް ކުރެއްވި ބޭފުޅުންނަކީ ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ލެފްޓިނެންޓް ޖެނެރަލް (ރޓ) އަންބަރީ އަބްދުސައްތާރާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވި ތިން ބޭފުޅުން ކަމަށްވާ މޭޖަރ ޖެނެރަލް (ރޓ) ޓޫޓޫ މުހައްމަދު ޒާހިރާއި މޭޖަރ ޖެނެރަލް (ރޓ) މޫސާ އަލީ ޖަލީލާއި މޭޖަރ ޖެނެރަލް (ރޓ) އަހުމަދު ޝިޔާމެވެ. މީގެ ތެރެއިން އަންބަރީ އާއި ޝިޔާމުގެ މެޑަލް ބަލައި ދިޔައީ ބަދަލުގައި ފޮނުއްވި ބަޔެކެވެ.
ދިވެހި ސިފައިންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައި ވަނީ، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި، މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުގައެވެ.



advertisment