އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ދެ ދުވަހުގެ ދަތުރުފުޅެއްގައި ރޭ ޗައިނާއަށް ވަޑައިގަންނަވައިފިއެވެ.
މިއީ އެމެރިކާގެ ޚާރިޖީ ވަޒީރަކު ފަސް އަހަރުގެ ތެރޭގައި ޗައިނާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅު ކުރައްވަމުންދާ ވަގުތަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ދެމެދުގައިވާ ގުޅުންތައް ވަރަށް ތާފަނާވެ ނުތަނަވަސްވެފައިވާ ވަގުތެކެވެ.
މި ދިޔަ އަހަރުގެ ފެބްރުވަރީގައި ޗައިނާގެ ބެލޫންޏެއް އެމެރިކާތެރެއަށް ވަނުމުގެ މަސްއަލައިގައި އުފެދުނު އަރާރުމުގެ ސަބަބުން ބްލިންކަންގެ ދަތުރުފުޅު ފަސްކުރައްވަން މަޖްބޫރުވެ ވަޑައިގަތީއެވެ.
ބްލިންކަންގެ މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރު ޗެން ގަންގާއި ޗައިނާގެ އިސް ޑިޕްލޮމެޓް ވާންގް ޔީ އާ ބައްދަލު ކުރައްވާނެއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގާ ބައްދަލު ކުރައްވާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.
ބްލިންކަންގެ މި ދަތުރުފުޅުގައި އޭނާ މަސައްކަތް ކުރައްވާނީ ޗައިނާ އެމެރިކާގެ އިސްތިރާތީޖީ ވާދަވެރިކަމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި އަރާރުމެއް އުފެދުނަ ނުދިނުމަށް ޓަކައި މުވާޞަލާތީ ޗެނެލްތައް ހުޅުވުމަށެވެ.
ޗައިނާ އެމެރިކާ ގުޅުންތައް ވަނީ އެތައް ނާރެސްތަކެއްގައި ނުބައިވެފައެވެ. އޭގެތެރޭގައި އެންމެ ބޮޑު މަސްއަލައަކީ ތައިވާނެވެ. ޗައިނާ ބުނާގޮތުގައި އެއީ ޗައިނާއާ ވަކިކޮށް ނުލެވޭނެ ޗައިނާގެ ބައެކެވެ. އެމެރިކާއިން ދަނީ ތައިވާނަށް އެހީވަމުންނެވެ. އެތާނގެ ވެރީންނާ ބައްދަލުކޮށް ޗައިނާއާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ވާގިވެރިވަމުންނެވެ. ވިޔަފާރިއާއި ސެމިކޮންޑަކްޓަރު އުފެއްދުމުގެ މަސްއަލައާއި ޗައިނާގެ މުވާޞަލާތީ ކުންފުނިތަކަށް ދަތިކުރުމުގެ މަސްއަލައާއި ޗައިނާގެ އިންސާނީ ޙައްޤުތަކާ ބެހޭ ފައިލަކީ ވޮޝިންގްޓަނާ ޗައިނާއާ ދެމެދުގައި ދެބަސްވުންތައް ހުރި ބޮޑެތި މަސްއަލަތަކެކެވެ.
ޗައިނާއާއި އެމެރިކާ ސިފައިންގެ ބައްދަލުވުންތައް ގަވައިދުން ބޭއްވުމަށް އެމެރިކާއިން އެދޭއިރު ޗައިނާއިން މިކަމަށް އިޖަބަނުދޭތީ އެމެރިކާ ކަންބޮޑުވެއެވެ. ޗައިނާއިން މިކަމަށް ހިތްވަރު ނުދެނީ އެމެރިކާގެ ޢަސްކަރީ ބާރުތައް ތައިވާން ކަނޑުއޮޅިއަށް ވަދެ ޗައިނާއަށް ޖެއްސުންކުރަމުންދާތީއެވެ.
ބްލިންކަން އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވިގޮތުގައި އޭނާގެ މި ދަތުރުފުޅަށް އަސާސީ ތިން ލަނޑުދަނޑިއެއް ވެއެވެ. އެއީ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި އާލިއްޔަތެއް އުފެއްދުމާއި އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމާއި އެއްބާރުލުން ޤާއިމުކުރެވިދާނެ ދާއިރާތައް ހޯދައި ބެލުމެވެ. ދާރިސުން ވިދާޅުވާ ގޮތުގައި ބްލިންކަން ދަތުރުފުޅު މާ ކާމިޔާބު ދަތުރުފުޅަކަށް ވާނެހެނެއް ހީއެއް ނުވެއެވެ.



advertisment