ޙައްޖު މަހަށް ހަނދުބެލުން މާދަމާ ރޭ އޮންނާނެއެވެ. އެއާއެކު އެންމެ މާތް 10 ދުވަސް ފެށުނީއެވެ. ބުރަ ދަތުރުކޮށްފައި ޙައްޖުގެ ފަރީޟާ އަދާކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ގޮސް ނިމެނީއެވެ.
ޙައްޖާއި ޢުމްރާއާ ބެހޭ ސުޢޫދީ ވަޒީރު ހާމަކުރައްވައިފައިވާ ގޮތުގައި މިއީ ކޮރޯނާ އަށް ފަހު އެއްވެސް ޤައިދެއް ޝަރްޠެއްނެތި ޙައްޖުވުމަށް ދޮރު ހުޅުވައިލި ފުރަތަ އަހަރެވެ. ކުޑަކުދީންނަށާއި މުސްކުޅީންނަށާއި މާބަނޑުމީހުންނަށް މި އަހަރު ޙައްޖަށް ދިޔުން މަނާކޮށްފައެއް ނުވެއެވެ. ޙައްޖާޖީންނަށް ވަކި ޢުމުރެއް ނެތެވެ. މި އަހަރު ދެ މިލިޔަނަށްވުރެ ގިނަ ބަޔަކު ޙައްޖުވާނެ ކަމަށް ލަފާކުރެވެއެވެ.
މި އަހަރުގެ ޙައްޖު ދިމާވަނީ ހޫނު މޫސުމާއެވެ. ގަދަ ހޫނުގެ ތެރޭގައި މިހާ ގިނަ ބަޔަކު ކުޑަ ތަންކޮޅެއްގައި ޖަމާވުމަކީ އެކަމާމެދު ސުޢޫދީ ސަރުކާރުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމެކެވެ. އެމީހުންގެ ދުޅަހެޔޮކަމަށާއި އަމާންކަމަށް ޓަކައެވެ. އެމީހުންނަށް ތުރާލެއްނެތި ލުއިފަސޭހަކަމާއެކު ޙައްޖުގެ މަނާސިކުތައް އަދާކުރެވޭނެ އެންމެހާ ވަސީލަތްތައް ތަނަވަސްކޮށްދިނުމަށާއި އެމީހުން ދީނީގޮތުންނާއި ޞިއްޙީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި ސުލޫކާއި އަޚްލާޤީ ގޮތުން ހޭލުންތެރިކުރުވުމަށް ޓަކައެވެ.
މި ހޭލުންތެރިކަމުގެ ޝިޢާރަކީ "ދުޅަހެޔޮ އަމާން ޙައްޖެއް" އެވެ. މި ބުރަ މަސައްކަތުގައި ސުޢޫދީ ޙައްޖާއި ޢުމްރާއާބެހޭ ވުޒާރާއާއި ދެ ޙަރަމްފުޅާ ބެހޭ އިދާރާއި ސުޢޫދީ ޢާއިލާއާއި މުޖްތަމަޢާބެހޭ ޖަމްޢިއްޔާއާއި ޞިއްޙަތާ ބެހޭ ވުޒާރާއާއި ސްކައުޓުންނާއި ސަލާމަތީ ބާރުތައް ބައިވެރިވެއެވެ.
ހޫނުމޫސުމާ ޙައްޖާ ދިމާވާތީ ވަރަށް ގިނަ ޞިއްޙީ މަސްއަލަތައް ކުރިމަތިވާނެ ކަމަށް ސުޢޫދީ ޢާއިލާއާއި މުޖްތަމަޢާބެހޭ ޖަމްޢިއްޔާގެ ނައިބު ރައީސް ޑރ. އަޝްރަފު އަމީރު ވިދާޅުވިއެވެ. ހޫނުމޫސުމުގެ ސަބަބުން ލޮޑުވުމާއި ވަރުބަލިވުމާއި ހަންފޮޅުމާއި ކާބޯތަކެތި އަވަހަށް ވިހަވުންފަދަ މަސްއަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
އޭނާ ވިދާޅުވާ ގޮތުގައި ޙައްޖުވެރީން ފުރިހަމަ ކުރާންޖެހޭ ހުރިހާ ވެކްސިންތަކެއް ފުރިހަމަކުރުމަކީ ލާޒިމުކަމެކެވެ. ހަކުރު ބައްޔާއި ލޭގެ ޕްރެޝަރާއި ހިތުގެ ބަލިތަކާއި ނޭވާލުމުގެ ބަލިތަކާއި ގުރުދާގެ ބަލިތައްފަދަ އާދަކޮށް ބޭސްކާންޖެހޭ ބަލިމީހުން އެކަމަށް ފަރުވާ ބެހެއްޓުމަށް ޑރ. އަޝްރަފު އަމީރު ނަސޭހަތްތެރިވެވަޑައިގަންނަވައެވެ. ޙައްޖުގެ ތެރޭގައި ކޮވިޑް ޖެހުން ގާތީ މިފަދަ ބަލިމީހުންނަށެވެ.އެއީ އެމީހުންގެ ހަށިގަނޑުގެ ދަފަރާ ބަލިކަށިވާނެތީއެވެ.
ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އޭނާ ޙައްޖާޖީންނަށް ގޮވައިލައްވައެވެ. އަރާމުކުރުމަށާއި ރަނގަޅަށް ނިދުމަށް ސަމާލުކަން ދިނުމަށް އޭނާ ވިދާޅުވިއެވެ. އަބަދުވެސް އަތް ދޮވުމަށާއި ތަވާޒުނު ކޮއްތެއް ކެއުން މުހިއްމުކަމަށް ވިދާޅުވިއެވެ. ހޫނުގަދަވުމުގެ ސަބަބުން ހަށިނގަނޑުގެ ތެތްކަން ކުޑަވެގެން ދިޔަނުދިނުމަށް ޓަކައި ދިޔާއެއްޗެހި ބުއިން ގިނަކުރުން ވަރަށް މުހިއްމުކަމަށާއި އަވީގައި ބޭރުގައި ނޫޅުމަށްވެސް އޭނާ ނަސޭހަތް ދެއްވިއެވެ. ރަނގަޅަށް އަތްދޮވެގެންނޫނީ ލޮލާއި ނޭފަތާއި ކަންފަތުގައި ބީހި ނޫޅުމަށް ވެސް އޭނާ އެންގެވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ސުޢޫދީ ސަރުކާރުން ވަނީ ކޮންމެ ޙައްޖުވެރިއަކަށް ބޭސް ދަބަހެއް ތައްޔާރުކޮށްދީފައެވެ. މި ދަބަހުގައި ފުރަތަމަ ފަރުވާއަށް ބޭނުންވާ ޟަރޫރީ ހުރިހާ އެއްޗެއް ހުންނާނެއެވެ.



advertisment