މިސްރުގެ ޤާހިރާ ގަޑިން މިއަދު ހެނދުނު 6:38 ގައި ޙައްޖުމަހުގެ ހަނދު އިޤްތިރާންވެފައިވާ ކަމަށް މިޞްރުގެ ފަލަކީ އިދާރާއިން ބުނެފިއެވެ.
މިއަދު އިރުއޮއްސޭ ފަހުން މި ހަނދު މައްކާގެ އުދަރެހުގެ މަތީގައި 29 މިނެޓް އަދި ޤާހިރާގެ އުދަރެހުގެ މަތީގައި 36 މިނެޓް އިރު ހުންނާނެ ކަމަށް މިޞްރުގެ ދުވަހު ނޫސް އައްޔައުމުއް ސާބިޢު ބުނެއެވެ.
ޢަރަބި ޤައުމުތަކަށާއި އިސްލާމީ ޤައުމުތަކުގެ ވެރިރަށްތަކަށް ބަލާއިރު އިރު އޮއްސޭ ފަހުން މި ހަނދު ހަތް މިނެޓާއި 44 މިނެޓާ ދެމެދުގެ އިރުކޮޅަކަށް އުދަރެހުގެ މަތީގައި ހުންނާނެއެވެ. އެހެންކަމުން މާދަމާ ވާނީ ފަލަކީ ގޮތުން ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަށެވެ.
އެހެންކަމުން މި އަހަރުގެ ޢަރަފާތު ދުވަހަށް ވާނީ 27 ޖޫން ވާ އަންގާރަ ދުވަހެވެ. ބޮޑު ޢީދު ދުވަހަކީ 28 ޖޫން ވާ ބުދަދުވަހެވެ.
ސުޢޫދީ އިސް ކޯޓުން ވަނީ މިއަދު ހަނދު ބަލާނެކަން އިޢުލާންކޮށް ހަނދުގެ ޚަބަރެއް ލިބުނު ކޮންމެ މީހަކު އެންމެ ކައިރީގައި ހުރި ކޯޓަކަށް އެ ޚަބަރު ދިނުމަށް އެދި ގޮވައިލައިފައެވެ.
ހިޖްރީ ކަލަންޑަރު ނުވަތަ އިސްލާމީ ކަލަންޑަރަކީ ހަނދުގެ ދައުރުކުރުމާ ގުޅިފައިވާ ކަލަންޑަރެކެވެ. ހިޖްރީ ކަލަންޑަރާ އެއްގޮތަށް އިސްލާމީ ދައުލަތުގައި ތާރީޚު ޖަހަން ފެށުނީ މާތްﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބުގެ ވެރިކަމުގައެވެ. ހިޖްރީ ކަލަންޑަރު ނިސްބަތްކޮށްފައިވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖްރައާއެވެ. މި ހިޖްރައިގެ ސަބަބުން އިސްލާމީ ދައުލަތް ޤާއިމުކުރެވިފައި ވާތީއެވެ.
ރަމަޟާން މަހުގެ ރޯދައާއި ޙައްޖުމަހުގެ މަނާސިކުތަކާއި މުސްލިމުންގެ ދެ ޢީދު ހިޖްރީ ކަލަންޑަރާ ގުޅިފައިވާތީ މުސްލިމުންނަށް މި ކަލަންޑަރާ ދުރަކަށް ނުދެވޭނެއެވެ. ސުޢޫދީ ޢަރަބިއްޔާގައި މިއަދު ވެސް ރަސްމީކޮށް ބޭނުން ކުރަނީ ހިޖްރީ ކަލަންޑަރެވެ.



advertisment